އަލްޖީރިއާގެ އާންމު އިންތިހާބަށް ފިނި ތަރުހީބެއް
އަލްޖީރިއާގެ އާންމު އިންތިހާބަށް ފިނި ތަރުހީބެއް

ދެ އަހަރުން ފެށިގެން ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތް އަލްޖީރިއާގައި އިއްޔެ ބޭއްވި އާންމު އިންތިހާބަށް، ކުރިން ވެސް ލަފާ ކުރެވުނު ގޮތަށް، ލިބުނު ފިނި ތަރުހީބާއެކު ވޯޓުން ނިންމާލައި ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އަށް 407 މެންބަރުން އިންތިހާބު ކުރުމަށް އިއްޔެ ހެނދުނުން ފެށިގެން ރޭގެ 7:00 އަށް ކުރިއަށް ދިޔަ ވޯޓުލުމުގައި ބައިވެރިވީ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އެންމެ 30 ޕަސެންޓް މީހުންނެވެ. ވޯޓު ފޮށިތައް ބަންދުކުރީ، ވޯޓު ލާން ނުކުތް މީހުންގެ އަދަދު މަދުވުމުގެ ސަބަބުން، އިތުރު އެއްގަޑިއިރު ދިނުމަށް ފަހު އެވެ.

ވޯޓު ލާން އެންމެ މަދުން މީހުން ނުކުތީ، ވެރިރަށް އަލްޖިއާޒްގެ އިރުމަތީގައި އޮންނަ ގަބީލާ އަވަށްތަކުންނެވެ. އެ ސަރަހައްދަކީ މިފަހަރުގެ އިންތިހާބު ބޮއިކޮޓްކޮށްފައިވާ ސަރަހައްދެކެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މަދު އަދަދެއްގެ ބަޔަކު ވޯޓުލުމުގައި ބައިވެރިވި އިރުވެސް، ވޯޓު ލާ ބައެއް މަރުކަޒުތަކުގައި މަކަރު ހަދާފައިވެ އެވެ.

އިއްޔެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު، އިންތިހާބު ބައިކޮޓް ކުރި ޕާޓީތަކުގެ ސަޕޯޓަރުންނާއި ސަލާމަތީ ހިދުމަތްތަކުގެ މެމްބަރުންނާ ދެމެދު ކުރިމަތިލުންތައް ހިނގި އެވެ.

އަލްޖީރިއާގައި މިނިވަން ޑިމޮކްރެޓިކް ސަރުކާރެއް ގާއިމުކުރުމަށް ގޮވާލައި، ރައްޔިތުން ކުރަން ފެށި މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ ކުރީގެ ރައީސް އަބްދުލްއަޒީޒް ބޫތަފްލީގާ އިސްތިއުފާ ދެއްވީ މީގެ ދެ އަހަރުކުރިންނެވެ.

އޭގެ ފަހުން 2019 ވަނަ އަހަރު ބޭއްވި ރިއާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެން، މިހާރުގެ ރައީސް އަބްދުލް މަޖީދު ތަބޫން ވެރިކަމާ ހަވާލުވެވަޑައިގަތުމުން ވެސް، ރައްޔިތުންގެ މުޒާހަރާތަކަށް ހުއްޓުމެއް ނާދެ އެވެ.

އޭގެ ފަހުން، އެ ގައުމުގެ ގާނޫނުއަސާސީ އިސްލާހުކުރުމާ ބެހޭ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ވެސް ނަގައިފި އެވެ. ނަމަވެސް ސިޔާސީ މަސްރަހަށް އަމާން ކަމެއް ނުލިބި، ރައްޔިތުން މިހާރުވެސް ތުހުމަތުކުރަނީ، އެގައުމުގެ ހަގީގީ ވެރިކަން މިހާރުވެސް އޮތީ ސިފައިންނާއި އަމަން ބަލަހައްޓާ ފަރާތްތަކުގެ އަތްމަތީގައި ކަމަށެވެ.

އިއްޔެގެ އިންތިހާބުގައި ވޯޓު ލެއްވުމަށް ފަހު، ރައީސް އަބްދުލް މަޖީދު ވިދާޅުވި ގޮތުގައި ޑިމޮކްރެސީގެ ރޫހަކީ ބައި ގިނަ މީހުން، ބައި މަދު މީހުންނަށް އިހްތިރާމް ކުރުމެވެ. ނަމަވެސް ގޮތް ނިންމުމުގެ ބާރު އަބަދުވެސް އޮންނަނީ ބައި ގިނަ މީހުންގެ އަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މި އިންތިހާބަކީ ކުރިއަށް ވުރެ ރައްޔިތުންނާ ގުޅުން ބޮޑު، ޑިމޮކްރެޓިކް އަލްޖީރިއާއެއް ބިނާކުރެވޭ ފަދަ ބަދަލުތަކަކާ ދިމާލަށް ގެންގޮސްދޭނެ އިންތިހާބަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިއްޔެގެ ވޯޓުލުމުގައި ބައިވެރިވި ބައެއް މީހުން ބުނި ގޮތުގައި، ވޯޓު ލުމުގައި ބައިވެރިވީ އަލަށް އިންތިހާބު ކުރެވޭ ގާނޫނު ހަދާ މަޖިލީހަކީ، ރައްޔިތުން އެދޭ ފަދަ ބަދަލުތައް ގެނައުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވާނެ މަޖިލީހަކަށް ވާނެ ކަމުގެ އުންމީދުގަ އެވެ.