ކޮވިޑުގައި ހާލު ސީރިއަސްވި ބިދޭސީ ދެމައިންގެ ބިލަށް އެރި ތިން ލައްކައެއްހާ ރުފިޔާ މާފުކޮށްދީފި
ކޮވިޑުގައި ހާލު ސީރިއަސްވި ބިދޭސީ ދެމައިންގެ ބިލަށް އެރި ތިން ލައްކައެއްހާ ރުފިޔާ މާފުކޮށްދީފި

ކޮވިޑު-19 ގައި ހާލު ސީރިއަސްވެ ބަނޑަށް ހަތް މަހުގައި ދަރިފުޅު ނަގަން ޖެހުނު، ބަންގްލަދޭޝްގެ ސަހާނާގެ ހޮސްޕިޓަލް ބިލަށް އެރި 284،000ރ. އައިޖީއެމްއެޗުން އިއްޔެ މާފުކޮށްދީފި އެވެ.

ވިލިމާލޭގައި ދިރިއުޅޭ ސަހާނާ، 31، އަކީ ވިލިމާލޭގެ ގެއެއްގައި އުމުރުން ދުވަސްވީ މީހަކު ބަލަން މީގެ ދެ އަހަރުކުރިން ރާއްޖެ ގެނައި މީހެކެވެ. ފިރިމީހާއާ އެކު އޭނާ ރާއްޖޭގައި ދިރިއުޅެނިކޮށް، ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ ރޯދައިގެ ފަހުން ހަ ރޯދައިގެ ތެރޭގަ އެވެ.

ކޮވިޑްގައި ހާލު ސީރިއަސްވެ، އައިޖީއެމްއެޗުގައި ސަހާނާ އަށް ފަރުވާދެމުން އަންނަތާ ދެ މަސްވާން ގާތްވެފައިވާއިރު އޭނާގެ ހޮސްޕިޓަލުގެ ބިލަށް 194،000ރ. އަރަ އެވެ. އަދި ސިޒޭރިއަން ހަދައިގެން ނެގި އޭނާގެ ދަރިފުޅަށް ވެސް އައީ އައިސީޔޫގައި ފަރުވާދެމުންނެވެ. އެ ކުއްޖާގެ ބިލަށް ވެސް 90،000ރ. އެރި އެވެ.

ސަހާނާ މަސައްކަތްކުރަމުން އައި ގޭގެ ވެރިޔާ، "މިހާރު" އަށް ބުނި ގޮތުގައި، ހޮސްޕިޓަލުގެ ބިލަށް ބޮޑު އަދަދެއް އަރާފައިވާތީ އެހީ ހޯދުމަށް އާންމުކުރި ޕޯސްޓާ އެކު 32،000ރ. ލިބުނެވެ. އެކަަމަކު އިއްޔެ އައިޖީއެމްއެޗުން ހޮސްޕިޓަލުގެ ބިލް މާފުކޮށްދީފައިވާތީ އިތުރަށް އެހީގެ ފައިސާ ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި އާންމުންގެ ފަރާތުން ލިބުނު ފައިސާ ވެސް އެ އާއިލާ އިން ވަނީ ސަހާނާގެ ފިރިމީހާއާ ހަވާލުކޮށްފައި ކަމަށް ބުނެ އެވެ.

"އެހާ ބޮޑު އެއްޗެއް ބިލަށް އަރާފައި އޮތީމަ އަޅުގަނޑުމެން އެހީއަށް އެދުނީ. އެކަމަކު އައިޖީއެމްއެޗުގައި އެދުމުން އެ ތަނުން ވަނީ ބިލަށް އެރިވަރު މާފުކޮށްދީފައި،" ސަހާނާ ހުންނަ ގޭގެ ވެރިޔާ ބުންޏެވެ.

ވެންޓިލޭޓަރުގައި ކުރިން ފަރުވާ ދިން ސަހާނާ މިހާރު އޮތީ އައިޖީއެމްއެޗުގެ މެޑިކަލް ވޯޑުގަ އެވެ. އެކަމަކު އަދިވެސް އޭނާގެ ހާލު ސީރިއަސް ކަމަށާއި މީހުން ފާހަގަކުރަން އެނގުނަސް ވާހަކަ ވެސް ނުދެއްކޭ ކަމަށް އެ މީހާ ބުންޏެވެ.

"ކާކުކަން އެނގޭހޭ ބުނީމަ ބޯ ޖަހާލިޔަސް އަތާ ތަންތަން ހަރަކާތެއް އަދިވެސް ނުކުރޭ،" ގޭގެ ވެރި މީހާ ބުންޏެވެ.

ސަހާނާގެ ދަރިފުޅު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. ކުއްޖާ ބަލަމުން އަންނަނީ އެ ކުއްޖާގެ ބައްޕަ މަސައްކަތް ކުރަމުން އަންނަ ތަނުގެ ވެރި މީހާގެ އަންހެނުން ކަމަށް ބުންޏެވެ.

"އަޅުގަނޑުމެން ވެސް ކުއްޖާ ބަލަން ތިބީ. އެކަމަކު ސަހާނާ ފިރިމީހާގެ ބޮސްގެ އަންހެނުން ވެސް ބޭނުންވެގެން އެ ކުއްޖާ ބަލަން ގެންދިޔައީ."