ކްރިސްޓިއަން ދީނުގެ މައުލޫމާތު ދިވެހިން ލިޔެ، އެތެރެކުރަން އުޅޭ މައްސަލައެއް
ކްރިސްޓިއަން ދީނުގެ މައުލޫމާތު ދިވެހިން ލިޔެ، އެތެރެކުރަން އުޅޭ މައްސަލައެއް

ކްރިސްޓިއަން ދީނުގެ މައުލޫމާތު ދިވެހި ބަހުން ލިޔެފައިވާ ލިޔުންތަކެއް ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހުއްޓުވައި، އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕޯސްޓްގެ ޒަރިއްޔާ އިން ރާއްޖެ އަށް ގެންނަ ލިޔެކިޔުންތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކްރިސްޓިއަން ދީނުގެ މައުލޫމާތު ދިވެހި ބަހުން ލިޔެފައި ހުރި ލިޔުންތަކެއް ބޭރުގެ އެކި ފަރާތްތަކުގެ ނަންނަމުގައި ފަހަކަށް އައިސް ރާއްޖެ އަށް ފޮނުވަމުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ލިޔުންތައް ހުންނަނީ ސިޓީއުރަ އަކަށް ލައި، ރާއްޖޭގެ އެކި މުއައްސަސާ އާއި ވިޔަފާރި ކުންފުނިތައް އަދި އަމިއްލަ ފަރުދުންނަށް އެޑްރެސް ކޮށްފައި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. ނަމަވެސް މިިހާތަނަށް ބެލިބެލުމުން އެނގިފައި ވަނީ އެކަން ކުރަނީ އެޑްރެސް ކުރާ ފަރާތްތަކަށް އެންގުމަކާ ނުލައި އޮޅުވާލައިގެން ކަމަށް އެ އިދާރާ އިން ބުންނެވެ.

ދީނީ އެއްބައިވަންތަކަމުގެ ގާނޫނާއި ރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގައި އިސްލާމް ދީނުގެ އަސްލާ ހިލާފު އަދި އެހެން ދީންތަކުގެ ފޮތްތައް ގެނައުމާއި ވިއްކުން އަދި އިޝްތިހާރު ކުރުމަކީ ވެސް މަނާ ކަމެކެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި އެފަދަ ހުރިހާ ލިޔުންތަކެއް ރާއްޖެ އަށް އެތެރެވިޔަ ނުދީ ހިފަހައްޓަމުން ދެ އެވެ.

އެކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތައް ހޯދައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދީ ހުއްޓުވުމަށްޓަކައި ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި އަހަރުގެ ކުރީކޮޅު ވެސް މިފަދަ މައްސަލައެއް ފެންމަތިވި އެވެ. ނަމަވެސް އޭރު ދިވެހިން ލިޔެފައި ހުރި ބައިބަލްގެ ފޮތްތަކެއް ފެނިފައި ވަނީ ރާއްޖެ އެތެރެ ކުރި ފަހުން ކ. ގުރައިދޫގެ ގެސްޓް ހައުސްތަކަކުންނެވެ.