ކުއްލި ބޮޑު އާބާދީއެއް، އަސާސީ އެއްވެސް ހިދުމަތެއް އަދި ނެތް
ކުއްލި ބޮޑު އާބާދީއެއް، އަސާސީ އެއްވެސް ހިދުމަތެއް އަދި ނެތް

އައިމިނަތު ސީޒާގެ މުޅި ގެދޮރަކީ ހުޅުމާލެ އިން އޭނާގެ މަންމަ އަށް ލިބުނު އެޕާޓްމަންޓުގެ އެއް ކޮޓަރި އެވެ. ކާ ގަޑިތަކުގައި ކާ މޭޒަކީ އެނދު މައްޗަށެވެ. ނިދަނީ "ދަންބަހައިގެން"ނެވެ. އެ ކޮޓަރީގެ ފާހާނާ، އަށް މީހުން ބޭނުން ކުރެ އެވެ. ކައްކަނީ ކޮޓަރިން ބޭރުގައި ހުރި ކުޑަ ތަންކޮޅެއްގައި އުނދުނެއް ބަހައްޓައިގެންނެވެ.

ކުއްލި ބޮޑު އާބާދީއެއް، އަސާސީ އެއްވެސް ހިދުމަތެއް އަދި ނެތް
ކުއްލި ބޮޑު އާބާދީއެއް، އަސާސީ އެއްވެސް ހިދުމަތެއް އަދި ނެތް

ސީޒާގެ ދިރިއުޅުމުގެ މިހާރުގެ އާ އުއްމީދަކީ ހުޅުމާލޭގެ ދެ ވަނަ ފޭހުގައި ހަދާފައިވާ ޓަވަރުތަކުން އޭނާ އަށް ލިބުނު އެޕާޓްމަންޓެވެ. އޭނާ ކެތްމަދުވެފައި ހުރީ އެގްރީމެންޓުގައި ސޮއިކުރާނެ ދުވަހަކަށެވެ. ބާރަ ވަނަ ޓަވަރުން ލިބިފައިވާ އެޕާޓްމަންޓަށް ވަގުތުން ބަދަލުވާން އޭނާ ތައްޔާރަށެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ކުއްލިއަކަށް އުފެދޭ އެންމެ ބޮޑު އާބާދީ އަށް ހިދުމަތް ދެވޭނެ އިންތިޒާމްތައް ގާއިމްވެފައިވޭތޯ ބަލާކަށް އޭނާ ބޭނުމެއް ވެސް ނޫނެވެ.

ކުއްލި ބޮޑު އާބާދީއެއް، އަސާސީ އެއްވެސް ހިދުމަތެއް އަދި ނެތް
ކުއްލި ބޮޑު އާބާދީއެއް، އަސާސީ އެއްވެސް ހިދުމަތެއް އަދި ނެތް

ސީޒާއެކޭ އެއްގޮތަށް ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ބަދަލުވާން ބޭނުންވާނެ އެތައް ބަޔަކު ތިބޭނެ އެވެ. އެކަމަކު ފްލެޓްތަކާ ކައިރިން އަސާސީ ހިދުމަތްތައް ލިބެން ނެތުން ވާނީ އެ މީހުންނަށް އުފުލަން ޖެހޭ އިތުރު ތަކުލީފަކަށެވެ. އެ ސަރަހައްދުގައި މިސްކިތެއް، ސްކޫލެއް، ފިހާރައެއް އަދި ނެތެވެ.

ކުއްލި ބޮޑު އާބާދީއެއް، އަސާސީ އެއްވެސް ހިދުމަތެއް އަދި ނެތް
ކުއްލި ބޮޑު އާބާދީއެއް، އަސާސީ އެއްވެސް ހިދުމަތެއް އަދި ނެތް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން އިމާރާތް ކުރި 25 ބުރީގެ 16 ޓަވަރު ޑިޒައިންކޮށްފައި ހުރީ އެ ތަންތަނުން އަސާސީ ހިދުމަތްތައް ލިބޭ ގޮތަކަށް ނޫނެވެ. އެ ޓަވަރުތަކުގެ އެންމެ ތިރީ ފްލޯތައް މިހާރު ވަނީ އެކިއެކި ބޭނުންތަކަށް ހުސްކޮށްފަ އެވެ. ގްރައުންޑް ފްލޯ އިން ހުސްކުރި 280 އެޕާޓްމަންޓް ބޭނުން ކުރާނީ ސުޕަމާކެޓްތަކާއި ގްރޯސަރީ ސްޓޯތަކާއި ރީޓެއިލް ފިހާރަތަކާއި ސެލޫން އެންޑް ސްޕާ އަދި ކްލިނިކާއި ފާމަސީގެ އިތުރުން ކެފޭ ރެސްޓޯރެންޓްތައް ހިންގުމަށެވެ.

ކުއްލި ބޮޑު އާބާދީއެއް، އަސާސީ އެއްވެސް ހިދުމަތެއް އަދި ނެތް
ކުއްލި ބޮޑު އާބާދީއެއް، އަސާސީ އެއްވެސް ހިދުމަތެއް އަދި ނެތް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އުއްމީދަކީ ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓްތަކުގައި މީހުން އާބާދުވާން ފަށާއިރު އެންމެ އަސާސީ ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އެ އަމާޒަށް ބައެއް މަސައްކަތްތައް ވެސް މިހާރު ވަނީ ކޮށްފަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާއިރު އަސާސީ ހިދުމަތްތައް ލިބޭނެ ގޮތަށް އިސްކަން ދީފައިވާނެ ކަމަށެވެ.

