10 ޖޫން 2021 - 12:56

ފްރާންސް އަކީ ފުޓްބޯޅައިގައި ވަރުގަދަ ނަމެކެވެ. މި އަހަރުގެ ޔޫރޯގައި ވާދަކުރާ ފްރާންސްގެ ޓީމަށް ބަލާލިޔަސް، ފެނިގެންދަނީ ތަރިންގެ ޓީމެކެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެތައް ކުޅުންތެރިންނެއް، ފްރާންސްގެ ޓީމުގައި މިހާރު ވެސް އެބަތިއްބެވެ.

ފްރާންސް ވަނީ މީގެ ކުރިން ޔޫރޯ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އެންމެ ފުރަތަމަ ފްރާންސް ޔޫރޯ މުބާރާތް ކާމިޔާބުކުރީ 1984 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން ފްރާންސް ޔޫރޯ ކާމިޔާބުކުރީ 2000 ވަނަ އަހަރެވެ.

އަމިއްލަ ގައުމުގައިު 2016 ވަނަ އަހަރު އޮތް ޔޫރޯގެ ފައިނަލަށް ފްރާންސް ދަތުރުކުރި ނަމަވެސް، އެ މުބާރާތުގެ ފައިނަލްގައި ފްރާންސް ވަނީ ޕޯޗުގަލް އަތުން ބަލިވެފަ އެވެ.

ވޯލްޑް ކަޕް 2018ގެ ޗެމްޕިއަންކަން ފްރާންސް ހޯދުމާ އެކު، މި އަހަރުގެ ޔޫރޯގައި ފްރާންސް އަކީ ވަރަށް ބޮޑު ފޭވަރިޓެކެވެ.
މި އަހަރުގެ ޔޫރޯ އަށް ފްރާންސް ކޮލިފައިވީ ގުރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ފްރާންސް މި ގުރޫޕްގެ އެއްވަނަ ހޯދީ ކުޅުނު 10 މެޗުގެ ތެރެއިން، އަށް މެޗުން މޮޅުވެގެނެވެ. ފްރާންސް ކޮލިފައިން ގުރޫޕް އެއްވަނައިގައި ނިންމާލީ 25 ޕޮއިންޓާ އެކު އެވެ. މި ގުރޫޕްގައި ފްރާންސްއާ އެންމެ ގާތުން ވާދަކުރި ތުރުކީ ގުރޫޕް ނިންމާލީ 23 ޕޮއިންޓާ އެކު އެވެ.
މި އަހަރުގެ ޔޫރޯ އަކީ ފްރާންސް ޔޫރޯގައި ވާދަކުރާ 10 ވަނަ ފަހަރެވެ.
ފްރާންސް އަކީ ތަރިންގެ ޓީމެކެވެ. މި އަހަރުގެ ޔޫރޯގައި ފްރާންސްއާ އިދިކޮޅަށް ކުޅޭ ޓީމުތަކުން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކުޅުންތެރިޔަކީ ޒުވާން ފޯވަޑް ކިލިއަން އެމްބާޕޭ އެވެ. ފްރާންސް އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދިއިރު، އެމްބާޕޭގެ ދައުރު ބޮޑެވެ. އެހެންކަމުން، މި އަހަރުގެ ޔޫރޯގައި ވެސް އެމްބާޕޭގެ ވިދުން ގަދަވާނެ ކަމަށް ސަޕޯޓަރުން އުންމީދުކުރެ އެވެ.
މި ނިމިގެންދިޔަ ސީޒަނަށް ބަލާއިރު، އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އެވެ. ވޯލްޑް ކަޕް 2018 ގައި ވެސް، ފްރާންސްގެ ޓީމުގައި ކާންޓޭ ފާހަގަކުރެވުނެވެ. ކާންޓޭއާ އެކު، ފްރާންސްގެ މެދުތެރެ ބެލެހެއްޓުމުގައި ދެން އެންމެ މުހިންމު ރޯލެއް އަދާކުރާނީ މެންޗެސްޓާ ޔުނައިޓެޑްގެ ޕޯލް ޕޮގްބާ އެވެ.
ބާސެލޯނާގެ ފޯވަޑް އެންޓުއާން ގްރީޒްމަނާއި އޮލިވިއޭ ޖިރޫ ފަދަ ކުޅުންތެރިންނާ އެކު، ފްރާންސްގެ ފޯވަޑް ލައިންގައި މި ފަހަރު ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާ ފެނިގެންދާނެ އެވެ. ދުވަސްތަކަށް ފަހު ބެންޒެމާ އަށް އަލުން ގައުމީ ޓީމުން ޖާގަ ދިންއިރު، ބެންޒެމާއާ އެކު ފްރާންސްގެ ޓީމު އިތުރަށް ވަރުގަދަވާނެ އެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަކީ ކުޅުންތެރިއެއްގެ ގޮތުގައި އެ ގައުމު ލެޖެންޑެކެވެ. ފްރާންސް އިން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރިއިރު، ޓީމުގެ ކެޕްޓަނަކީ ޑެޝޯމްޕްސް އެެވެ.
ޑެޝޯމްޕްސްގެ ކޯޗިން ކެރިއަރު 2001 ވަނަ އަހަރު ފެށީ ފްރާންްސްގެ މޮނާކޯ އިންނެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ޔުވެންޓަސް އާއި މާސޭ އަށް ކޯޗުކޮށްދީފަ އެވެ.
ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ޑެޝޯމްޕްސް ހަވާލުވީ 2012 ވަނަ އަހަރެވެ. ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ.
ފްރާންސްގައި 2016 ވަނަ އަހަރު އޮތް ޔޫރޯގެ ފައިނަލަށް ފްރާންސް ދަތުރުކުރީ ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުންނެވެ. ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް އިން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.