ސްވިޑަން ސަލާމަތްވީ ޕެނަލްޓީއަކުން
ސްވިޑަން ސަލާމަތްވީ ޕެނަލްޓީއަކުން

ޕީޓާސްބާގް (ޖޫން 18) - އެމީލް ފޯސްބާގްގެ ޕެނަލްޓީން ސްލޮވޭކިއާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، މުބާރާތުގައި ދެމިއޮތުމަށް ސްވިޑެން އުންމީދު އާ ކޮށްފި އެވެ.

ސްވިޑަން ސަލާމަތްވީ ޕެނަލްޓީއަކުން
ސްވިޑަން ސަލާމަތްވީ ޕެނަލްޓީއަކުން

ސްވިޑެން ކުޅުނު ފުރަތަމަ މެޗުގައި، އެ ޓީމު ސްޕެއިން އަތުން އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. ސްލޮވޭކިއާ ވަނީ ޕޮލެންޑްގެ މައްޗަށް 2-1 އިން މޮޅުވެފަ އެވެ. މިއަދުގެ މެޗުން ސްލޮވޭކިއާ މޮޅުވިނަމަ ގުރޫޕް އީ އިން ދެ ވަނަ ބުރުގެ ފުރަތަމަ ޖާގަ އެ ޓީމަށް ހޯދުނީހެވެ. މެޗުން ބަލިވުމުން އެ ޓީމުވެސް ކުރަން ޖެހޭ އިންތިޒާރު ދިގުވީ އެވެ.

މެޗުގައި ތަފާތަކަށްވީ، ފޯސްބާގް ޖެހި ޕެނަަލްޓީ އެވެ. މެޗުގެ 77 ވަނަ މިނެޓްގައި އޭނާ ޖެހި ޕެނަލްޓީ ސްވިޑެންއަށް ލިބުނީ، އެ ޓީމުގެ ރޮބިން ކްއިސަން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަނުމުން، އޭނާއަށް ހުރަސް އެޅުމުގެ ގޮތުން ސްލޮވޭކިއާގެ ކީޕަރު މާޓިން ޑްބްރަވްކާ ކުރި ޗެލެންޖުގައި ކްއިސަން ވެއްޓުމުންނެވެ.

މެޗުގައި އެންމެ ތަނަވަސް ފުރުސަތުތައް ދެ ޓީމަށްވެސް ފަހިވީ ދެ ވަނަ ހާފުގަ އެވެ. ސްވިޑެންގެ ހާފުގެ މެދެއްހާ ހިސާބުން ސްލޮވޭކިއާ އަށް ލިބުނު ހިލޭޖެހުން އޭރިއާ ތެރެއަށް ނަގައިދިނުމުން އެ ޓީމުގެ ޔުރައި ކަކާ ބޮލުން ފޮނުވާލި ބޯޅަ، ސްވިޑެންގެ ކީޕަރު ރޮބިން އޮލްސެން ދިފާއު ކުރި އެވެ.

އޭގެ ފަހުން، ސްވިޑެންއިން ކޯނަރަކުން ތަނަވަސްވި ބޯޅަ ލޫވިގް އޮގަސްޓިންސަން ބޮލުން ފޮނުވާލުމުން، ސްލޮވޭކިއާގެ ކީޕަރު މާޓިން ޑްބްރަވްކާ އެ ބޯޅަ ދިފާއުކުރި އެވެ. އޭގެ ފަހުން އެލްގްޒެންޑާ އިސާކް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އިސާކްއަށް ވަނީ ފަހުންވެސް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިފަ އެވެ. އޭރިއާ ތެރެއަށް ހުސްކޮށް ވަދެ އޭނާއަށް ޖަހަން ވަގުތު ލިބުނު ނަމަވެސް ލަސް ކުރުމުން އޭނާއަށް ކާމިޔާބެއް ނުވި އެވެ. އޭގެ ކުރިން އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ކީޕަރު ޑްބްރަވްކާ ދިފާއު ކުރީ ގޯލް ލައިން މަތިންނެވެ.