"ފޭސް ވަންގައި އެ ހުޅުވި މިސްކިތް 7،000 ފްލެޓް ސަރަހައްދާ އެހާ ދުރެއް ވެސް ނުވާނެ. ފޭސް ޓޫގައި މިހާރު ވެސް ދަނީ ދެ މިސްކިތެއްގެ މަސައްކަތް އަމިއްލަ ފަރާތްތަކުން ކުރަމުން. އެއީ ވެސް ހިޔާ ފްލެޓް ސަރަހައްދުގައި. އޭގެ ކުރިން ވެސް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެޗްޑީސީން މިދަނީ ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުން،" ސުހައިލް ވިދާޅުވި އެވެ.

އެޗްޑީސީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ސުހައިލް ވެސް ގަބޫލް ކުރައްވާ ގޮތުގައި ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާއިރު އެންމެ ބޮޑެތި ގޮންޖެހުންތަކަށް ވާނީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. ހާއްސަކޮށް ގާތްގަނޑަކަށް ސާޅީހަކަށް މީހުންގެ ބޮޑު އާބާދީއެއް އުފެދިގެން އަންނަ އިރު ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓް އަދި ކްލިނިކުގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

"އެހާ ގިނަ އަދަދެއްގެ މީހުން ދިރިއުޅެން ފަށާއިރު ހިދުމަތް ދިނުމުގައި ޗެލަންޖަސް ހުންނާނެ. އެޗްޑީސީގެ ބޭނުމަކީ ދިމާވެދާނެ ކަމަށް ބެލެވޭ މައްސަލަތައް މިނިމައިޒް (ކުޑަ) ކުރުން،" ސުހައިލް ވިދާޅުވި އެވެ.

ހިޔާ ޕްރޮޖެކްޓުގެ ޓަވަރުތަކުން އަސާސީ ހިދުމަތް ދިނުމަށް ހުސްކުރި ޖާގަ ދޫކުރުމަށް ތިން ބުރަކަށް އިއުލާންކޮށް މިހާރު ވަނީ ފުރަތަމަ ބުރުގައި ހޮވުނު ފަރާތްތަކަށް ތަންތަން ހަވާލުކޮށްފަ އެވެ. އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މިހާރު ވަނީ އަސާސީ ހިދުމަތްތަކަށް ޓަވަރުތަކުގެ ގްރައުންޑް ފްލޯ ތައްޔާރުކޮށް ނިންމައިފަ އެވެ.

"ގްރޯސަރީ ފިހާރައެއް ހުޅުވާލަން މާ ގިނަ ދުވަހެއް ނުނަގާނެ. ދޮރުހަރުކޮށް އޭސީ ހަރުކޮށް، ކަރަންޓް ދެވުނީމާ ބޭނުން ކުރަން ހަމަ ފަށަންވީ. އެސެންޝަލް (މުހިންމު) ކަންކަން އަވަހަށް ފަށަން އިސްކަން ދީފައިވާނީ،" އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކަށް ކަރަންޓް ދިނުމަށް ސްޓެލްކޯ އިން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާލައިފަ އެވެ. ސްޓެލްކޯއިން ބުނީ ފްލެޓްތަކަށް ބޭނުންވާ ކަރަންޓް ދިނުމަށްޓަކައި ހުޅުމާލެ ފޭސް ދޭއްގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެނަޖައިޒްކޮށް، ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތައް ލައިވް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފްލެޓްތަކަށް ކަރަންޓް ލިބޭނީ ހިޔާ ފްލެޓްތަކުން ލޯ ވޯލްޓޭޖް ކޭބަލް ގެނެސް ގުޅައިލުމުންނެވެ. އެ މަސައްކަތް ކުރަނީ އެޗްޑީސީން ޗައިނާގެ ސީއެމްއީސީ ކުންފުންޏާ ހަވާލުކޮށްގެންނެވެ.

ފޭސް ދޭއްގައި ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެޑިއުކޭޝަނާއި ޕްލޭނިން މިނިސްޓްރީންނެވެ. ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ހަދާ އެއް ސްކޫލްގެ ބިޑް މިހާރު ވަނީ ހަވާލުކޮށްފަ އެވެ. ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހަދާ އިތުރު ސްކޫލެއްގެ މަސައްކަތް ވެސް ދާދި ފަހުން ވަނީ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އޭގެ އިތުރުން ޕްރައިވެޓް ސްކޫލްތައް އަޅަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި ފޭސް ދޭއްގައި 14 ސްކޫލެއް އެޅުމަށް ވަނީ ބިން ކަނޑައަޅައިފަ އެވެ.

ދެވަނަ ފޭހުގައި ހަދާ ސްކޫލްތައް ހުޅުވެންދެން އެޗްޑީސީން ރާވާފައި ވަނީ ހިޔާ ފްލެޓްތަކުގައި އުޅޭ ކުދިންނަށް އެހެން ސްކޫލްތަކަށް ދިއުމަށް ސްކޫލް ބަސް ބޭއްވުމަށެވެ.

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާއިރު އެންމެ އަސާސީ ހިދުމަތްތައް މުޅިން ފުރިހަމަ ނުވި ނަމަވެސް އެ ފްލެޓްތަކަށް ބަދަލުވާ ސީޒާ ފަދަ މީހުންގެ އުއްމީދަކީ އަމިއްލަ ގެދޮރުގައި މިހާރަށް ވުރެ ހަމަޖެހޭ ދިރިއުޅުމެއް އުޅުމެވެ. ދިމާވާނެ މައްސަލަތައް ދެން އެނގޭނީ އެ ފްލެޓްތަކުގައި ދިރިއުޅެން ފެށުމުންނެވެ. މައްސަލަތަކަށް ހައްލު ހޯދަން އެޗްޑީސީ ވެސް އޮތީ ތައްޔާރަށެވެ.