ރޮޒައިނާ އަށް މަޖިލީހުގެ ތެރެއިން ބުލީގެ އުނދަގޫ!
ރޮޒައިނާ އަށް މަޖިލީހުގެ ތެރެއިން ބުލީގެ އުނދަގޫ!

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްކޮޅާއި ދެކޮޅުން ވެސް ބުލީ ކުރުމާ ކުރިމަތިވެފައިވާ ކަމަށާއި އެކަމަކު ސިޔާސީ މައިދާނުގައި އަދިވެސް އޭނާ ފަހަތަށް ނުޖެއްސޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ސިޔާސީ މައިދާނުގައި މި ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކަށް ބޮޑަށް ތާއީދު ކުރައްވާ ރޮޒައިނާ މިހެން ވިދާޅުވީ، އޭނާ އަކީ އެމްޑީޕީގެ "ދޮންމަންމަ" ކަމަށް ބުނެ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވަޓްސްއެޕް ގުރޫޕެއްގައި ދެއްކި ވާހަކައެއް އޮންލައިން ނޫހެއްގައި ޝާއިއު ކުރުމުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޑީއާރުޕީ ރޫޅި، ސިޔާސީ މައިދާނަށް އައި ބޮޑު "ލޮޅުންގަނޑު" ގެ ތެރޭގައި އެމްޑީޕީ އަށް ބަދަލުވި ރޮޒައިނާ ވިދާޅުވީ، އޭނާ އަށް ކަންކަމުގައި ބަސް ވިދާޅުވާން ކެރިވަޑައިގަންނަވާތީ އާއި "އެޅިހާ ބަތަކަށް ރިހައިގެ އުސޫލު" ނުގެންގުޅުއްވާތީ ސިޔާސީ ގޮތުން އޭނާ އަށް އެމްޑީޕީގެ "ދޮންމަންމަ" ކިޔާ ނަމަ އެކަން ވެސް ބަލައިގަންނަނީ "ޝަރަފެއް" ގެ ގޮތުގައި ކަމަށެވެ.

އެ ޓުވީޓާ ވިއްދައިގެން ދެން ރޮޒައިނާ ވިދާޅުވީ، ބުލީކުރުމަކީ ސްކޫލްތަކުގައި އާންމު ކަމަކަށް ވިޔަސް ބުލީގެ ޝިކާރައަކަށް އޭނާ ވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށެވެ.

"މޫނަށް ކުޅުޖެހުމާއި ލައްކަ ކަންތައް ދިމާވެއްޖެ، އިދިކޮޅުން ވެސް އެއްކޮޅުން ވެސް،" އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ބޮޑަށް ސަރުކާރު ފަޅީގައި ހުންނަވާ ކަމަށް ފާހަގަކުރެވޭ ރޮޒައިނާ ވިދާޅުވި އެވެ.

ފެބްރުއަރީ 24، 2016 ގައި ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ޖަލްސާއެއްގައި ރޮޒައިނާ އާއި ކުރީގެ ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާނާ ދެމެދު ހިނގި ދެބަސްވުމެއްގެ ތެރެއިން މޭޒުމަތީގައި ހުރި ފެންތަށި ނަންގަވައި ފެންފޮދެއް ހިއްޕެވުމަށް ފަހު، ރޮޒައިނާގެ މޫނަށް ނިހާންގެ އަނގައިގައި ހުރި ފެން ޖެއްސެވި މައްސަލަ އެ ދުވަސްވަރު ވަރަށް ބޮޑަށް ހޫނުވި އެވެ.

އޭގެ ބަދަލުގައި ރޮޒައިނާ އެ ދުވަހު ވަނީ، ފުޅީގައި ބާކީ ހުރި ފެންތަށް ނިހާނުގެ މޫނަށް ޖަހައިފަ އެވެ.

އޭރު ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވެފައި ވަނީ "ކުޅު ޖެއްސެވި ކަމުގައި ވިޔަސް، އޭނާގެ އަނގައިގައި ޓޭޕް ނޭޅޭ" ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، އޭނާ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތީ އެއްވެސް މީހަކު ބުނާހާ އެއްޗަކަށް އާނބަސް ދޭން ނޫން ކަމަށާއި ބުލީކުރާ މީހުން ދެކެ ބިރުން ވެސް އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ކަމަކަށް އެއްބަސްވެވަޑައިގަންނަވާނީ އަމިއްލަ އަށް އެކަން ގަބޫލުކުރެވުމުން ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ކައުންސިލް މެމްބަރުންނާއި ލީޑަޝިޕުގައި ތިއްބަވާ ބޭފުޅުން ބުލީކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް ސިޔާސީ ދާއިރާގައި އުޅޭ މަދު އަންހެނުންނަށް ފޯކަސް ކޮށްގެން މިކަން [ބުލީ] ކުރާކަން ވަރަށް ދެރަ،" ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އަންހެން ހަތަރު މެމްބަރުންގެ ތެރޭގައި ހިމެނޭ ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ބައެއް ބޭފުޅުންނާއި ރޮޒައިނާއާ ދެމެދު ނުތަނަވަސް ކަމެއް އުފެދިފައި ވަނީ މިފަހަކަށް އައިސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް އޭނާ ފާޑުވިދާޅުވާތީ ކަމަށް ބެލެވެ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އުޅުނު ދުވަސްވަރު ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ވެސް ރޮޒައިނާ އެވެ. އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ރޮޒައިނާ އެމްޑީޕީން ވަކިކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.