11 ޖުލައި 2021 - 15:16

ރާއްޖެއިން ކޮވިޑު-19 އަށް ޓެސްޓުކުރި ސާމްޕަލްގެ އަދަދު މިލިއަނަކަށް ވުރެ އިތުރުވެއްޖެ އެވެ.
އެ ބައްޔާ ގުޅޭ މައުލޫމާތު ހިއްސާކުރަން ހެލްތު މިނިސްޓްރީން ހަދާފައިވާ ވެބްސައިޓުގައިވާ ގޮތުން، މިދިޔަ ހުކުރު ދުވަހާ ހަމައަށް ރާއްޖެ އިން 1،074،373 ސާމްޕަލް ކޮވިޑަށް ޓެސްޓުކޮށްފައި ވެ އެވެ. އެއީ މަގުމަތިން ރެންޑަމްކޮށް ނެގި ސާމްޕަލްތަކާއި ބަލީގެ އަލާމަތްތައް ހުރެގެން އަދި ދަތުރުކުރުމުގެ ކުރިން ހަދާފައިވާ ޓެސްޓުތަކެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 74،903 މީހެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން އައީ އެ ދުވަހަކު ކޮވިޑަށް ޓެސްޓުކުރާ މީހުންނާއި އެ ދުވަހާ ހަމައަށް ޓެސްޓުކުރި މީހުންގެ ޖުމުލަ އަދަދު ވެސް ހާމަކުރަމުންނެވެ. ނަމަވެސް ބޮޑު އާމްދަނީއެއް ލިބޭ އެ ހިދުމަތާ ގުޅޭގޮތުން ވަކި ހިސާބަކުން ހިއްސާކުރަން ފެށީ ހަމައެކަނި އެ ދުވަހަކު ޓެސްޓު ކުރާ މީހުންގެ އަދަދު އެކަންޏެވެ.
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލުތަކުން ވެސް ކޮވިޑަށް ޓެސްޓުކުރެވެ އެވެ. އަމިއްލަ ކުންފުނިތަކުގެ ލެބޯރެޓަރީގައި ވެސް ކޮވިޑަށް ޓެސްޓުކުރުމުގެ ހުއްދަ އެޗްޕީއޭ އިން ދީފައި ވެ އެވެ. އެކި ތަންތަނުގައި ކޮވިޑު ޓެސްޓު ހަދައިދޭ އަގު އުޅެނީ އެކި ވަރަށެވެ.
ކޮވިޑަށް ޓެސްޓުކުރާ މީހުންގެ އަދަދު މިލިއަނަށް ވުރެ މައްޗަށް އެރި ނަމަވެސް ބައެއް ތަންތަނުން ފޭކް ނެގެޓިވް ނަތީޖާތަކެއް ހަދައިދެމުން ދާ ކަމުގެ ތުހުމަތު އެ ވިޔަފާރީގައި އުޅޭ ބައެއް ފަރާތްތަކުން ކޮށްފައި ވެ އެވެ.
އެ މީހުން ބުނާގޮތުގައި ކޮވިޑުގެ ފޭކް ނެގެޓިވް ޓެސްޓް ތިން ގޮތަކަށް ރާއްޖޭގައި ގެންގުޅެ އެވެ. އެއްގޮތަކީ، އެއާޕޯޓްގައި ކޮންމެވެސް ހުއްދަ ނެތް ބަޔަކު ޓޫރިސްޓުންގެ ޓެސްޓްތައް ހެދުމެވެ. އަނެއް ގޮތަކީ ޕޮޒިޓިވް ނަތީޖާއެއް، ފޮޓޯޝޮޕް ކޮށްލުމަށް ފަހު ނެގެޓިވް އަށް ބަދަލުކޮށްގެން ފުރައިގެން ދިއުމެވެ. ތިން ވަނަ ގޮތަކީ، ބައެއް ލެބޯރެޓަރީތަކުން ނެގެޓިވްް ނަތީޖާ ވިއްކުމެވެ.
ނަމަވެސް އެކަމާ ގުޅޭގޮތުން އެޗްޕީއޭ އިން އެއްވެސް އެއްޗެކޭ ނުބުނެ އެވެ.
މީގެ ކުރިން ރާއްޖޭގައި ކޮވިޑަށް ޓެސްޓުކުރާ މީހުންގެ އަދަދު އުޅުނީ އެވްރެޖުކޮށް 3،000-4،000 ގަ އެވެ. އެކަމަކު ކޮވިޑްގެ ހާލަތު ރަނގަޅުވެ، ދަތުރުކުރުމުގައި ލުއިތައް ދޭން ފެށުމާއެކު އެ ބައްޔަށް ޓެސްޓުކުރާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައި ވެ އެވެ،
އެގޮތުން، ވެކްސިން ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ މީހުންނަށް ކަރަންޓީން ވުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައި ވެ އެވެ. އެހެންވެ، ސްކޫލު ބޮޑު ޗުއްޓީ އާއި އީދާ ދިމާކޮށް ގިނަ ބަޔަކު މާލެއިން ފުރައިގެން ރަށްރަށަށް ދާން ފަށާފައި ވެ އެވެ.