ކޮޕާ އެމެރިކާ ބްރެޒިލްގައި ބާއްވަން ނިންމައިފި
ކޮޕާ އެމެރިކާ ބްރެޒިލްގައި ބާއްވަން ނިންމައިފި

އަސުންސިއޮން (31 މެއި) - ކޮވިޑް-19ގެ ހާލަތާ ގުޅިގެން މި އަހަރުގެ ކޮޕާ އެމެރިކާ މުބާރާތް އާޖެންޓީނާގައި ބޭއްވޭ ގޮތްނުވުމުން، އެ މުބާރާތް ބްރެޒިލްގައި ބޭއްވުމަށް ދެކުނު އެމެރިކާގެ ފުޓްބޯޅަ ޖަމިއްޔާ ކޮންމެބޯލް އިން މިއަދު ނިންމައިފި އެވެ.

ޖޫން މަހުގެ 13 އިން ޖުލައި 10 އަށް ކުރިއަށް ގެންދަން ރާވާފައިވާ ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ އެންމެ ފުރަތަމަ ބާއްވަން ނިންމީ އާޖެންޓީނާ އާއި ކޮލަމްބިއާގަ އެވެ. އެކަމަކު ކޮލަމްބިއާގެ ދާހިލީ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި މުބާރާތުގެ މެޗުތައް ކުރިއަށް ނުގެންދަން މީގެ ކުރިން ވަނީ ނިންމައިފަ އެވެ. ފަހުން ބެލީ އާޖެންޓީނާގަައި އެކަނި މުބާރާތް ހޯސްޓްކުރުމަށެވެ.

އެކަމަކު އާޖެންޓީނާގައި ކޮވިޑް-19 ހާލަތު ގޯސްވުމާއެކު، ކޮންމެބޯލް އިން ވަނީ އާޖެންޓީނާގައި މުބާރާތް ކުރިއަށް ނުގެންދަން ނިންމައިފަ އެވެ. އަދި އެ އިދާރާ އިން ވަނީ ބްރެޒިލް މުބާރާތުގެ ހޯސްޓަކަށް ހަމަޖައްސާފައިވާކަން މިރޭ އިއުލާންކޮށްފަ އެވެ. އެންމެ ފަހުން އޮތް ކޮޕާ އެމެރިކާ މުބާރާތް ވެސް ހޯސްޓް ކުރީ ބްރެޒިލް އެވެ.

މިއީ މިދިޔަ އަހަރު ބާއްވަން ތާވަލްކުރި މުބާރާތެކެވެ. އެކަމަކު ކޮވިޑް-19އާ ގުޅިގެން އެ މުބާރާތް ކޮންމެބޯލް އިން 12 މަަހަށް ފަސްކުރީ އެވެ.

ބްރެޒިލްގައި މުބާރާތް ބާއްވަން ކޮންމެބޯލް އިން ނިންމިއިރު، އެ ގައުމުގައި ވެސް ކޮވިޑްގެ ހާލަތު ވަކި ރަނގަޅެއް ނޫނެވެ. ބްރެޒިލްގެ ސަރުކާރުން ކޮވިޑް-19ގެ ކަންތައްތައް ރަނގަޅަށް މެނޭޖްނުކުރެވޭ ކަމަށް ބުނެ، މިދިޔަ ހޮނިހިރު ދުވަހު ސަރުކާރާ ދެކޮޅަށް އާންމުން ނުކުމެ، މުޒާހަރާ ވެސް ކުރި އެވެ. -- އޭއެފްޕީ