ބޮޑު އިންޖަރީއެއް ނެތީ ކުޅުންތެރިން ޑިސިޕްލިންވުމުން: ކޯޗު
ބޮޑު އިންޖަރީއެއް ނެތީ ކުޅުންތެރިން ޑިސިޕްލިންވުމުން: ކޯޗު

އުނދަގޫ ހާލަތެއްގައި ޓީމު ތައްޔާރުވާން ޖެހުނު އިރު ވެސް، ބޮޑު އިންޖަރީއެއް ނެތި ދުބާއީގައި ކުރިއަށ ދިޔަ ކޮލިފިކޭޝަން ނިންމާލުމުގެ ސިއްރަކީ ކުޅުންތެރިން ޑިސިޕްލިންވުން ކަމަށް ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ފަހު ތިން މެޗަށް ތައްޔާރުވާން ރާއްޖެ އިން މަސައްކަތް ކުރަން ޖެހުނީ އުނދަގޫ ހާލަތެއްގަ އެވެ. އެހެންނަމަވެސް ކުޅުންތެރިންނަށް ބޮޑު އިންޖަރީއެއް ނުވެ ސަލާމަތް ވުމަގައި ކުޅުންތެރިން ޑިސިޕްލިން ވަރަށް މުހިންމު ދައުރެއް އަދާކުރި އެވެ.

"އަހަރެމެންނާ އެކު ކުޅުންތެރިން ވަރަށް ޑިސްޕްލިން،" ކޫޕަމަން ބުންޏެވެ.

ކޫޕްމަން ބުނީ، ކީޕަރު މުހައްމަދު ފައިސަލް ހުރީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ކަމަށެވެ. ނަމަވެސް ކޮންމެ މެޗަކަށް އޭނާ ފިޓް ކުރުމުގައި ފިޓްނަސް ކޯޗް، ގާހާޑް މާވިންކް މަސައްކަތް މުހިންމުކަމަށް އޭނާ ބުންޏެވެ.

"އަހަރެން ފޯރުކޮށްދިން މައުލޫމާތަށް ބިނާކޮށް އޭނާ [މާވިންކް] ކޮންމެ މެޗަކަށް ވެސް ކުޅުންތެރިން ތައްޔާރުކޮށް ދިނީ،" ކޫޕްމަން ބުންޏެވެ. "ފައިސަލްއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވި. އެކަމަކު ފައިސަލް ފިޓްކޮށް ދިނުމުގައި އޭނާ ރަނގަޅު މަސައްކަތެއް ކުރި."

އޭނާ ބުނީ ކޮންމެ ކްލަބެއްގައި ވެސް ފިޓްނަސް ކޯޗަކު ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކުޅުންތެރިން ފިޓްވުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރެވެނީ ވެސް ކުޅުންތެރިންނަށް ކަމަށް އޭނާ ބުންޏެވެ.

"މީގައި ކުޅުންތެރިންގެ ޒިންމާ މާ ބޮޑު. އަދި ކުޅުންތެރިންނާއި ކޯޗުންނާ ދެމެދު ވެސް އިހްތިރާމް އޮވެގެން މިކަން ކުރެވޭނީ."

ކުޅިވަރު ކުޅޭ ތަންތަން ބަންދުރުމުން ފަސް ހަފުތާ ވަންދެން ޕްރެކްޓިސް ނުކޮށް ތިބުމަށް ފަހު ކުޅުންތެރިން ޕްރެކްޓިސް ފެށީ ހޮޓެލް ޖެންގެ ބޯލް ރޫމްގަ އެވެ. ދަނޑުގައި ޕްރެކްޓިސް ކުރުމުގެ ހުއްދައެއް ނުލިބުނެވެ. ޓީމަށް ދަނޑުގައި ޕްރެކްޓިސް ކުރެވުނީ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީއަށް) ދިޔަ ފަހުންނެވެ.

އުނދަގޫ ހާލަތުގައި ވެސް މިފަހަރު ކޮލިފިކޭޝަންގައި ރާއްޖެއިން ނެރުނު ނަތީޖާއަކީ މިހާތަނަށް ކޮލިފިކޭޝަން މަރުހަލާއެއްގައި ރާއްޖެއިން ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ. އަށް މެޗު ކުޅެ ހަަތް ޕޮއިންޓް ރާއްޖެއިން ހޯދި އެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން އެކުއެކީގައި ކުރިއަށް ގެންދާ މުބާރާތުގައި މިފަހަރު ރާއްޖެ ވާދަ ކުރާނީ ސީދާ ކޮލިފިކޭޝަން ގުރޫޕް ސްޓޭޖްގަ އެވެ. އެންމެ ފަހުގެ އޭޝިއަން ކަޕްގައި ރާއްޖެއަށް ޖެހުނީ ޕްލޭއޮފް ކުޅެގެން ކޮލިފިކޭޝަނުން ޖާގަ ހޯދާށެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އެންމެ ފުރަތަމަ ވާދަ ކުރަން ފެށީ 1997 ވަނަ އަހަރު އެވެ. އެފަހަރުގެ ކޮލިފިކޭޝަންގައި ހުރިހާ މެޗަކުން ރާއްޖެ ބލިވީ އެވެ. އެންމެ ލަނޑެއް ވެސް ނުޖެހި ބައިކޮޅަށް 59 ލަނޑު ވަނެވެ.

ކޮލިފިކޭޝަނެއްގައި ރާއްޖެ އިން މެޗަކުން މޮޅުވީ 2002 ގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި 2001 ގައި ކެމްބޯޑިއާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ޖަރުމަންގައި 2006 ގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅުނު ކޮލިފިކޭޝަނަކީ ރާއްޖޭގެ ފުޓުބޯޅައިގައި ކުޅުނު އެންމެ ތާރީހީ މެޗެވެ. ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ދެކުނު ކޮރެއާ މޮޅުވިޔަ ނުދީ ރާއްޖެއިން ހިފަހައްޓާލައި ކޮރެއާ އަތުން ވެސް ޕޮއިންޓެއް ހޯދި އެވެ. ދެކުނު އެފްރިކާގައި 2010 ގައި ބޭއްވި ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ރާއްޖެ ކޮލިފައިއެއް ނުވެ އެވެ. އެންމެ ފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއަށް ހޯދުނީ ބޫޓާން އަތުން މޮޅުވެގެން ލިބުނު ހަ ޕޮއިންޓެވެ.