އިތުރު ފަސް ރަށަކަށް ކޮމިއުނިޓީ ފަންޑުން އެހީވަނީ
އިތުރު ފަސް ރަށަކަށް ކޮމިއުނިޓީ ފަންޑުން އެހީވަނީ

ދެވަނަ ކުއާޓާގައި ބީއެމްއެލް "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް" ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ފަސް ޕްރޮޕޯސަލެއް ހޮވައިފި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އެކި ރަށްރަށުގައި އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ހިންގާ ޕްރޮޖެކްޓުތަކަށް އެހީވާން ބޭންކުން ހުޅުވާލި ފަންޑެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް ފަސް ރަށެއްގައި ޕްރޮޖެކްޓު ހިންގުމަށް މި ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

- ހދ. ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކުރުން - ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ

- ށ. ޅައިމަގުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން - ޅައިމަގު އެކުވެރިންގެ ރޫހު

- ލ. ގަމުގެ އަތިރިމަތީގައި ސޯލާ ލައިޓް ހަރުކޮށް ކޮމިއުނިޓީ ޕާކެއް ހެދުން – އިބްރާހިމް ނިޔާޒް

- ގދ. ފިޔޯރީގައި އައުޓްޑޯ ކޮމިއުނިޓީ ލައިބްރަރީއެއް ހެދުން – ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމެންޓް

- އައްޑޫސިޓީ މަރަދޫގައި ކޮމިއުނިޓީ ޕާކެއް ހެދުން - އިބްރާހިމް އާތިފް

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެކި ރަށްރަށުގައި ޕްރޮޖެކްޓުތައް ހިްގަން ގިނަ ޕްރޮޕޯސަލްތައް ލިބުނު ކަމަށެވެ. އަދި މިފަދަ ޕްރޮޖެކްޓުތައް ހިންގުމަށް ރަށްރަށުގެ ޖަމިއްޔާތަކުންނާއި އާއްމު ރައްޔިތުން ކުރާ މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

މި ޕްރޮޖެކްޓުތަކާއެކު މިހާތަނަށް ބީއެމްއެލް އިން ވަނީ 50 ޕްރޮޖެކްޓެއް ހިންގަން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000ރ. ދޭނެ އެވެ.