އީރާނުން 16 ގުނަ އިތުރަށް ޔޫރޭނިއަމް ފައްކާކޮށްފި
އީރާނުން 16 ގުނަ އިތުރަށް ޔޫރޭނިއަމް ފައްކާކޮށްފި

އީރާނާއި ދުނިޔޭގެ އަސްކަރީ ގޮތުން އެންމެ ބާރުގަދަ ހަ ގައުމާ ދެމެދު، 2015 ވަނަ އަހަރު ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާގައި ހުއްދަ ދީފައިވާ މިންވަރަށް ވުރެ 16 ގުނަ އިތުރަށް، ފައްކާކޮށްފައިވާ ޔޫރޭނިއަމް، މިހާރު އެ ގައުމުގައި އެބަހުރި ކަމަށް، ބައިނަލްއަގްވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އީރާނުގައި މިހާރު 3241 ކިލޯގެ، ފައްކާކުރި ޔޫރޭނިއަމް ހުންނާނެކަމަށް ލަފާކުރެވެ އެވެ. ނަމަވެސް މިއަދަދު މުޅިން ކަށަވަރުނުވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ. އީރާނާއެކު އެއްބަސްވެފައިވާ މުއާހަދާގައި ހުއްދަ ދީފައި އޮތީ، 202.8 ކިލޯގެ ފައްކާކުރި ޔޫރޭނިއަމެވެ.

އީރާނާއި ބޮޑެތި ބާރުތަކާ ދެމެދު އެއްބަސްވި ނިއުކްލިއާ މުއާހަދާ އަށް އަމަލުނުކުރުމަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި ވަނީ ނިންމައިފަ އެވެ. ނަމަވެސް ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މުއާހަދާ އަށް އަމަލުކުރަން ފެށުމަށް އެގައުމުން މިހާރު ވަނީ ނިންމައިފަ އެވެ.

އީރާންގެ ހާރިޖީ ވުޒާރާއިން އިއްޔެ ބުނި ގޮތުގައި، ނިއުކްލިއާ މުއާހަދާ އަލުން މުރާޖައާ ކުރުމަށް، އީރާނާއި މުއާހަދާގެ އަނެއް ހަ ބައިވެރިންގެ މެދުގައި ކުރަމުން އަންނަ މަސައްކަތުން ވަރަށް ބޮޑު ކުރިއެރުމެއް މިހާރުވަނީ ލިބިފަ އެވެ. އެހެން ނަމަވެސް، އެކަމުގައި ހައްލުކުރަންޖެހޭ މުހިންމު މައްސަލަތަކެއް އެބަހުރި ކަމަށް ވެސް އީރާނުން ބުންޏެވެ.

އީރާނާއި އަނެއް ހަ ގައުމުން މަޝްވަރާތައް ކުރަމުން އަންނަނީ، މިދިޔަ އެޕްރީލް މަހުން ފެށިގެން ވިއެނާގަ އެވެ. ވިއެނާގައި ކުރިއަށްދާ މަޝްވަރާތަކުން އެކަށީގެންވާ ކުރިއެރުން ލިބެމުން ދިޔަ ނަމަވެސް، އަވަސް އަރުވާލައިގެން ކަންކަން ނިންމަން ބޭނުން ނުވާ ކަމަށް، އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ސައީދު ހަތީބުޒާދާ ވިދާޅުވި އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން، އީރާނުން އަލުން ޔޫރޭނިއަމް ފައްކާކުރަން ފެށީ، މީގެ ތިން އަހަރު ކުރިން، ނިއުކްލިއާ މުއާހަދާއިން އެމެރިކާ ވަކިވުމާ ގުޅިގެންނެވެ. ޓްރަމްޕުގެ ވެރިކަމުގެ އެ މުއާހަދާއިން އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.

ނިއުކްލިއާ މުއާހަދާގައި އަލުން ބައިވެރިވާން ނިންމައި، ރައީސް ބައިޑެން ވިދާޅުވީ އީރާނުން ނިއުކްލިއާ މުއާހަދާއަށް ފުރިހަމައަށް އަމަލުކުރަން ފެށުމުން، ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލާނެ ކަމަށެވެ. ނަމަވެސް އީރާނުން ބުނަނީ، އެގައުމުން އަލުން ނިއުކްލިއާ މުއާހަދާ ތަންފީޒުކުރަން ފަށާނީ، އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމުން ކަމަށެވެ.

މިހާރު ވިއެނާގައި ކުރިއަށް ދާ މަޝްވަރާތަކުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތައް، އަދި އީރާނާއި އެމެރިކާއިން އެއްބަސްވާ ގޮތްތައް މިހަފުތާގެ ތެރޭގައި އިއުލާންކުރެވޭނެ ކަމަށް، މަޝްވަރާތަކުގައި ބައިވެރިވާ ވިލާތުގެ އޮފިޝަލަކު ވިދާޅުވި އެވެ.