05 ޖުލައި 2021 - 21:31

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސުޓޭޖު މެޗުތައް ރާއްޖޭގައި ބާއްވަން، އެފްއޭއެމުން އަނެއްކާވެސް ބިޑުކޮށްފި އެވެ.
މުބާރާތް ރާއްޖޭގައި ހޯސްޓް ކުރަން އެފްއޭއެމްގެ ފަރާތުން އޭއެފްސީ އަށް ބިޑް ޑޮކިޔުމެންޓްތައް ހުށަހަޅައިފައިވާ ކަމަށް އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު "މިހާރު" އަށް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ގުރޫޕު ސުޓޭޖް ސެންޓްރަލައިޒްކޮށް ކުޅެން މިދިޔަ އަހަރު ހަމަޖެއްސި ފަހުން މިއީ މިދިޔަ އެއް އަހަރު ތެރޭ، އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތައް ބާއްވަން ރާއްޖެއިން ބިޑު ކުރި ތިން ވަނަ ފަހަރެވެ. ކުރިން ބިޑު ހުށަހެޅި ދެ ފަހަރު ވެސް ރާއްޖެއިން ބިޑު ކާމިޔާބުކުރި އެވެ.
އެންމެ ފުރަތަމަ ރާއްޖެއިން ބިޑުކުރީ އޭއެފްސީ ކަޕް 2020 ގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕު ސުޓޭޖު މެޗުތައް ހޯސްޓް ކުރުމަށެވެ. ނަމަވެސް އޭއެފްސީ ކަޕްގައި ކުޅޭ އެހެން ޒޯންތަކުގެ މެޗުތައް ހޯސްޓް ކުރެވޭނެ ހާލަތެއް ގައުމުތަކުގައި ނެތުމުން، އޭއެފްސީ އޭރު ނިންމީ މިދިޔަ އަހަރުގެ މުބާރާތް ކެންސަލް ކުރުމަށެށެވެ.
ދެ ވަނަ ފަހަރަށް ރާއްޖެއިން ބިޑު ހުށަހެޅީ، މި އަހަރު ގުރޫޕު ސުޓޭޖު މެޗުތައް ހޯސްޓު ކުރުމަށެވެ. އެފަހަރު އިންޑިއާއިން ވެސް ބިޑު ހުށަހެޅި އެވެ. އިންޑިއާ އާއި ރާއްޖޭގެ ބިޑުގެ ތެރެއިން އޭއެފްސީން ނިންމީ ރާއްޖޭގެ ކޮޅަށެވެ. ރާއްޖެއިން ބިޑު ކާމިޔާބުކޮށް، މެއި މަހު ރާއްޖޭގައި ގުރޫޕު ސުޓޭޖު ކުޅެން ތައްޔާރުވި އެވެ.
އޭރު ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައި އޮތްއިރު ވެސް ރާއްޖޭގައި އޭއެފްސީ ކަޕް ބާއްވަން އުޅޭތީ އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުއްޓެވެ. އޭއެފްސީ ކަޕް ޕްލޭއޮފްގައި ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅެން އައި އިންޑިއާގެ ބެންގަލޫރު އެފްސީން ކޮވިޑްގެ ޕްރޮޓޮކޯލް މުގުރާލައި އެ ޓީމުގެ ގެ ބައެއް ކުޅުންތެރިން ހޮޓަލުން ބޭރަށް ނުކުތް މައްސަލަ ފެންމަތި ވި އެވެ.
ބެންގަލޫރު އަމަލުކުރި ގޮތުން ރާއްޖޭގައި މުބާރާތް ނުބޭއްވޭނެ ކަމަށާއި، އެ ޓީމު ރާއްޖެއިން ފުރުވާލަން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އެފްއޭއެމްއަށް އެންގުމުން، އެފްއޭއެމުން އެ މައްސަލަ އޭއެފްސީގެ ސަމާލުކަމަށް ގެނެ އެވެ. އެންމެ ފަހުން އޭއެފްސީން ނިންމީ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު ފަސް ކުރުމަށެވެ.
މި ޒޯންގެ މެޗުތައް ކުޅޭނީ މިހާރު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު އެވެ. އަންނަ މަހު 15 ގައި ޕްލޭއޮފް މެޗުގައި އީގަލްސް އާއި ބެންގަލޫރު ބައްދަލު ކުރާނެ އެވެ. ގުރޫޕުގެ ފަހު ޖާގަ ޔަގީން ވާނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. ގުރޫޕު ސްޓޭޖު މެޗުތައް ފަށާނީ އަންނަ މަހު 18 ގަ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭނީ އެއް ފަހަރު އެވެ. ގުރޫޕް ސްޓޭޖުން އޮޓަމެޓިކް ޖާގަ ކަށަވަރު ކޮށްފައި ވަނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަށެވެ.
މުބާރާތް ބާއްވަން ރާއްޖެއިން ތިން ވަނަ ފަހަރަށް ބިޑު ކުރި އިރު މިފަހަރު ރާއްޖެއަށް ވާދަވެރިކަން ބޮޑު ވާނެ އެވެ. ކަލްކަތާގައި މި ޒޯންގެ މެޗުތައް ހޯސްޓް ކުރުމަށް އިންޑިއާގެ ޝައުގުވެރިކަން ބޮޑު ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. ބަންގުލަދޭޝްގައި މުބާރާތް ބާއްވަން އެ ގައުމުން ކުރިން ޝައުގުވެރިވި އެވެ.