ރެއާލް މެޑްރިޑާއި ޔުވެންޓަސް ދެ ވަނަ ބުރަށް
ރެއާލް މެޑްރިޑާއި ޔުވެންޓަސް ދެ ވަނަ ބުރަށް

ލިސްބަން، ޕޯޗުގަލް (ނޮވެމްބަރު 23) – ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ރެއާލް ދެ ވަނަ ބުރުން ޖާގަ ހޯދީ ރޭ ސްޕޯޓިން ލިސްބަން އަތުން 2-1 އިން މޮޅުވެ 11 ޕޮއިންޓާ އެކު އެވެ. އެ ޓީމު ދެ ވަނައިގައި އޮތްއިރު އެއް ވަނައިގައި 13 ޕޮއިންޓާ އެކު އޮތީ ރޭ ލެހިއާ ވޯސޯ އަތުން 8-4 އިން މޮޅުވި ބޮރޫޝިއާ ޑޯޓްމަންޑެވެ. ތިން ވަނައިގައި ތިން ޕޮއިންޓާ އެކު އޮތް ސްޕޯޓިން އާއި އެއް ޕޮއިންޓާ އެކު ފުލުގައި އޮތް ވޯސޯ ވަނީ ކަޓައިފަ އެވެ.

ރަށުން ބޭރުގައި ރެއާލް ކުޅުނު މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ 29 ވަނަ މިނެޓުގައި ރަފައެލް ވަރާން އެވެ. މި ލަނޑު ޖަހަން މަގުފަހިކޮށްދިނީ ސްޕޯޓިންގެ ކުރީގެ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ސްޕޯޓިން އަށް މައްސަލަތަކެއް ދިމާވީ 64 ވަނަ މިނެޓުގައި ޔާއޯ ޕެރެއިރާ އަށް ދެއްކި ރަތްކާޑާ އެކު އެވެ. އެކަމަކު އެ ޓީމުން ވަނީ އެކަކު މަދުކޮށް ކުޅެ 80 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އެއްވަރުކޮށްފަ އެވެ. މި ގޯލް ޖެހީ އެޑްރިއެން ސިލްވާ އެވެ. ރެއާލް މޮޅުކޮށްދިނީ 87 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ޖެހި ގޯލުންނެވެ.

ޔުވެންޓަސް ދެ ވަނަ ބުރުން ފުރުސަތު ހޯދީ ރޭ ސްޕެއިނުގެ ސެވިއްޔާ އަތުން 3-1 އިން މޮޅުވެގެންނެވެ. ޔުވެންޓަސް 11 ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައި އޮތްއިރު 10 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ސެވިއްޔާ ވެސް ވަނީ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. ތިން ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތް އޮލިމްޕިކް ލިޔޯން އާއި ޕޮއިންޓެއް ނުލިބި ފުލުގައި އޮތް ޑައިނަމޯ ޒެގްރެބް އަށް ވަނީ ކަޓައިފަ އެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗުގެ ނުވަ ވަނަ މިނެޓުގައި ނިކޮލަސް ޕަރޭޔާގެ ލަނޑުން އެ ޓީމު ވަނީ ލީޑު ނަގައިފަ އެވެ. ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެ ޓީމުގެ ވަޒްކުއެޒް އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. ޔުވެންޓަސް މޮޅުވީ ކްލައުޑިއޯ މާކީޒިއޯ އާއި ލިއޮނާޑޯ ބޮނޫޗީ އަދި މާރިއޯ މަންޒުކިޗް ޖެހި ގޯލްތަކުންނެވެ.