ވެކްސިން ފުރިހަމަކުރި މީހުން ކަރަންޓީނުން ދޫކޮށްލަން އަންގައިފި
ވެކްސިން ފުރިހަމަކުރި މީހުން ކަރަންޓީނުން ދޫކޮށްލަން އަންގައިފި

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކުރި މީހުންނަށް ލުއި ދިނުމުގެ ކުރިން ވެކްސިން ފުރިހަމަކޮށް ރަށްރަށަށް ގޮސް ކަރަންޓީނުގައި ތިބި މީހުންނަށް ޓެސްޓްކޮށް ނެގެޓިވް ނަމަ ދޫކޮށްލަން އެޗްޕީއޭ އިން މިއަދު އަންގައިފި އެވެ.

އެޗްޕީއޭ އިން އިއްޔެ އާންމުކުރީ ވެކްސިން ފުރިހަމަކުރިތާ 14 ދުވަސްވެފައިވާ ނަމަ، ކަރަންޓީނު ނުވެ ރަށަށް ދެވޭނެ ކަމަށެވެ. އެކަމަކު އެމީހުން ދަތުރުކުރަން ޖެހޭނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު އެވެ.

ވެކްސިން ފުރިހަމަކުރި މީހުންނަށް ލުޔެއް ދޭނެ ކަމުގެ އިޝާރާތެއް ވެސް ނެތި ކުއްލިއަކަށް ލުއިދިން އިރު ވެކްސިން ފުރިހަމަކޮށްގެން އެތައް ބަޔަކު ރަށުގައި ކަރަންޓީނުގައި އެބަ ތިއްބެވެ. މި އުސޫލަށް މިއަދު އަމަލުކުރަން ފެށިއިރު ވެސް އެތައް ބަޔަކު ކަރަންޓީނުގައި ތިބިއިރު އެމީހުންނާ މެދު އަމަލުކުރާނެ ގޮތެއް އިއްޔެގެ އެޗްޕީއޭގެ ޕްރެސްގައި ވެސް އާންމުކޮށްފައި ނުވާތީ އެކަމުގެ ޝަކުވާތައް ކުރި އެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިވަގުތު ހޯމް ކަރަންޓީނުގައި ތިބި މީހުންނާއި އެމީހުންނާއި އެކު ދަތުރުކޮށް ކަރަންޓީނުގައި ތިބި ވެކްސިން ނުޖެހޭ ކުދިން، ޕީސީއާރު ޓެސްޓް ހަދައި ނެގެޓިވް ނަތީޖާއާ އެކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށެވެ.

އެމީހުންގެ އިތުރުން، ދެން ލުއިދިނީ ރާއްޖެއިން ބޭރުން އައިސް މިވަގުތު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮވިޑް-19 އިމަޖެންސީ ޔޫސް ލިސްޓުގައި ހިމަނާފައިވާ ވެކްސިން ފުރިހަމަ ކުރި މީހުންނަށެވެ.

އެޗްޕީއޭ އިން ބުނީ ޑަބްލިއުއެޗްއޯގެ އިމަޖެންސީ ލިސްޓުގައި ހިމެނޭ ވެކްސިނެއް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ، މީހުންގެ ތެރެއިން ކަރަންޓީނުގެ ހަތް ދުވަސް ފުރިހަމަވެފައިވާ ނަމަ، ޕީސީއާރު ޓެސްޓް ހަދައި ނެގެޓިވް ނަތީޖާ ލިބުމުން ކަރަންޓީނުން ދޫކުރެވޭނެ ކަމަށެވެ.

ވެކްސިން ފުރިހަމަ ކުރި މީހުންނަށް ކަރަންޓީނު ނުވެ، ދަތުރުކުރެވޭނީ އެމީހަކު ދަތުރުކުރާ ތަނެއްގައި ޕޮޒިޓިވިޓީ ރޭޓް ފަހަކަށް ވުރެ ދަށް ނަމަ އެވެ. މިވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓު ވެސް ފަހަކުން ދަށުގައި ހުރުމާ ގުޅިގެން މާލެއިން މޮނިޓަރިންގައި ނެތް ރަށްރަށްރަށް ވެކްސިން ފުރިހަމަ ކުރި މީހުންނަށް ކަރަންޓީވުމެއް ނެތި ދަތުރުކުރެވޭނެ އެވެ.