"މިސްޓަ ބަޖާޖް" ރިތިކްގެ ބޮޑީގާޑަކަށް އުޅުނު
"މިސްޓަ ބަޖާޖް" ރިތިކްގެ ބޮޑީގާޑަކަށް އުޅުނު

ރޯނިތު ރޯއީ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "ކަސައުޓީ ޒިންދަގީކީ" ގައި އޭނާ އަދާކުރި މިސްޓަ ބަޖާޖްގެ ރޯލުންނެވެ. އޭގެ ކުރިން ވެސް ރޯނިތު ބައެއް ހިންދީ ފިލްމުތަކުގައި މަސައްކަތް ކުރި އެވެ.

ފިލްމު ކުޅެން ފެށި ދުވަސްވަރު އެކްޓަރެއްގެ ގޮތުން ކާމިޔާބުތައް ނުލިބޭތީ ރޯނިތު ދެން ފެށީ އަމިއްލަ ސެކިއުރިޓީ އެޖެންސީއެއް ހިންގުމުގެ މަސައްކަތެވެ. އޭނާގެ އެޖެންސީ އަކީ ފިލްމީ ތަރިންނަށް ސެކިއުރިޓީ ފޯރުކޮށްދޭ ތަނެކެވެ. އަދި މީގެ 16 އަހަރު ކުރިން ރިތިކް ރޯޝަންގެ ފުރަތަމަ ފިލްމު "ކަހޯނާ ޕިޔާރް ހޭ" ގެ ދުވަސްވަރު ރިތިކްގެ ޕާސަނަލް ބޮޑީގާޑެއްގެ ގޮތުގައި ރޯނިތު މަސައްކަތް ކޮށްފައިވެ އެވެ.

ނަމަވެސް މިފަހަރު އޭނާ ރިތިކާ އެކު ފެނިގެން ދާނީ މުޅިން ތަފާތު ރޯލަކުންނެވެ. ރިތިކްގެ އާ ފިލްމު "ގާބިލް"ގައި ނުބައިބައި ކުޅެނީ ރޯނިތު އާއި އޭނާގެ ކޮއްކޮ ރޯހިތު ރޯއީ އެވެ.

ރޯނިތު ބުނި ގޮތުގައި އޭނާ ރިތިކް ދަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އަދި މިހާރުވެސް ރިތިކްގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަނީ އޭނާގެ އެޖެންސީންކަން ރޯނިތު ފާހަގަކުރި އެވެ. މިހާރު ރިތިކް ވަނީ ސުޕަސްޓާރަކަށް ވެފަ އެވެ. އެހެންކަމުން ރިތިކާ އެކު ފިލްމެއް ކުޅުމުގެ ފުރުސަތު ލިބުމުން ފުރަތަމަ ދުވަސްކޮޅު ސެޓުގައި އޭނާ ހުންނަނީ ހަދާނެގޮތެއް ވެސް ނޭނގި ކަންބޮޑުވެފަ އެވެ. ނަމަވެސް ރިތިކްގެ ރަނގަޅުކަމަށް އޭނާ ތައުރީފު ކުރި އެވެ.

ރޯނިތު ހިތްހަމަޖައްސައިދިނުމުގެ ގޮތުން ވާހަކަ ދެއްކުމުގެ އިތުރުން އެކްޝަން މަންޒަރުތަކުގައި އޭނާގެ އިތުރުން ރޯނިތަށް ވެސް އަނިޔާއެއް ނުލިބޭނެ ފަދަ ގޮތަކަށް ކަންތައްތައް ހަމަޖެހިފައި ހުރިތޯ ރިތިކް ޗެކް ކުރާކަމަށް ރޯނިތު ބުންޏެވެ.

"ގާބިލް" ރިލިޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. މި ފިލްމު ބޮކްސް އޮފީހުގައި ކުރިމަތިލާނީ ޝާހްރުކް ޚާންގެ "ރައީސް" އާއެވެ.