ނަޝީދަކަށް ތާއީދެއް ނެތް، ރަނގަޅުވާނީ އެހެން ޕާޓީއެއް ހޯއްދެވުން: އިދިކޮޅު
ނަޝީދަކަށް ތާއީދެއް ނެތް، ރަނގަޅުވާނީ އެހެން ޕާޓީއެއް ހޯއްދެވުން: އިދިކޮޅު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ޕީޕީއެމް/އެމްޑީޕީގެ އިއްތިހާދެއް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތާއީދު ނުކުރައްވާ ކަމަށާއި ނަޝީދު ދެން ރަނގަޅު ވާނީ އެހެން ޕާޓީއެއް ހޯއްދަވައިގެން މަސައްކަތް ކުރެއްވުން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ނަޝީދަކަށް ތާއީދެއް ނެތް، ރަނގަޅުވާނީ އެހެން ޕާޓީއެއް ހޯއްދެވުން: އިދިކޮޅު
ނަޝީދަކަށް ތާއީދެއް ނެތް، ރަނގަޅުވާނީ އެހެން ޕާޓީއެއް ހޯއްދެވުން: އިދިކޮޅު

ޒަމާންވީ ގާތް ރަހުމަތްތެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ސިޔާސީ މަސައްކަތް ދެން ނުކުރެއްވޭނެ ކަމަށް އިއުލާނުކުރެއްވުމަށް ފަހު، ނަޝީދު މަސައްކަތް ކުރައްވަނީ އެމްޑީޕީ އާއި ޕީޕީއެމްގެ އިއްތިހާދެއް އެކުލަވައިލައްވަންކަން އެ މަނިކުފާނު ވަނީ އެކި ގޮތްގޮތަށް ހާމަކުރައްވައިފަ އެވެ.

ޕީޕީއެމާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރާނެ އިއްތިހާދެއްގައި ހުންނަންވާނެ ޝަރުތުތައް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމް އަދި ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޔާމީންގެ ސިޔާސަތުތަކާއި އެ މަނިކުފާނުގެ ދެކިވަޑައިގަންނަވާ ގޮތް ވިދާޅުވާނީ ނަޝީދު ނޫން ކަމަށާއި އެކަންކަން ހާމަކުރާނީ އިދިކޮޅު ކޯލިޝަންގެ ޕޯޑިއަމުން ކަމަށެވެ. ޔާމީން ވެސް ދެކެވަޑައިގަންނަވަނީ ޕީޕީއެމާއި އެމްޑީޕީ އަކީ ވަރަށް ތަފާތު ދެ ފިކުރުގެ ގޮތުގައި ކަމަށާއި ދެ ޕާޓީގެ ލީޑަރުން ގައުމާ މެދު ދެކެވަޑައިގަންނަވާ ގޮތް ވެސް ވަރަށް ތަފާތު ކަމަށް ވިދާޅުވި އެވެ.

އެހެންވެ ދުވަހަކު ވެސް އެމްޑީޕީގެ ސިޔާސަތުތަކާ އެކީ ކުރިޔަށް ދެވޭ ތަން ނުފެންނަ ކަމަށާއި ނަޝީދު ރަނގަޅު ވާނީ އެހެން ޕާޓީއެއް ހޯއްދަވައިގެން ސިޔާސީ މަސައްކަތްކުރަން އުޅުއްވުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"މިހާރު ވަރަށް ބައިވަރު ޕާޓީތައް އެބަ ހައްދަވާ. ރައީސް ނަޝީދު ވަރަށް ރަނގަޅު ވާނީ އެ ޕާޓީތަކަށް ރައީސް ނަޝީދުގެ ސިޔާސަތުތައް އިންކޯޕަރޭޓް ކުރައްވައިގެން ކުރިޔަށް ވަޑައިގަތީމަ މާ ރަނގަޅުވާނެ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އޮތް ޔާމީން ޑީލެއް ހަދައިގެން މިނިވަންކުރަން ނުޖެހޭ ކަމަށާއި އެ މަނިކުފާނަށް ކޮށްފައި އޮތީ ސިޔާސީ ހުކުމެއް ކަމާއި އިންސާފު ލިބެންޖެހޭ ކަމަށް ވެރިކަން ކުރާ ޕާޓީގެ ރައީސް ނަޝީދު ވެސް ގަބޫލުކުރައްވާކަން ހާމަކުރައްވާފައިވާ ކަމަށެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާއި ތަހުގީގުތައް ކުރިޔަށް ދާ ގޮތަށް ބަލައިލިޔަސް މިއަދާ ހަމަޔަށް ވެސް ގާނޫނާއި ގަވައިދުތަކަށް ބޯލަނބާކަން ހުރިހާ ރައްޔިތުންނަަށް ފެންނާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެހެންކަމުން ގާނޫނުއަސާސީ ނުދަންނަ ކަންކަން ނުކުރާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"މި ޕާޓީ މިއީ ޑީލް ހަދާ ޕާޓީއެއް ނޫން. ރާއްޖޭގައި އޮތް އެންމެ ބޮޑު ފިކުރު މިއީ. އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް ކުރާނީ ވަރަށް ސާބިތުކަމާއެކީގައި ވަރަށް ސާފު މަގުން،" ޝިޔާމް ވިދާޅުވި އެވެ.

ޑީލެއް ނުހެދިޔަސް 2023 ގެ ރިޔާސީ އިންތިހާބުގެ ކުރިން ޔާމީން މިނިވަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެއް ހެއްކަކީ އެމްޑީޕީން ވެސް ޔާމީން ޖަލުގައި އޮންނަވަން ޖެހިވަޑައި ނުގަންނަވާ ކަމަށް ބުނުން ކަމަށާއި ވަރަށް އަވަހަށް އެ މަނިކުފާނަށް އިންސާފު ލިބޭތަން ފެންނާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން ޔާމީނަކީ 2023 ގައި އިދިކޮޅުު ކޯލިޝަނުން ނުކުންނަވާނެ ކެންޑިޑޭޓް ކަމަށް ދެ ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެހެންވެ އެ ދެ ޕާޓީ ތެރެއިން އިތުރު ބޭފުޅަކު ނުނިކުންނަވާނެ ކަމަށާއި 2023 އަށް ކުރިމަތިލައްވާ، ކާމިޔާބު ވެސް ކުރައްވާނީ ޔާމީން ކަމަށް ޝިޔާމް ވިދާޅުވި އެވެ.