04 ޖުލައި 2021 - 15:41

ޔުނައިޓެޑް ވިކްޓަރީގެ ކޯޗް މުހައްމަދު އާދަމް، އަލުން އެފްއޭއެމްގައި މަސައްކަތް ކުރަން ފަށައިފި އެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދުވަސްވަރު، މުހައްމަދު ވަނީ އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީކަން ވެސް ކުރައްވައިފަ އެވެ. އެއީ އޭރު އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީގެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް، ބައްސާމް އަދީލް ޖަލީލް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ކަމަށް ހަމަޖެއްސުމުންނެވެ.
ޖެނަރަލް ސެކްރެޓަރީގެ ހައިސިއްޔަތުން ކުރަން ޖެހޭ އިދާރީ ހިންގުމުގެ މަސައްކަތްތަކަށް ވުރެ، މުހައްމަދު އެންމެ މަޝްހޫރުވީ ޓޯނަމަންޓް ކޯޑިނޭޝަންގެ މަސައްކަތްތަކުގަ އެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވި ހޯމް އެންޑް އަވޭ އެންމެ ބޮޑު މުބާރަތް، މިނިވަން 50 ޗެމްޕިއަންޝިޕް ރާވާ ހިންގީ މުހައްމަދުގެ ބެލުމުގެ ދަށުންނެވެ. އޭނާ އަކީ އެ މުބާރާތުގެ އޮގަނައިިޒިން ކޮމިޓީގެ އޭރުގެ ޗެއާމަން އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ، މުހައްމަދުގެ ބެލުމުގެ ދަށުން ކުރިއަށްގެންދާނީ 2023-2024 އިން ފެށިގެން ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ގޮތަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށެވެ.
ލަންކާގެ ކްލަބު ޖާވަ ލޭން ސްޕޯޓްސް ކުްލަބަށް އެ ގައުމުގެ ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗް ވަނީ ރާއްޖޭގައި ވިކްޓަރީ ސްޕޯޓްސް ކަލްބާއި ޔުނައިޓެޑް ވިކްޓަރީއަށް ކޯޗް ކޮށްދީފަ އެވެ. ނަމަވެސް ރާއްޖޭގައި އޭނާ އަށް އެކަށީގެންވާ ކާމިޔާބެއް ނުހޯދުނެވެ.