އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އިންޒާރުދިން މައްސަލައިގެ ތަހުގީގަށް ބަލައި އެމްޑީޕީން އިނާދު ވަކިކުރަނީ
އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އިންޒާރުދިން މައްސަލައިގެ ތަހުގީގަށް ބަލައި އެމްޑީޕީން އިނާދު ވަކިކުރަނީ

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައިގައި ހައްޔަރުކުރި އެމްޑީޕީގެ މެމްބަރު މުހައްމަދު އިނާދުގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަށް ބެލުމަށް ފަހު އެ ޕާޓީން އޭނާ ވަކިކުރަން ނިންމައިފި އެވެ.

އެމްޑީޕީން ރޭ ނެރުނު ބަޔާނުގައި ބުނީ ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތައް އެ ޕާޓީން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަމަށެވެ. އަދި އެފަދަ ނުރައްކާތެރި ކަންކަން ކުރާނެ ކަމުގެ އިންޒާރުދީ، މީހުންނާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލައި އެ ކަންކަމަށް ތަރުހީބު ދިނުމަކީ ޖިނާއީ ކުށެއް ކަމަށް ބަޔާނުގައި ބުންޏެވެ.

އެހެންވެ، އެފަދަ ކުށްތަކަށް އަރައިގަންނަން އިންޒާރުދީ އަދި ހިތްވަރުދޭ މީހުންގެ މައްސަލަތަކުގައި އަވަސް އަދި ފުރިހަމަ ތަހުގީގެއް ހިންގައި އަދަބު ދިނުމަށް ގޮވާލާފައިވެ އެވެ. އެއާއެކު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހައްޔަރުކުރި އިނާދުގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަށް ބަލައި އެމްޑީޕީން ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވެ އެވެ.

އިނާދަކީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި މައްޗަންގޮޅި ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ވެސް ފޯމު ހުށަހެޅި މީހެކެވެ.

"ރޮޔަލް ހުސެން ތަކުރު" ނަމުގައި އޮތް ޓްވިޓާ އެކައުންޓަކުން މިދިޔަ ހަފްތާގައި ކުރި ޓްވީޓެއްގައި ވަނީ އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އާރްޑީއެކްސް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށް ބުނެފަ އެވެ.

ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނުމުން މިހާރު އެތަނާއި ޗައިނާގެ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޔުނިޓުން ބަލަމުންދާ އެ މައްސަލައިގައި ބަންދު ޖަހަން އިނާދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަސް ޖަހާފައި ވެ އެވެ.