ގެދޮރުވެރިޔާ ލޯނު ސްކީމުން ދޫކުރާ އަދަދު 700،000ރ. އަށް ވުރެ އިތުރު ކުރަން ވިސްނަނީ
ގެދޮރުވެރިޔާ ލޯނު ސްކީމުން ދޫކުރާ އަދަދު 700،000ރ. އަށް ވުރެ އިތުރު ކުރަން ވިސްނަނީ

ގެދޮރުވެރިޔާ ލޯން ސްކީމުގެ ދަށުން ދޫކުރާ ފައިސާގެ އަދަދު 700،000ރ. އަށް ވުރެ އިތުރު ކުރުމަށް ވިސްނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހެން ވިދާޅުވީ، އިއްޔެ ހެނދުނު އޮންލައިންކޮށް ކުޅުދުއްފުށީ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް، ހަ ޕަސެންޓުގެ އިންޓަރެސްޓް ރޭޓުގައި 700،000ރ.އާ ހަމަ އަށް ލޯނު ދޫކުރަން "ގެދޮރުވެރިޔާ" ގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހު ސްކީމެއް ތައާރަފު ކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ގެދޮރުވެރިޔާ ލޯނު ސްކީމަށް މިހާރު ކަނޑައަޅާފައިވާ އަދަދު އިތުރުކުރުމާއި މިހާރު އެންމެ ބޮޑުކޮށް ޕްރޮޖެކްޓަކަށް ދޫކުރާ އަދަދު 700,000ރ. އަށްވުރެ އިތުރު ކުރެއްވުމަށް ވިސްނަވާ ކަމަށެވެ.

އެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، ގެދޮރުވެރިޔާ ލޯން ސްކީމުގެ ސަބަބުން ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ.

ގެދޮރުވެރިޔާ ލޯނު ސްކީމް މިހާރު އޮތް ގޮތުން ލޯނު އަނބުރާ ދައްކަން އެންމެ ގިނަވެގެން 20 އަހަރު ލިބޭއިރު، އެންމެ ގިނަވެގެން އެއް ފަހަރާ ލޯނުގެ ގޮތުގައި ލިބޭނީ 700،000ރ. އެވެ. ލޯނަށް އެދުމުގައި މަދުވެގެން ދެ ފަރާތް ހިމަނަން ޖެހެ އެވެ. ލޯނުގެ ގޮތުގައި ދޫކުރާނީ ޕްރޮޖެކްޓުގެ 80 ޕަސެންޓެވެ. ބާކީ 20 ޕަސެންޓް ދައްކަން ޖެހޭނީ ލޯނު ނަގާ ފަރާތެވެ.

މި ލޯނަށް ޝަރުތު ހަމަވަނީ، އެހެން ބިމެއް ރަޖިސްޓަރީ ވެފައި ނެތް، ބިން ރަޖިސްޓަރީ ވެފައިވާ ރަށުގެ ރަށްވެއްސަކަށް ވެފައި، ރަށްވެހި ވެފައިވާ ރަށުގައި ލޯނަށް އެދޭ މީހާ ނުވަތަ އެ މީހެއްގެ އާއިލާ ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވާ މީހުންނަށެވެ.

އެ ސްކީމުގެ ދަށުން ލޯނު ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެ އެޅުމަށް ނުވަތަ މަރާމާތު ކުރުމަށް ނުވަތަ ހަދަން ފަށާފައި ހުރި ތަނެއް ނިންމުމަށެވެ.