"ގައުމީ ޓީމުގެ ކުޅުންތެރިޔަކު ނެތި މޮޅު ނުވާނެޔޭ ބުނި"
"ގައުމީ ޓީމުގެ ކުޅުންތެރިޔަކު ނެތި މޮޅު ނުވާނެޔޭ ބުނި"

ގައުމީ ޓީމުގެ ކުޅުންތެރިޔަކު ނެތި ފުވައްމުލަކު މިސްކިތްމަގު ޓީމަށް ކާމިޔާބު ނުހޯދޭނެ ކަމަށް ގިނަ ބަޔަކު ބުނި ކަމަށާއި ޕޮލިސް ކްލަބް ބަލިކޮށް އެ ޓީމަށް ގައުމީ އަންހެން ވޮލީބޯޅަ ތަށި ހޯދައިދެވުނީ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ރަނގަޅު ސިސްޓަމެއް ބިނާކުރުމުން ކަމަށް މިސްކިތްމަގު ޓީމުގެ އީރާން ކޯޗު ބުނެފި އެވެ.

"ގައުމީ ޓީމުގެ ކުޅުންތެރިޔަކު ނެތި މޮޅު ނުވާނެޔޭ ބުނި"
"ގައުމީ ޓީމުގެ ކުޅުންތެރިޔަކު ނެތި މޮޅު ނުވާނެޔޭ ބުނި"

ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިން ހިމެނޭ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް ބަލިކޮށް މިސްކިތްމަގު ޓީމުން ގައުމީ ފައިނަލަށް ދަތުރުކުރިއިރު ފައިނަލުގައި މިރޭ އެ ޓީމު ވަނީ ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭ ޕޮލިހުގެ މައްޗަށް 3-1 ސެޓުން ކާމިޔާބު ހޯދައިފަ އެވެ.

"އެއްވެސް މީހަކު ހީނުކުރޭ އަހަރެމެން އައީ މެޑަލެއް ހޯދާށޭ. ވަރަށް ގިނަ މީހުން އަހަރެން ގާތު ބުނި ގައުމީ ޓީމު މީހަކު ނެތި ނުވާނެޔޭ ތިކަމެއް. އެކަމަކު އަހަރެން ބުނިން ރަނގަޅު ސިސްޓަމެއް އޮތިއްޔާ ތަށި ހޯދޭނެޔޭ. އެކަން މި ސާބިތުކޮށްދިނީ،" ހާމިދު މޮވަހެދީ ބުންޏެވެ.

ހާމިދު ބުނީ ވޮލީބޯޅައިގައި އެންމެ މުހިއްމީ ޓީމު ކުޅޭނެ ރަނގަޅު ސިސްޓަމެއް އޮތުން ކަމަށާއި އެކަންކޮށް އަދި ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުޅެ ބުރަކޮށް މަސައްކަތްކުރުމަކީ ކާމިޔާބީގެ ސިއްރު ކަމަށެވެ.

"ވަރަށް ރަނގަޅު ތަމްރީންތަކެއް ހެދިން އަހަރެމެން. އަނެއްކާ ކުޅުންތެރިން މެޗުގައި ސަތޭކަ ޕަސެންޓް ދިން. ޓީމު ވޯކް ވެސް ވަރަށް ރަނގަޅު. މިއީ ކާމިޔާބީގެ ސިއްރަކީ،" އީރާނުގެ ޔޫތު ޓީމުތަކާއި ބީޗް ވޮލީބޯޅަ ގައުމީ ޓީމަށް އިރުޝާދުދީފައިވާ ހާމިދު ބުންޏެވެ.

ޔޫތު ޓީމުތަކާއި ފުވައްމުލަކު ޓީމުގައި ހިމެނުނު އެންމެ މަޝްހޫރު އެއް ކުޅުންތެރިޔަކީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފާތިމަތު މަޒިއްޔާ އެވެ. އޭނާގެ އިތުރުން ބިދޭސީ ކުޅުންތެރިން ވެސް ވަނީ އެ ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ހާމިދު ބުނީ ރާއްޖޭގެ ވޮލީބޯޅައިގައި ކުރިމަގު އެބައޮތް ކަމަށާއި އެކަމަކު އެކަންކުރެވޭނީ ދިގު މުއްދަތުގެ ޕްލޭނެއް އޮވެގެން ކަމަށެވެ.

"ސައިންޓިފިކް ޕްރޮގްރާމްތަކެއް ކުރިއަށްގެންދަންވީ. ހަމަ ތިބެފައި މަސައްކަތަކެއްކޮށްގެން ކުޅިވަރުގައި ކާމިޔާބެއް ނުހޯދޭނެ. ޒުވާން ކުޅުންތެރިން ފާހަގަކޮށް ތަމްރީންދީ ދިގު މުއްދަތުގެ ޕްލޭނެއް އޮވެއްޖެއްޔާ ރާއްޖެ އަށް ސަރަހައްދުގައި ކާމިޔާބީ ހޯދޭނެ،" ޔޫއޭއީ އާއި ނޭޕާލާއި ލުބްނާން އަދި ޑެންމާކުގެ ޓީމުތަކަށް ކޯޗުކޮށްދީފައިވާ ހާމިދު ބުންޏެވެ.