02 ޖޫން 2021 - 12:39

މެޑްރިޑް (2 ޖޫން) - ރެއާލް މެޑްރިޑްގެ ކޯޗް ކަމާ، ދެ ވަނަ ފަހަރަށް ހަވާލުވި ކާލޯ އަންޗެލޯޓިގެ އެސިސްޓެންޓް ކޯޗަކަށް، ކުރިން އޭނާގެ ކޯޗް ކަމުގެ ދަށުން ރެއާލަށް ކުޅުނު އަލްވާރޯ އާބެލޯ ގެންދަން އުޅޭ ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފި އެވެ.
އާބެލޯ ވަނީ، އަންޗެލޯޓިގެ ކޯޗް ކަމުން ޗެމްޕިއަންސް ލީގު 2014 ގައި ކާމިޔާބު ކުރި ރެއާލްގެ ޓީމުގައި ހިމެނިފަ އެވެ. ޕްރިމިއާ ލީގުގެ ލިވަޕޫލާއި ވެސްޓްހަމް ޔުނައިޓެޑަށް ކުޅުނު އާބެލޯ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2017 ގަ އެވެ.
ހަ އަހަރުގެ މެދުކެނޑުމަކަށް އަލުން ރެއާލްގެ ކޯޗް ކަމާ ހަވާލުވި އަންޗެލޯޓީ، ރެއާލްއަށް އެނބުރި ދިޔައީ ވެސް އޭނާއާ އެކު އެވަޓަންގައި މަސައްކަތްކުރި ހަ އެސިސްޓެންޓުން ގޮވައިގެންނެވެ.
ރެއާލްގައި އޭނާ މަސައްކަތް ކުރި ދެ އަހަރު އޭނާ ވަނީ އެ ކުލަބުގެ ކުރީގެ ދެ ކުޅުންތެރިންނަށް އޭނާގެ އެސިސްޓެންޓަކަށް ވުމުގެ ފުރުސަތު ދީފަ އެވެ. ރެއާލްގެ ކޯޗް ކަމުން މިދިޔަ ހަފުގާއި އިސްތިއުފާ ދިން ޒައިނުއްދީން ޒިދާން ކޯޗިން ކެރިއާ ފެށީ، އަންޗެލޯޓީގެ އެސިސްޓެންޓެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ބަދަލުވީ ރެއާލްގެ ބީ ޓީމަށެވެ.
އަންޗެލޮޓީގެ ދެ ވަނަ އަހަރު އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރީ ރެއާލްގެ ކުރީގެ ޑިފެންޑަރު ފެނާންޑޯ އިއޭރޯ އެވެ.
އާބެލޯ ވަނީ، ރެއާލްގެ ކޯޗަކަށް އަންޗެލޯޓީ ހަމަޖެއްސުމުން އޭނާއަށް ތައުރީފް ކޮށް މަރުހަބާ ކިޔައިފަ އެވެ.
"އޭނާގެ ކުޅުންތެރިންނަށް ޕްރެޝަރެއް ނެތި ކުޅުމުގެ ފުރުސަތު އޭނާ ތަނަވަސްކޮށް ދޭނެ. އަހަރެމެން 10 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދިއރު އެކަން ވަރަށް ބޮޑަށް ތަޖުރިބާ ކުރިން." އާބެލޯ ބުންޏެވެ.
އާބެލޯ މިހާރުވެސް ރެއާލްގެ މަގާމެއްގައި މަސައްކަތް ކުރެ އެވެ. ރެއާލް މެޑްރިޑް ޓީވީގައި އެނަލިސްޓެއްގެ ގޮތުގައި އޭނާ ބައިވެރި ވެއެވެ.