ޑްރަގްގެ މައްްސަލައެއްގައި އުމުރަށް ޖަލަށްލި މީހަކު ސަލާމަތް ވެއްޖެ
ޑްރަގްގެ މައްްސަލައެއްގައި އުމުރަށް ޖަލަށްލި މީހަކު ސަލާމަތް ވެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލި މީހެއްގެ މައްޗަށް ކޮށްފައިވާ އުމުރު ދުވަހުގެ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ހައި ކޯޓުން އެ ހުކުމް ބާތިލްކުރީ، އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަދަދާ މެދު ސުވާލު އުފެދިގެންނެވެ.

ހ. ބްރެޑްލީ، ހުޒެއިމަތު ނައީމްގެ އަތުން މަސްތުވާތަކެތި ފެނުނީ ކެނެރީ މަގުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ދިޔަ އިރު އޭނާ އެތަނުގައި މަސްތުގެ ހާލަތުގައި ހުއްޓާ، ފުލުހުން ގޮސް އޭނާ ބަލައި ފާސް ކުރުމުންނެވެ. އޭނާ ލައިގެން ހުރި ޖަންގިޔާ ތެރޭގައި އޮތް ފިލްމު ހުސްކުރި ދަޅަކުން 17.3 ގްރާމުގެ ކެނަބިސް ފެނިފައިވެ އެވެ.

އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.

އޭނާ ވަނީ އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށާއި އޭނާ އަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށް ކްރިމިނަލް ކޯޓުގައި އެއްބަސްވެފަ އެވެ. އެ ކޯޓުން ހުކުމް ކުރީ އޭނާ 100،000ރ. އިން ޖޫރިމަނާ ކުރުމާ އެކު އުމުރު ދުވަހަށް (25 އަހަރަށް) ޖަލަށް ލާށެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި 14 ގްރާމަށް ވުރެ ގިނަ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްއެއް ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެ ނަމަ، އެއްޗެއް އޭނާގެ އަތުގައި އެ ތަކެތި ހުރީ ހުރީ ޓްރެފިކް ކުރަން ކަމުގައި ބެލެވޭނެ އެވެ.

އެ މައްސަލައިގައި ހައި ކޯޓުގައި ސުވާލު އުފެދުނީ ހުޒެއިމަތުގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ފުލުހުން ބެލި ގޮތާ މެދު އެވެ. ފުލުުހުން ހެދި ތަހުލީލު ރިޕޯޓުގައި ވަނީ ފިލްމު ހުސްކުރި ދަޅުން ފެނުނީ 11.34 ގްރާމުގެ ޓެޓްރާހައިޑްރޯކެނަބިނޯލް އާއި 1.05 ގްރާމުގެ ކެނެބިނޯލްއާ އެކު ޖުމްލަ 17.3 ގްރާމު ކަމަށެެވެ. އިމްޕިއުރިޓީސް ނުވަތަ އެހެން މާއްދާތައް ފެނުނު ނަމަވެސް، އޭގެބަރުދަނެއް ބުނެފައި ނުވެ އެވެ.

ހައި ކޯޓުގައި ހުޒެއިމަތުގެ ފަރާތުން ބުނެފައި ވަނީ ފުލުހުން މަސްތުވާތަކެތީގެ ބަރުދަން ބަލާފައި ވަނީ ފިލްމު ހުސްކުރި ދަޅު ވެސް ހިމަނައިގެން ކަމަށާއި އެއީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ. ނަމަވެސް، ދައުލަތުން ބުނެފައި ވަނީ މަސްތުވާތަކެތީގެ އަދަދު ބަލާފައި ވަނީ ފިލްމު ހުސްކުރި ދަޅު ނުލައި ކަމަށެވެ.

އޭގެ އިތުރުން، 17.3 ގްރާމު ހަމަ ވަނީ އިމްޕިއުރިޓީސްއާ ނުލައި ކަމަށް ދަށު ކޯޓުގައި ފުލުހުން ބުނެފައިވާއިރު އެ އަދަދު ހަމަވަނީ ކޮން ގޮތަކުން ކަމާ މެދު ސުވާލު އުފެއްދި އެވެ. އޭގައި ހުރި މަސްތުވާތަކެތީގެ ބަރުދަނަށް ވާނީ ޓެޓްރާހައިޑްރޯކެނަބިނޯލް އާއި ކެނަބިނޯލް ހިމެނޭހެން ޖުމްލަ 12.4 ގްރާމު ކަމަށް ހުޒެއިމަތުގެ ފަރާތުން ބުނެފައިވެ އެވެ.

މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގެ އެއްވެސް ތަނެއްގައި ބަރުދަން ބެލީ ދަޅު ހިމަނައިގެން ނުވަތަ ނޫން ކަމެއް ބަޔާންކޮށްފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި ޖުމްލަ ބަރުދަނަކީ 17.3 ގްރާމު ކަމަށް އެ ރިޕޯޓުގައި ބަޔާން ކުރިޔަސް، އޭގައި ހުރި ކަމަށް ބުނާ ޓެޓްރާހައިޑްރޯކެނަބިނޯލް އާއި ކެނަބިނޯލްގެ ބަރުދަން އެއްކޮށްލުމުން ހަމަވަނީ 12.4 ގްރާމުކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ.

އަދި ފެނުނު ތަކެތީގައި އިމްޕިއުރިޓީސް ފެނިފައިވާ ކަމަށް ރިޕޯޓުގައި ނެތް ކަމަށާއި، ޖުމްލަ ބަރުދަން ބަލާފައި ވަނީ އެެފަދަ މާއްދާތަކެއް ހިމަނައިގެން ކަމަށް ވެސް ބަޔާން ކޮށްފައި ނެތްކަން ހުކުމުގައި ފާހަގަ ކުރި އެވެ.

ހުކުމުގައި ވަނީ ސަތާރަ ގްރާމު އަންނަނީ އިމްޕިއުރިޓީސް ނުހިމަނާ ކަމަށް ވެސް ފުލުހުން ދަށު ކޯޓުގައި ބުނެފައިވާ އިރު ޖުމްލަ މަސްތުވާތަކެތީގެ އަދަދު 17.3 އަށް އަރާ ގޮތް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޔަގީން ނުވާ ކަމަށެވެ.

ހުކުމުގައި އިތުރަށް ބުނެފައި ވަނީ ފެނުނު މަސްތުވާތަކެތީގެ ޖުމްލަ އަދަދަކީ 12.4 ގްރާމު ކަމަށް ބުރަވެވޭ ކަމަށެވެ. އެ މިންވަރުން ވެސް ޓްރެފިކް ކުރުން ސާބިތު ކުރެވިދާނެ ގޮތްތައް ގާނޫނުގައި ހުރި ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް، އެ ކަން ދައުލަތުން ދަށު ކޯޓުގައި ސާބިތުކޮށްދީފައި ނުވާ ކަމަށް ބުންޏެވެ.

އެހެންވެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރާށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސެއިން މަޒީދާއި، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި، ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޒީދެވެ.