10 ޖުލައި 2021 - 08:53

ވަޓްސްއެޕަށް ގެންނަން މަސައްކަތްކުރާ ބަދަލުތަކުގެ ތެރޭގައި ފޮނުވާ ފޮޓޯ އާއި ވީޑިއޯގެ ކޮލިޓީ އަށް ހާއްސަކޮށްގެން ފީޗާއެއް ތަރައްގީކުރަމުން އަންނަ ކަމަށް ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފި އެވެ.
ވަބީޓާއިންފޯ އިން ބުނެފައިވާ ގޮތުގައި މި ވަގުތު އެންޑްރޮއިޑް ހާއްސަކޮށްގެން ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ފީޗާ ބަލާ އިރު ފޮޓޯ އާއި ވީޑިއޯ ކޮލިޓީ ކޮންޓްރޯލްކުރަން ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ތިން އޮޕްޝަނެއް ދެވޭނެ އެވެ. އެއީ "އޮޓޯ"، "ބެސްޓް ކޮލިޓީ" އަދި "ޑޭޓާ ސޭވާ" އެވެ.
މި ފީޗާ އައުމުން އިންޓަނެޓް ސްޕީޑާއި ޑޭޓާ ހުރި މިންވަރެއްގެ މައްޗަށް، ވީޑިއޯ އާއި ފޮޓޯ ޝެއާކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު މި ފީޗާއާ ބެހޭ އެއްވެސް ވާހަކައެއް، ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕުން އަދި ނުދައްކަ އެވެ.
އެހެންވެ އެންޑްރޮއިޑް ވާޝަނަށް ފީޗާ އަންނާނެ އިރެއް ނޭނގެ އެވެ.
ވަބީޓާއިންފޯ އިން ބުނި ގޮތުގައި ޚަބަރުތައް މިހާރު ލިބޭ ގޮތަށް ބަލާ އިރު މާ ލަސްތަކެއް ނުވެ އެންޑްރޮއިޑަށް އާ ފީޗާ ގެންނާނެ އެވެ. އެކަމަކު އައިއޯއެސް އަށް ފީޗާ އައުމާއި ނައުން ކަށަވަރެއް ނުވެ އެވެ.