11 ޖޫން 2021 - 19:41

ރިއޯ ޑިޖެނެއިރޯ (11 ޖޫން) - ބްރެޒިލްގައި ކޮވިޑް-19ގެ ހާލަތު ގޯސްވިޔަސް، އެ ގައުމުގައި ކޮޕާ އެމެރިކާ ބޭއްވޭނެ ކަމަށް ބްރެޒިލްގެ ސުޕްރީމް ކޯޓުން މިއަދު ނިންމައިިފި ނިންމައިފި އެވެ.
ކޮޕާ އެމެރިކާ ހުއްޓުވުމަށް ބްރެޒިލްގެ ސުޕްރީމް ކޯޓަށް ދެ ފަރާތަކުން މައްސަލަ ހުށަހެޅީ ބްރެޒިލްގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި، ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ އެ ގައުމުގައި ބޭއްވުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ބުނެ އެވެ. ބްރެޒިލްގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި މުބާރާތް ބާއްވާތީ، އެކަމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.
ސުޕްރީމް ކޯޓުން އޮންލައިންކޮށް ބޭއްވި އެމަޖަންސީ އަޑުއެހުމެއްގައި، މިއަދު ނިންމީ މުބާރާތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މި މުބާރާތް ހުއްޓުވުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށެވެ.
އެހެން ނަމަވެސް، މުބާރާތް ކުރިއަށް ގެންދާއިރު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދާނާ ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ. އަދި
ސުޕްރީމް ކޯޓުގެ ނިންމުމާއެކު، ބްރެޒިލްގައި މި މަހުގެ 13 ވަނަ ދުވަހު މުބާރާތް ފެށުމަށް އެއްވެސް ހުރަހެއް ނެތެވެ.
ޖޫން މަހުގެ 13 އިން ޖުލައި 10 އަށް ކުރިއަށް ގެންދަން ރާވާފައިވާ ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ އެންމެ ފުރަތަމަ ބާއްވަން ނިންމީ އާޖެންޓީނާ އާއި ކޮލަމްބިއާގަ އެވެ. އެކަމަކު ކޮލަމްބިއާގެ ދާހިލީ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި މުބާރާތުގެ މެޗުތައް ކުރިއަށް ނުގެންދަން މީގެ ކުރިން ވަނީ ނިންމައިފަ އެވެ. ފަހުން ބެލީ އާޖެންޓީނާގަައި އެކަނި މުބާރާތް ހޯސްޓްކުރުމަށެވެ.
އެކަމަކު އާޖެންޓީނާގައި ކޮވިޑް-19 ހާލަތު ގޯސްވުމާއެކު، ކޮންމެބޯލް އިން ވަނީ އާޖެންޓީނާގައި މުބާރާތް ކުރިއަށް ނުގެންދަން ނިންމައިފަ އެވެ. އަދި ބްރެޒިލް އަށް މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ދިނެވެ.
ބްރެޒިލްގައި މުބާރާތް ހޯސްޓްކުރިޔަސް، އެތައް ބަޔަކު ދަނީ އެކަމާމެދު ނުރުހުން ފާޅުކުރަމުންނެވެ. މި މުބާރާތުން ބައެއް ސްޕޮންސަރުނަ ވަކިވެފައިވާއިރު، ބައެއް ކުޅުންތެރިންނާއި ކޯޗުން ވެސް ވަނީ މި ދަނޑިވަޅުގައި މުބާރާތް ބާއްވާތީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ކުޅުންތެރިން ވެސް ހިމެނެ އެވެ.
މިއީ މިދިޔަ އަހަރު ބާއްވަން ތާވަލްކުރި މުބާރާތެކެވެ. އެކަމަކު ކޮވިޑް-19އާ ގުޅިގެން އެ މުބާރާތް ކޮންމެބޯލް އިން 12 މަަހަށް ފަސްކުރީ އެވެ. -- އޭއެފްޕީ