އާލިއާ ހޮލީވުޑްގެ އެޖެންސީއަކާ އެކު ސޮއިކޮށްފި
އާލިއާ ހޮލީވުޑްގެ އެޖެންސީއަކާ އެކު ސޮއިކޮށްފި

ބޮލީވުޑްގައި މިހާރު އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި އެއް ބަތަލާ އާލިއާ ބަޓް އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކުން ފުރުސަތު ހޯދަން އެމެރިކާގެ ޓެލެންޓް އެޖެންސީއަކާ އެކު ސޮއިކޮށްފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ޑެޑްލައިނުން ބުނީ 28 އަހަރުގެ ބަތަލާ ސޮއިކުރީ ވިލިއަމް މޮރިސަން އެންޑީވާ އެންޓަޓައިންމަންޓް (ޑަބްލިއުޑަބްލިއުއީ) އާ އެކު ކަމަށެވެ. އެ ކުންފުނިން މެނޭޖްކޮށްދޭ މަޝްހޫރު އޭ-ލިސްޓް ތަރިންގެ ތެރޭގައި ބެން އެފްލެކް، މެޓް ޑޭމަން، ކްރިއަސްޓިއަން ބޭލް، ޖެސިކާ އަލްބާ އަދި ވޫޕީ ގޯލްބާގް ހިމެނެ އެވެ.

އާލިއާ ހޮލީވުޑްގެ އެޖެންސީއަކާ އެކު ސޮއިކޮށްފައި މި ވަނީ އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކް ޝައުގުވެރިވާ ކަމަށް މީގެ ދެ އަހަރު ކުރިން ބުނެފައި ވަނިކޮށެވެ. މި ފަހުން ބޮލީވުޑްގެ ވަރަށް ގިނަ ތަރިންގެ އެއް އަމާޒަކީ ހޮލީވުޑުން ފުރުސަތު ހޯދުމެވެ. އާލިއާ އަކީ މިދިޔަ އަހަރުގެ އޮސްކާ އެވޯޑްސް އަށް އިންޑިއާ އިން ފޮނުވި ފިލްމު "ގަލީ ބޯއި" ގެ ބަތަލާ އެވެ.

ޕްރިޔަންކާ ޗޯޕްރާ އާއި ދީޕިކާ ޕަދްކޯން އާއި ހުމާ ގްރޭޝީ ފަދަ ބަތަލާއިންނަކީ މިހާރު ހޮލީވުޑް ދަންނަ ބައެކެވެ. މި ފަހުން އެމެރިކާގެ ޓެލެންޓް އެޖެންސީތަކާ އެކު ސޮއިކުރި ބޮލީވުޑްގެ ތަރިންގެ ތެރޭގައި ރިތިކް ރޯޝަން، ސޯނަމް ކަޕޫރް، ޓައިގާ ޝްރޮފް، ރަންދީލް ހޫޑާ އަދި ވިދުޔަތު ޖަމްވަލް ހިމެނެ އެވެ.

އެކްޓަރު ރަންބީރް ކަޕޫރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އާލިއާ ބޮލީވުޑްގެ ތޮށިގަނޑުން ބޭރުވާން އަމުޒި ހިފި އިރު އޭނާ އަކީ މި ވަގުތު ޒުވާން ބަތަލާއިންގެ ތެރެއިން ބޮލީވުޑްގައި އެންމެ ޑިމާންޑް ބޮޑު އެކެކެވެ. މި ވަގުތު އާލިއާގެ އަތުގައި ހުރި ބޮޑެތި ފިލްމުތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ"، އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް"، އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ"، ޝާހްރުކް ޚާންގެ "ޑާލިންސް" އަދި ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ހިމެނެ އެވެ.

"ޑާލިންސް" އަކީ ޝާހްރުކްގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އާލިއާގެ ފިލްމު ކުންފުނި ސަންޝައިން ޕްރޮޑަކްޝަން ގުޅިގެން ހަދާ ފިލްމެކެވެ. އަދި މިއީ އާލިއާ ޕްރޮޑިއުސްކޮށް، ކުޅޭ ފުރަތަމަ ފިލްމެވެ.