04 ޖުލައި 2021 - 11:55

ރާއްޖެ އިން ބޭރުން ވަޒީފާ އަދާކުރަން އަންނަ މީހުން ކަރަންޓީނުވުމަށް ހޮޓެލް/ ގެސްޓް ހައުސް ފަދަ ތަންތަން ހަމަޖައްސަން ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ މީހުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީނުކުރުމަށް ބޭނުންވާ ތަންތަން ހަމަޖެއްސުމަށް ޝައުގުވެރިވާ މީހުންނަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 2:00 އާ ދެމެދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް މާދަމާ އިން ފެށިގެން ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން އުފެއްދި އެޗްއީއޯސީ ހިންގަނީ ދަރުބާރުގޭގަ އެވެ.
ރާއްޖެ އިން ބޭރުން ވަޒީފާ އަދާކުރަން އަންނަ މީހުން ކަރަންޓީނުވާނެ ތަންތަން ދިނުމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ،[email protected]އަށް މެއިލްކުރުމަށް ވެސް މިނިސްޓްރީން އެދެ އެވެ.
އެކި ފަހަރު މަތިން ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީނުވުމަށް ބޭނުންވާ ތަންތަން ހޯދުމަށް ކުރިން ވެސް ހެލްތު މިނިސްޓްރީން އިއުލާނުކޮށްފައިވެ އެވެ. މިހާރު އޮންނަ ގޮތުން، ޓޫރިސްޓުން ކަރަންޓީނުވާން ނުޖެހުނަސް، ބޭރުން އަންނަ ދިވެހިންނާއި މަސައްކަތް ކުރަން ރާއްޖެ އަށް އަންނަ މީހުން ކަރަންޓީނުވާން ޖެހެ އެވެ. އެ މީހުންނަށް ގޭގައި ކަރަންޓީނުވުމުގެ ފުރުސަތު ވެސް އޮވެ އެވެ. އެކަމަކު ބޭރުން އަންނަ މީހުން ކަރަންޓީނު ނުވެ ބޭރުގައި އުޅޭކަމުގެ ޝަކުވާތައް ވަރަށް ގިނަ އެވެ.