"ބިގް ބޮސް 15" އިން ނުފެންނާނެ: ބޫމިކާ
"ބިގް ބޮސް 15" އިން ނުފެންނާނެ: ބޫމިކާ

ސަލްމާން ޚާން ހޯސްޓްކޮށް، ކަލާޒް ޗެނެލުން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ސީޒަން 15 އިން ފެންނާނެ ކަމަށް ބުނެ މީޑިއާތަކުގައި ފަތުރާ ވާހަކަތައް ބަތަލާ ބޫމިކާ ޗާވްލާ ދޮގުކޮށްފި އެވެ.

އެ ޝޯ މި އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު ހިސާބުގައި ފަށާނެ ކަމަށް ބެލެވޭ އިރު އާ ސީޒަނުން ފެންނާނެ ކަމަށް ބުނެ އެކި ފަންނާނުންގެ ނަންތައް މިހާތަނަށް މީޑިއާތަކަށް ތިލަވެފައިވެ އެވެ. އޭގެ ތެރެއިން ބޫމިކާ އަކީ އެކެކެވެ.

ސަލްމާނާ އެކު 2003 ގެ ފިލްމު "ތެރޭ ނާމް" އިން ފެނިގެން ދިޔަ 42 އަހަރުގެ ބަތަލާ ކުރި ޓްވީޓެއްގައި ބުނީ އޭނާ "ބިގް ބޮސް 15" އިން ފެންނާނެ ކަމަށް ބުނެ ފަތުރަނޫ ވާހަކަ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ޝޯ އޭނާ އަށް ހުށަހެޅި ނަމަވެސް ގަބޫލުނުކުރާނެ ކަމަށް ބުންޏެވެ.

"މީގެ ކުރިން އެ ޝޯގެ ފުރަތަމަ ތިން ސީޒަނާއި ފަހުގެ ސީޒަންތަކެއް ވެސް އަހަންނަށް އޮފާކުރީމަ ގަބޫލުނުކޮށް ދޫކޮށްލާފައި ވާނީ،" ބޫމީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި 15 ވަނަ ސީޒަނުން މިހާތަނަކަށް ހުށަހެޅުމެއް އައިސްފައެއް ވެސް ނެތެވެ.

"ލިބުނަސް އަހަރެން އެ ގަބޫލެއް ނުކުރާނަން. އަހަންނަކީ ޕަބްލިކާ ފިގާއެއް. އެކަމަކު އަހަންނަކީ ވަރަށް ޕްރައިވެޓް މީހެއް. އެހެންވީމަ ސައުވީސް ގަޑިއިރު ކެމެރާތަކުގެ ކުރިމައްޗަކު ނުހުރެވޭނެ،" އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީން ވިދާލައި ފަހުން ބޮލީވުޑްގެ ފިލްމުތަކެއް ކުޅުނު ބޫމިކާ ބުންޏެވެ.

"ބިގް ބޮސް" އަކީ ސެލެބްރިޓީންތަކެއް އެއްފުރާޅެއްގެ ދަށުގައި ތިން މަހެއްހާ ދުވަސް ވަންދެން ގެންގުޅޭ ޝޯއެކެވެ. އެ މުއްދަތުގެ ތެރޭގައި އެ މީހުންގެ ހުރިހާ ހަރަކާތްތައް ބަލަން ގޭގެ ފާހާނާތެރެ ނޫން ހުރިހާ ތަނެއްގައި ކެމެރާ ހަރުކޮށްފައި ހުރެ އެވެ.

މި ޝޯގެ 15 ވަނަ ސީޒަނުގެ ވާހަކަ މި ދުވަސްކޮޅި ވަރަށް ގަދައަށް ދެކެވެމުން އަންނަ އިރު އާ ސީޒަނުން ފުރުސަތު ދިން ކަމަށް ބުނާ ބައެއް ތަރިންގެ ތެރޭގައި ފަހުގެ "ކަސޯޓީ" ކުޅުނު އެކްޓަރު ޕާތު ސަމްތާނާއި ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލާގައި ތުހުމަތުތަކެއް ކުރެވުނު ރިއާ ޗަކްރަބަތީ އާއި "ނާގިން 5" ގެ ބަތަލާ ސުރްބީ ޗަންދުނާ އާއި 14 ވަނަ ސީޒަނުގައި ވާދަކޮށް ދެވަނަ އަށް ދިޔަ ރާހުލް ވައިދިއާގެ ލޯބިވެރިޔާ އަދި ބަތަލާ ޑިޝާ ޕަރްމަރް އާއި މަޝްހޫރު ސިޓްކޮމް "ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ" ގެ ބަތަލާ ޑިޝާ ވަކާނީ އާއި މަޝްހޫރު ކޮމީޑިއަން ކުރުޝްނާ އަބީޝެކާއި މަޝްހޫރު ޓީވީ ބަތަލާއިން ކަމަށްވާ ނިއާ ޝަރުމާ އާއި ސަނާޔާ އިރާނީ އާއި ވީޖޭ/މޮޑެލް އަނޫޝާ ޑަންޑޭކަރް ހިމެނެ އެވެ.

މީގެ ތެރެއިން ބައެއް ފަންނާނުން ވަނީ "ބިގް ބޮސް 15" އިން ފެންނާނެ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.

މި އަހަރުގެ ކުރީކޮޅު ނިންމައިލި "ބިގް ބޮސް 14" ކާމިޔާބުކުރީ ޓީވީ ބަތަލާ ރުބީނާ ދިލައިކެވެ.