27 ޖޫން 2021 - 08:27

އެތައް ޒަމާނެއް ކުރީގައި ދިރިއުޅު ކަމަށް ބެލެވޭ އިންސާނެއްގެ ބޮލުގެ ނާށިގަނޑު ޗައިނާގެ ރިސާޗަރުންތަކެއް އާންމުކޮށް ދައްކާލައިފި އެވެ.

ދުނިޔޭގައި މިހާރު ދިރިއުޅޭ އިންސާނުންގެ ބޮލުގެ ނާށިގަނޑާ، މިއާ ވަރަށް ބޮޑަށް ތަފާތެވެ. މި ނާށިގަނޑު އާދަޔާ ހިލާފަށް ބޮޑެވެ. އަދި އޮންނަނީ ފަހަތަށް ވަރަށް ދިގުކޮށެވެ.

މިއަށް "ޑްރެގަން މޭން" ގެ ނަން ދީފައިވާއިރު، ސައިންސްވެރިން ލަފާކުރާ ގޮތުގައި މިއީ 146،000 އަހަރު ކުރިން ދިރިއުޅުނު އިންސާނީ ދަރިފަސްކޮޅުގެ ތަފާތު ވައްތަރެއްގެ ބައެއްގެ ބޮލުގެ ނާށިގަނޑެވެ.
ސައިންސްވެރިން ބުނި ގޮތުގައި މިއީ އިންސާނީ ދަރިފަސްކޮޅު ބަދަލުވަމުން އައިރު، އެންމެ އިހު ޒަމާނުގައި ދިރިއުޅު ކަމަށް ބުނާ ނިއަންޑަތޯލް އާއި ހޯމޯ ސެޕިއަންސް އަށް ވުރެ ވެސް މާ ތަފާތު ބައެކެވެ. އެ އިންސާނުންނަށް ވުރެ ވެސް މި ނާށިގަނޑު ބޮޑެވެ.
މި ނާށިގަނޑު ފެނިފައި ވަނީ 1933 ގައި ޗައިނާގެ އިރުއުތުރު ސަރަހައްދެއް ކަމަށްވާ ހާބިންގައި ބްރިޖެއް އަޅަން މަސައްކަތްކުރި އިރު އެވެ. އެކަމަކު ސައިންސްވެރިންގެ ހާއްސަ ސަމާލުކަން މިއަށް ލިބުނީ ދާދި ފަހުންނެވެ.
މި ނާށިގަނޑު ދިރާސާ ކުރުމަށް ފަހު މިހާރު ވަނީ "ދަ އިނޮވޭޝަން" ޖާނަލްގައި އާންމުކޮށްފަ އެވެ. ނަމަވެސް މިއާ ގުޅޭ މާ ގިނަ ހޯދުންތަކެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ސައިންސްވެރިން އަންނަނީ އިތުރަށް ތަހުލީލުތައް ވެސް ކުރަމުންނެވެ. ބައެއް ސައިންސްވެރިންގެ މެދުގައި ވަނީ މިއާ ގުޅޭ ގޮތުން ހިޔާލު ތަފާތުވެފަ އެވެ. އެއް ބަޔަކު ބުނަނީ މިއަކީ އާ ވައްތަރެއްގެ އިންސާނުން ނޫން ކަމަށާއި މިއީ ހޯމޯ ސެޕިއަންސްގެ ވައްތަރެއް ކަމަށެވެ.