22 ޖޫން 2021 - 13:22

ނަފްރަތުގެ އަމަލުތައް ކުށަކަށް ހަދަން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހެޅި ބިލުގައި، އިސްލާމްދީނާ ދެކޮޅަށް ހިންގާ އަމަލުތަކަކީ ވެސް ކުށެއްގެ ގޮތުގައި ހިމެނުމަށް އިސްލާމިކް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ލަފާ ދީފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ބިލާ މެދު މިނިސްޓްރީގެ ރައުޔު ހޯދަން ރައްޔިތުންގެ މަޖިލީހުން ފޮނުވުމާ ގުޅިގެން ބައެއް ދީނީ އިލްމުވެރިންނާއި ގާނޫނީ ވަކީލުންނާ މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
އެ މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް އެ މިނިސްޓްރީގެ ރައުޔު ބިނާވެފައި ވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނައަށް ގެއްލުން ލިބުމަށް މަގުފަހިވާ ފަދަ ކުށްތައް މަނާކުރުމާއި އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮ ކަންކަމަށް ގޮވާލުމާއި ނުބައި ކަންކަން ނަހީކުރުމުގެ ވާޖިބަށް ހުރަސް އެޅިދާފަދަ މާއްދާތައް އިސްލާހުކުރުމާއި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް ބިލުގައި ހިމެނުމެވެ.
މިނިސްޓްރީންް ބުނީ އިސްލާމްދީނާ ދެކޮޅަށް ނަފުރަތުގެ އަމަލުތައް ހިންގުން ވެސް އިތުރުވެފައިވާ މިދަނޑިވަޅުގައި އެފަދަ ގާނޫނެއް ހަދާއިރު އިސްލާމް ދީނާ ދެކޮޅު ނަފުރަތުގެ އަމަލުތައް ވެސް ގާނޫނުގައި ހިމެނުން މުހިންމު ކަމަށެވެ.
"މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދުކުރެވޭހިނދު އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ގާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިއްމު ކަމެއްކަމުގައި މިނިސްޓްރީން ދެކެމެވެ." ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ، އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ބައެއް ގައުމުތަކުގައި ބޮޑެތި ޖަރީމާތައް ހިންގަމުން ދާއިރު އެކަމާ ދެކޮޅަށް ސުލްހަވެރި ހަރަކާތްތައް ހިންގުމަކީ ބައިނަލްއަގްވާމީ ގޮތުން ވެސް ބަލައިގަނެވޭ ކަންކަން ކަމަށެވެ. އެހެންވެ، އެފަދަ ކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި މާނަކުރެވިދާނެތީ އެފަދަ ބައެއް ލަފްޒުތަކަށް ވެސް މިނިސްޓްރީގެ ރައުޔުގައި ރިއާޔަތްކޮށްފައިވެ އެވެ.
އާންމުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމާއި ތިމާއާ ދެބަސްވާ ކޮންމެ މުސްލިމަކު ކާފަރުކުރުމާއި، އިސްލާމްދީނުގެ އިލްމުވެރިންނާއި އެ ނޫން ވެސް މުސްލިމުންގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުމާއި ފިތުނަ އާއި ނަފްރަތުގެ އަމަލުތައް ހިންގުމަކީ ދީނުގައި ވެސް މަނާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި އެފަދަ އެއްވެސް އަމަލަކީ ބަލައިގަންނާނެ އަމަލެއް ނޫނެވެ.
"މި ބިލު ގާނޫނަކަށް ވެގެން އަންނައިރު ރާއްޖޭގެ ދީނީ އިލްމުވެރިންގެ ލަފާފުޅަށް ބިނާކޮށް މި މިނިސްޓްރީން ހުށަހެޅި ހުރިހާ އިސްލާހުތައް އޭގައި ހިމަނުއްވާނެ ކަމަށް މިނިސްޓްރީން ޔަގީން ކުރަމެވެ." ބަޔާނުގައިވެ އެވެ.