14 ޖުލައި 2021 - 12:49

ފަރުނީޗަރާއި އިލެކްޓްރޯނިކްސްގެ ވިޔަފާރިކުރާ އެސްޓާސްގެ އެކައުންޓް ރިސީވަބަލް މެނޭޖަރެއްގެ މަގާމުގައި ހުރި މީހަކު، އެ ކުންފުންޏަށް ލިބެން ޖެހޭ ބައި މިލިއަނެއްހާ ރުފިޔާ އަމިއްލަ އެކައުންޓަށް ޖަމާ ކުރި މައްސަލައިގައި ކުރި ދައުވާ ސާބިތުވެ އެ މިހާ 840،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކޮށްފި އެވެ.
އެސްޓާސްއިން ކްރެޑިޓަށް މުދާ ނެގުމަށް ފަހު އެ މުދަލަށްވާ ފައިސާ ދިނުމަށް އެކި ފަރާތްތަކުން ދޫކޮށްފައިވާ ޗެކުތަކެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ސޮއި ފޯޖުކޮށް، އެ ޗެކްތައް އެންޑޯސް ކުރުމަށްފަހު އަމިއްލަ އެކައުންޓަށް ޖަމާކޮށް، 579،050ރ. އަށް ހިޔާނާތްތެރިވި ކަމަށް ބުނެ ދައުލަތުން ކުރީ އެ މުވައްޒަފުގެ މައްޗަށް ކުރީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އެވެ.
އެސްޓާސްއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ދޭ ޗެކުތަކާ ހަވާލުވުމުގެ މަސްއޫލިއްޔަތު ދީފައިވާ އެ މުވައްޒަފު ޖުލައި 2009 އިން ފެށިގެން ޖޫން 2012 އާ ދެމެދު ޑޮލަރާއި ދިވެހި ރުފިޔާ ޗެކުތައް އެކި ފަހަރުމަތިން އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
އެ މުވައްޒަފު ވަނީ ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާވެފަ އެވެ. ނަމަވެސް، އިއުތިރާފުވީ މަޖުބޫރުކޮށްގެން ކަމަށް ޝަރީއަތުގައި ބުނެ އޭނާ ފަހުން ކުށަށް އިންކާރުކުރި އެވެ.
ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން އެސްޓާސްގެ އިސް ވެރިއަކު ބުނެފައިވާ ގޮތުން އެ ފައިސާ ނެތްކަން އެނގުނީ، އެސްޓާސްއަށް ފައިސާ ނުލިބިގެން އެ ކުންފުނިތަކަށް ގުޅުމުން، ޗެކު ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިތަކުން ބުނުމުންނެވެ. އެ ވާހަކަތައް ދެކެވެން ފެށުމުން، އެކައުންޓް ރިސީވަބަލް މެނޭޖަރު އޭނާގެ އެކައުންޓުން އެސްޓާސްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު އެ ފައިސާއަކީ އެހެން ކުންފުނިތަކުން ޖަމާކުރި ފައިސާ ކަމަށް ބުނެފައިވާ ކަމަށް އޭނާ ހެކިބަސް ދިނެވެ. އޭރު އިންޓަނެޓު މެދުވެރިކޮށް ޓްރާންސެކްޝަންތަކުގެ މައުލޫމާތު އެނގެން ނުހުންނަ ކަމަށް ބުނެފައިވެ އެވެ.
އެކައުންޓް ރިސީވަބަލް މެނޭޖަރު ވެސް ޝަރީއަތުގައި ވަނީ އޭނާގެ އެކައުންޓަށް ފައިސާ ޖަމާވި ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް، ބުނީ، އެއީ ބަޔަކު އޭނާއަށް ދިން ލަނޑެއް ކަމަށެވެ.
ހުކުމުގައި ފާހަގަކުރީ އެކަން ކުރީ ކޮން ބައެއް ކަމާއި އެ މީހުން އެކަމެއް ކުރުމުގެ މަގުސަދު އޭނާއަށް ބުނެނުދެވޭ ކަމަށެވެ. އަދި ލަނޑެއް ދިނުމަށް ބަޔަކު ތިން އަހަރުގެ މުއްދަތެއްގެ ތެރޭގައި އޭނާގެ އެކައުންޓަށް ޗެކުތަކެއް ޖަމާ ކުރަމުން ގޮސްދާނެ ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައިވެ އެވެ.
މި މައްސަލައިގައި 2013 ވަނަ އަހަރު ދައުވާކުރީ ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން އޭނާއަށް ކުށް ކަނޑައެޅި ނަމަ، އެކި ފަހަރުމަތިން އޭނާ ކޮށްފައިވާ އަމަލުތަކަށް ބަލައި އަދަބު ކަނޑައަޅާއިރު އޭނާގެ ހުކުމް 25 އަހަރަށް ވުރެ އިތުރުވާނެ އެވެ.
ޖިނާއީ މައްސަލަތަކުގައި އާންމު އުސޫލަކީ ހުކުމް ކުރުމުގެ ކުރިން ތަސްދީގު ކުރާ އާ ގާނޫނަކުން ކުށުގެ އަދަބަށް ލުޔެއް ލިބޭ ނަމަ ދައުވާ ލިބޭ މީހާއަށް ފަހުގެ ގާނޫނުގެ ދަށުން ލުއި ދިނުމެވެ.
ފަހުން އަމަލު ކުރަން ފެށި ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ކަނޑައަޅާ ނަމަ ކުރިއަށް ވުރެ ލުއި އަދަބެއް އެ މީހާއަށް ލިބޭނެ އެވެ. ފަހުގެ ގާނޫނުލްއުގޫބާތުގައި ވާ ގޮތުން ހިޔާނާތުގެ ކުށުގެ އަދަބަކީ ތިން އަހަރާއި، ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
އެހެންވެ، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ގާޒީ އާދަމް މުހައްމަދު ނިންމެވީ އޭނާގެ މިހާރު އަމަލު ކުރަމުންދާ ގާނޫނުލްއުގޫބާތުގެ ދަށުން އަދަބު ކަނޑައެޅުމަށެވެ.
ދައުވާ ލިބުނު މީހާއަކީ މިހާރު ޒިންމާދާރު ވަޒީފާއެއްގައި އުޅޭ މީހަކަށް ވާތީ އާއި ދައުވާ ކުރީ 2013ގައި ކަމަށް ވުމުން އަދަބު ޖަލު ހުކުމަކުން ޖޫރިމަނާއަށް ބަދަލުކޮށްދޭން އޭނާ އެދުނެވެ. އެކަމަށް ދައުލަތުން އިއުތިރާޒެއް ނުކުރެ އެވެ.
އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ގާޒީ އާދަމް މުހައްމަދު ކުރެއްވީ އޭނާގެ މައްޗަށް ކުށް ސާބިތުވާތީ އަދަބެއްގެ ގޮތުން 840،000ރ. އިން ޖޫރިމަނާ ކުރާށެވެ.
ޖޫޫރިމަނާގެ ބަދަލުގައި ޖަލު ހުކުމެއް ކުރި ނަމަ އެ މީހާގެ މައްޗަށް އަންނާނީ ފަސް އަހަރާއި، ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.