11 ޖޫން 2021 - 08:19

ފްރާންސްގެ މަޝްހޫރު ފެޝަން ކުންފުނި ބެލެންޝިއާގާ އާއި އެމެރިކާގެ ބޫޓު ކުންފުނި ކްރޮކްސް ގުޅިގެން ނެރެން ނިންމާފައިވާ ހީލް ކްރޮކްސް އަށް އާންމުން ޖޯކް ޖަހައި، ފާޑުކިޔަން ފަށައިފި އެވެ.
އަންނަ އަހަރު ބަހާރު މޫސުމުގެ "ބެލެންޝިއާގާ ކްލޯންސް" ކަލެކްޝަންގެ ތެރެއިން، ދެ ކުންފުނިން ގުޅިގެން ނެރެން ނިންމާފައި ވަނީ ހީލް ކްރޮކްސް އާއި ކަކުލާ ހަމައަށް ހުންނަ ކްރޮކްސް ބޫޓެވެ. މި ދެ ޑިޒައިން އާންމުކުރުމާ އެކު ގިނަ ބަޔަކަށް ޖޯކަކަށްވީ ކްރޮކްސް އަށް ހީލްއެއް އިތުރުކޮށްފައިވާތީ އެވެ.
އެ ޑިޒައިން ހުރި ގޮތުން ހީވަނީ މި ރަބަރު ފައިވާނުގެ ފުންނާބުގެ ދަށަށް މޮހޮރެއް ޖަހާފައި އިންނަހެންނެވެ. ކްރޮކްސް އަކީ ގަދަ ކުލަކުލައިން އާންމުކޮށް ނެރޭ ވަރަށް ސާދާ ބޫޓު ސްޓައިލްގެ ފައިވާނެކެވެ.
ކްރޮކްސްގެ މި އުފެއްދުމުގެ ތެރެއަށް ބެލެންޝިއާ ވަދެ "ހާވާފާއި އޮތީ ހަޑިއެއް" ކަމަށް ވަރަށް ގިނަ ބަޔަކު ބުނެ މިހާރު އަންނަނީ ޓްވިޓާގައި ފާޑުކިޔަމުންނެވެ. ކްރޮކްސް އަށް ހީލް އިތުރުކޮށް، ގެނެސްދޭ އިރު އެ ޑިޒައިން ހާއްސަވާނީ ހަމަ ޔަގީނުން ވެސް އަންހެނުންނަށެވެ. އެކަމަކު ބައެއް މީހުން ބުނީ މި އަންހެނުން ވެސް ބަލައިގަންނާނެ އެއްޗެއް ނޫން ކަމަށެވެ. ޓްވިޓާގައި މިއަށް ބޮޑަށް ފާޑުކިޔަނީ ވެސް އަންހެނުންނެވެ.
ބައެއް މީހުން ވަނީ ކްރޮކްސް އަށް މިފަދަ ޑިޒައިނެއް ގެނައި ސަބަބާ ބެހޭ ގޮތުން ވެސް ސުވާލު އުފައްދައިފަ އެވެ.
"އަހަރެން ހިތަށް އަރާ މިއީ ކީއްކުރަން ކޮށްފައި އޮތް ކަމެއް ބާއޭ؟" މީހަކު ޓްވިޓާގައި ބުންޏެވެ.
އެހެން މީހަކު ބުނި ގޮތުގައި އޭނާ އަކީ އަބަދު ވެސް ކްރޮކްސް ވަރަށް ކަމުދާ މީހެކެވެ. އެކަމަކު ހީލް ކްރޮކްސްއަކަށް ދުވަހަކު ވެސް ނާރާނެ ކަމަށް ބުންޏެވެ.
ހީލް ކްރޮކްސް ވިއްކާނެ އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ބުނީ އޭގެ އަގަކީ 845 ޑޮލަރު (13,097ރ.) ކަމަށެވެ. މީގެ އެކި ކުލަތައް ނެރޭނެ އެވެ. ކްރޮކްސްއެއްގެ އާންމު އަގަކީ އެވްރެޖްކޮށް 56 ޑޮލަރު (868 ރުފިޔާ) އެވެ.