02 ޖޫން 2021 - 23:04

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 704 މީހަކަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗުޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް 5،181 ސާމްޕަލެއް ނަގާފައިވާއިރު ކޮވިޑަށް ޕޮޒިޓިވްވީ 704 މީހަކު ކަމަށެވެ. އެއީ މާލެ ސަރަހައްދުން 407 މީހަކާއި ރަށްރަށުން 271 މީހުން އަދި ރިސޯޓުތަކުން 18 މީހަކާއި ތަރައްގީ ކުރަމުން އަންނަ ރިސޯޓުތަކުން އަށް މީހެކެވެ.
މިއާ އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 65،868 އަށް އަރާފައިވާއިރު މިހާތަނަށް އޭގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 41،779 މީހެކެވެ. މިވަގުތު ބަލިން ރަނގަޅު ނުވެ ތިބީ 23،909 މީހެކެވެ.
ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދުތައް މިހާރު ދަށްވެފައިވާއިރު މިވަގުތު ހޮސްޕިޓަލުގައި ތިބީ 197 މީހެކެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު ވެސް 171 އަށް އަރަ އެވެ. ރާއްޖެ އިން ކޮވިޑްގައި އެންމެ ގިނައިން މީހުން މަރުވީ މިދިޔަ މަހުގަ އެވެ.
ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތްއިރު ބަލި ފެނިގެން މޮނިޓަރިންއަށް ލާފައިވާ ރަށްރަށުގައި ދަނީ ކާފިއު ވެސް ހިންގަމުންނެވެ.
ކޮވިޑްގެ ކޭސްތައް ކުއްލިއަކަށް 1،500 އިން މައްޗަށް އަރައިގެން ދިޔައީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު އެވެ.