24 ނޮވެމްބަރ 2016 - 13:39

ޖިނާއީ އިޖްރައާތުގެ ގާނޫނަށް އަމަލުކުރުން ފަސްކޮށް އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެ އިސްލާހުގެ އިތުރުން އިސްލާމީ ފަތުވާ ދޭ މަޖިލީހަށް ބައެއް ބަދަލުތައް ގެނައުމާއި އެ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ވެސް ރައީސް މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
އަންނަ ޖެނުއަރީ މަހު އަމަލުކުރަން ފަށާ ގޮތަށް ކުރިން އޮތް ޖިނާއީ އިޖްރައާތުގެ ގާނޫނަށް މަޖިލީހުން އިސްލާހު ގެނައީ އެ ގާނޫނަށް އަމަލުކުރަން ފެށުން އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހާ ހަމައަށް ފަސް ކުރުމަށެވެ. އެއީ އެ ގާނޫނަށް ކަމާބެހޭ ފަރާތްތައް އަހުލުވެރި ކުރުވަން ދޭންޖެހޭ ތަމްރީނުތައް ނުދެވޭތީ ކަމަށް ބުނެ ގެނެސްފައިވާ އިސްލާހެކެވެ.
ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމާއި ހައްޔަރު ކުރުމާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގުމުގެ އިޖްރައާތުތައް ބަޔާންކުރާ އެ ގާނޫނަށް އަމަލު ކުރުން ފަސްކުރާތީ ބައެއް ވަކީލުން ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އިސްލާމީ ފަތުވާ ދޭ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ސީދާ ރައީސް އައްޔަންކުރައްވާ މެމްބަރުންގެ ގޮތުގައި ތިއްބަވާނީ ދެ މެމްބަރުން ގާނޫނުގައި އޮތްގޮތުން ބަދަލުކޮށް، ދީނީ އެއްބައިވަންތަކަމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ދެން އެ މަޖިލީހުގެ އެއް މެމްބަރަކު ފިޔަވައި ބާކީ ތިބޭ ހުރިހާ މެމްބަރުން އައްޔަން ކުރައްވާނީ ސީދާ ރައީސެވެ.