ކުދިން އިސްލާހުކުރަން ބައިތިއްބާ މަރުކަޒު ހިންގުމުގެ ލައިސަންސް ވިޔަފާރިތަކާއި ކޯޕަރޭޓިވްތަކަށް ލިބޭނެ
ކުދިން އިސްލާހުކުރަން ބައިތިއްބާ މަރުކަޒު ހިންގުމުގެ ލައިސަންސް ވިޔަފާރިތަކާއި ކޯޕަރޭޓިވްތަކަށް ލިބޭނެ

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުދިން އިސްލާހުކުރުމަށް އެކަހެރިކޮށްގެންގެން ފަރުވާ ދިނުމަށާއި ބަންދުގައި ބައިތިއްބަން ޖެހޭ ކުދިންނަށް ހަދާ މަރުކަޒުތައް ހިންގުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ދޭ ގޮތް ހިމެނޭ ގޮތަށް މިކަމުގައި އަމަލުކުރާ އުސޫލު އާންމު ކޮށްފި އެވެ.

ހޯމް މިނިސްޓްރީން ގެޒެޓު ކުރި ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ޕެރޯލް އުސޫލުތަކާ ގުޅޭ ގަވައިދުގައިވާ ގޮތުން، ރާއްޖޭ ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި ޕާޓްނާޝިޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ވެސް މި މަރުކަޒުތައް ހިންގުމުގެ ހުއްދަ ހޯދޭނެ އެވެ.

އަމިއްލަ ފަރާތްތަކަށް ދޫކުރުމަށް ނިންމާފައިވަނީ ފަސް އަހަރު ދުވަހުގެ ލައިސަންސެކެވެ. އަދި ލައިސަންސް ދޫކުރުމަށް ފަހު، ގިނަވެގެން 60 ދުވަސްތެރޭ މަރުކަޒުގެ ހިދުމަތް ދޭން ޖެހެ އެވެ. އަދި ލައިސަންސުގެ މުއްދަތު ހަމަވުމުން ލައިސަންސް އަލުން އާކޮށްދޭނީ އަލުން އެކަމަށް ހުށަހެޅުމުގެ އިތުރުން، ތަނުގެ ހިންގުން މިނިސްްޓްރީން އިވެލުއޭޓް ކުރުމަށްފަހު އެވެ. މިކަމާ ބެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން މި ގަވައިދުގެ ދަށުން، ކުޑަކުދިން ބެހެއްޓުމަށް ހަމަޖައްސާ މަރުކަޒުތައް ތިން ބަޔަކަށް ބަހާލާފައިވެ އެވެ. އެއީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު، ކުޑަކުދިންގެ ޝެލްޓާ ނުވަތަ ހާފްވޭ ހައުސް އަދި ލޯންގް ޓާމް ރެޒިޑެންޝަން ކެއާ ފެސިލިޓީ އެވެ.

ރެޒިޑެންޝަލް ޓްރީޓްމަންޓް ފެސިލިޓީއަކީ ކުއްޖާގެ ހާލަތަށް ބިނާކޮށް އެ ކުއްޖަކަށް ބޭނުންވާ ހާއްސަ ފަރުވާތައް ދެނެގަނެ، އެ ފަރުވާ ނުވަތަ ފަރުވާތައް ދިނުމަށް، އެ މުއްދަތަށް ކުދިން ދިރިއުޅެވޭނެ ގޮތަށް އުފައްދާ މަރުކަޒުތަކެކެވެ.

ކުޑަކުދިންގެ ޝެލްޓާ ނުވަތަ ހާފްވޭ ހައުސް އަކީ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމުއަށް ނިކުތުމަށް ތައްޔާރުކުރަން ބޭނުންވާ ޕްރޮގްރާމް ހިންގުމަށް ކުދިން ބައިތިއްބާ މަރުކަޒުތަކެކެވެ. އަދި މި މަރުކަޒުން ކަނޑައަޅާ އުސޫލުތަކާއެއްގޮތަށް ކުދިންނަށް މުޖުތަމައުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހެ އެވެ.

ލޯންގް ޓަމް ރެޒިޑެންޝަލް ކެއާ ފެސިލިޓީއަކީ ކުއްޖާގެ އާއިލާއާއި މުޖުތަމައު ބައިވެރިވެވޭ ގޮތަށް ދިގު މުއްދަތަކަށް ކުދިންނަށް ދިރިއުޅެވޭނެ ގޮތަކަށް އުފައްދާ މަރުކަޒު ތަކެކެވެ.

މި ގަވައިދުގައި މި މަރުކަޒުތަކުން އަމަލުކުރާނެ ގޮތާއި، މިނިސްޓްރީގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް ބަޔާން ކޮށްފައިވެ އެވެ. އެގޮތުން މި މަރުކަޒުތަކުގައި ތިބޭ ކުދިންގެ ހައްގުތައް ކަށަވަރު ކުރުމުގެ އިތުރުން، އަމިއްލަ ފަރާތްތަކުން ހިންގާ މަރުކަޒުތަކުގެ ލައިސަންސު ދޫކުރުމުގެ ޒިންމާވެސް މަތިކޮށްފައިވަނީ ހޯމް މިނިސްޓްރީއަށެވެ. އަދި މަރުކަޒުތަކުން ދޭ ފަރުވާތަކާއި، މަރުކަޒުތަކުގައި ހުންނަން ޖެހޭ އެންމެ ދަށް މިންގަނޑުތައްވެސް ވަނީ ކަނޑަޅައިފަ އެވެ.

ކުދިންނަށް ދޭން ޖެހޭ ވަކިވަކި ހިދުމަތްތަކާއި ސިއްހީ ފަރުވާ އާއި އެ ކުދިންގެ ތައުލީމާއި އަންނައުނު އަދި ކާނާގެ އިތުރުން އާއިލީ ބައްދަލުވުންތައް ހަމަޖައްސަންވީ ގޮތުގެ ތަފްސީލުތައް ވެސް ބަޔާންކޮށްފައިވެ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަކީ، ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުޑަކުދިން ވަނުމުގެ ސަބަބުން ކުއްޖާ އަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުމާއި ކުއްޖާ ކުރާ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުމަށް އެ ކުއްޖާ ޖަވާބުދާރީވާން ބާރުއެޅުމުގެ މަގުސަދުގައި ހަދާފައިވާ ގާނޫނެކެވެ.

މި ގާނޫނުގައި ބުނާ ގޮތުން، ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރެވެ. ކުއްޖަކު ގާނޫނާ ހިލާފު ވެއްޖެ ނަމަ އެ ކުއްޖާ ހައްޔަރު ކުރަންވާނީ ފަހު ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް އެ ގާނޫނުގައި ބަޔާންކުރެ އެވެ.