06 ޖުލައި 2021 - 22:52

ރ. އިނގުރައިދޫ ގައި ކަރަންޓީނުގައި ހުރި މީހަކު ބޭރަށް ނުކުމެ ފުލުހުންގެ މަރުކަޒަށް ގެއްލުން ދީފި އެވެ.
ފުލުހުން މިރޭ ބުނީ، އިނގުރައިދޫގައި މިއަދު ހަވީރު ކަރަންޓީން އުސޫލާ ހިލާފަށް ބޭރަށް ނުކުމެ ފުލުހުންގެ މަރުކަޒަށް ގެއްލުން ދިން މައްސަލައެއްގައި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ ރަށު ކައުންސިލް މެންބަރަކު "މިހާރު" އަށް ވިދާޅުވީ އެއީ އަކީ މާލެއިން ގޮސް މައިންބަފައިންނާ އެއްކޮށް ކަރަންޓީނުގައި ހުރި މީހަކު ކަމަށާއި ފުލުހުންގެ މަރުކަޒަށް ގެއްލުން ދިން ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އޭނާގެ ކުށުގެ ރެކޯޑެއް އޮންނަ ކަމަށާއި މިހާރު ނަފްސާނީ ބައްޔަށް ބޭސް ވެސް ކާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
"ފުރަތަމަ ގޮސް ދެ ބިއްލޫރިގަނޑު ތަޅައިލީ. ދެން ފަހުން އައިސް އަނެއްކާ ކުޑަ ދޮރުގެ ބިއްލޫރިގަނޑު ތަޅާލި،" އޭނާ ވިދާޅުވި އެވެ.
ކަރަންޓީން އުސޫލާ ހިލާފުވި މައްސަލާގައި ފުލުހުން ވަނީ އެ މީހާ 10،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.