ބޭނުން ނަމަ ހިޔާ ފްލެޓް ބަދަލުކުރެވޭނެ: އެޗްޑީސީ
ބޭނުން ނަމަ ހިޔާ ފްލެޓް ބަދަލުކުރެވޭނެ: އެޗްޑީސީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި 25 ބުރީގެ ޓަވަރުތަކުން ފްލެޓް ލިބުނު މީހުންނަށް ފްލެޓް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓަވަރެއްގެ ތިރިން ފްލެޓް ލިބުނު މީހަކު މަތީ ފްލޯއަކަށް ބަދަލުވާން ބޭނުންވާ ނަމަ، ނުވަތަ މަތިން ފްލެޓް ލިބުނު މީހަކު ތިރިން ފްލެޓް ބޭނުން ނަމަވެސް ދެ ފަރާތް ގުޅިގެން އެކަން ކުރެވިދާނެ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ހުޅުވާލަން ފްލެޓް ލިބުނު ދެ މީހެއްގެ މެދުގައި ފްލެޓް ބަދަލުކުރަން. އެ ބޭފުޅުން ހޯދަންވީ ބަދަލު ކުރާނެ މީހަކު. އޭރުން އެ ދެ މީހުންގެ މެދުގައި ބަދަލުކުރެވިދާނެ،" ސުހައިލް ވިދާޅުވި އެވެ.

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން ފަށާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ކުރިން ފްލެޓް ބަދަލުކުރުމުގެ ކަންކަން ކުރެވޭތޯ އެ ފަރާތަކުން ބަލަން ވާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.

ހިޔާ ފްލެޓްގެ ޑްރާފްޓް އެއްބަސްވުން އެޗްޑީސީގެ ވެބްސައިޓުގައި އާންމުކޮށް ހިޔާލު ހޯދަމުން އަންނައިރު އެ ފުރުސަތު މާދަމާ ހަމަށް އޮންނާނެ އެވެ.

ސުހައިލް ވިދާޅުވީ، ޑްރާފްޓް އެއްބަސްވުމަށް ހިޔާލު ހޯދުމަށް ފަހު، ފްލެޓް ބަދަލުކުރަން ބޭނުންވާ މީހުންނަށް އަންނަ އާދިއްތަ ހިސާބުގައި ހުޅުވާލާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި 6720 ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދައްކާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ތަންތަން ދައްކާލަނީ ފްލެޓަށް ވަނުމުގެ ކުރިން ނިންމަން ޖެހޭ މަސައްކަތްތަކަށް ހަރަދުވާނެ ވަރުގެ އަންދާޒާއެއް ކުރަން ފަސޭހަވާނެތީ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 25 އަހަރަށް ބަހާލައިގެން މަހަކު 7500ރ. އަދި ސާވިސް ފީއަށް 1000ރ. އެވެ.