23 ޖޫން 2021 - 10:27

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކިއުބާގައި އަމިއްލަ އަށް އުފެއްދި ވެކްސިން "އަބްޑާލާ"، ކޮވިޑް ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ ނިސްބަތް ހުރީ 92.28 ގައި ކަމަށް، ކިއުބާ ސަރުކާރުން އިއްޔެ ބުނެފި އެވެ.
ކިއުބާގެ ބޭސް އުފައްދާ ކުންފުނި، ބަޔޯކިއުބާފާމާގެ ޑިރެކްޓަ އޮފް ސައެންސް އެންޑް އިނޮވޭޝަން ރޮނާލްޑޯ ޕެރޭޒް ވިދާޅުވީ އަބްޑާލާ ވެކްސިނަކީ ސައެންޓިފިކް ގޮތުން ވަރަށް ބުރަދަން ހުރި، އަދި ބޭސްވެރިކަމުގެ ގޮތުން ރަނގަޅު ނަތީޖާއެއް ހާސިލްކުރެވޭ ވެކްސިނެއް ކަމަށެވެ.
މި އާ ވެކްސިން އީޖާދުކޮށް އަޖުމަ ބެލުމުގެ މަރުހަލާތައް ފުރިހަމަކުރީ،، ކިއުބާގެ ޖެނެޓިކް އިންޖިނިއަރިން އެންޑް ބަޔޯޓެކްނޮލޮޖީ ސެންޓަރުގެ ލެބޯޓެރީ އާއި ފިންލޭ ވެކްސިން އިންސްޓިޓިއުޓްގެ ލެބޯޓެރީ ގުޅިގެން އެކަމަށް މަސައްކަތް ފެށިތާ އެންމެ 10 މަސް ތެރޭގަ އެވެ.
ކިއުބާގެ އަބްޑާލާ ވެކްސިނަކީ ތިން ޑޯޒް އިން ފުރިހަމަވާ ވެކްސިނެކެވެ. އަބްޑާލާ ވެކްސިންގެ ތިން ޑޯޒް ފުރިހަމަކުރުމުން، ކޮވިޑް ބަލިން ރައްކާތެރިކަން ލިބިދޭ ނިސްބަތަކީ 92.28 ޕަސެންޓް ކަމަށް ބަޔޯކިއުބާފާމާ ލެބޯޓެރީން ބުނެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން، ކިއުބާގައި އުފެއްދި ކޮވިޑް ވެކްސިން "ކޮބެރާނާ 2" ގެ ދެ ޑޯޒް ނުވަތަ ތިން ޑޯޒް ފުރިހަމަކުރުމުން، ކޮވިޑް ބަލިން ރައްކާތެރިކަން ލިބިދޭ ނިސްބަތަކީ 62 ޕަސެންޓް ކަމަށް ކިއުބާ ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. "ކޮބެރާނާ 2" އަދި "އަބްޑާލާ" ވެކްސިނަށް ކިއުބާގެ ސިއްހީ އިދާރާއިން ވަރަށް އަވަހަށް ހުއްދަ ދޭނެ އެވެ.
އެހެން ގައުމުތަކުގައި އުފައްދާފައި ހުރި ކޮވިޑް ވެކްސިން ބޭނުންކުރުން ކިއުބާގައި ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން އަދި މިހާތަނަށް ހުއްދަ ދީފައި ނުވާ، އަބްޑާލާ ވެކްސިން މިހާރު އަންނަނީ އެ ގައުމުގައި ބޭނުން ކުރަމުންނެވެ. އެ ގޮތުން ކިއުބާގެ އެއް މިލިއަން މީހަކަށް މިހާތަނަށް އަބްޑާލާ ވެކްސިން ދީފައިވެ އެވެ.
ވެނެޒުއޭލާ، ވިއެޓްނާމް، އާޖެންޓީނާ އަދި މެކްސިކޯ އިން ވަނީ، ކިއުބާގައި އުފައްދާ ކޮވިޑް ވެކްސިންތައް ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ކިއުބާގައި މިހާތަނަށް 169 ހާހަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރެއިން 1170 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. އަދި މި ބަލި ޖެހޭ މީހުންގެ އަދަދު މިދުވަސްކޮޅު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.