15 ޖުލައި 2021 - 16:42

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ދިނުމުގައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ބެލިއިރު އޭގައި އިހުމާލުވެފައިވާ އެތައް ބައެއްގެ ތަފުސީލުތައް މިއަދު އޭސީސީ އަށް ފޮނުވައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ފްލެޓްތައް ދީފައިވާ ގޮތް ބެލުމަށް މި ސަރުކާރުން ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީ އަށް ފާހަގަވެފައިވާ އިހުމާލުތަކުގެ ތަފުސީލުތައް ފޮނުވަން އެދުނީ އޭސީސީންނެވެ.
އެނގިފައިވާ ގޮތުގައި މި ސަރުކާރުން އުފެއްދި ކޮމެޓީން ފާހަގަކޮށްފައިވާ ވަރަށް ގިނަ މައްސަލަތަކެއް އޭސީސީއާ ވަނީ ހިއްސާކޮށްފަ އެވެ. އެކަމަކު އޭގެ މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ. ހިޔާ ފްލެޓްތައް ދިނުމުގެ ހުރިހާ ކަމެއް އޭރު ކޮށްފައި ވަނީ ހައުސިން މިނިސްޓްރީންނެވެ.
ފްލެޓްތައް ދިނުމުގައި އެކި ސްޓޭޖްތަކުގައި އިހުމާލުތައް ފެންނަން ހުރި ކަމަށް ވެ އެވެ. އޭގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ މުވައްޒަފުންގެ ތެރެއިން ދައުވާކުރާނީ އަދި ކުރާނެ ދައުވާތައް ކަނޑައަޅާނީ އޭސީސީންނެވެ.
ރައީސް ޔާމީންގެ ސަރުކާރުން އެޅި 25 ބުރީގެ 16 ޓަވަރުގައި ހިމެނޭ ފްލެޓްތައް ދިން ގޮތް ބަލަން މި ސަރުކާރުން އެކުލަވާލި ކޮމެޓީގެ މަސައްކަތް ނިންމައި، ފްލެޓް ހައްގުވާ ފަރާތްތައް ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ ފަރާތްތަކާ އެކު ފްލެޓް ދިނުމުގެ އެގްރިމެންޓްގައި މިހާރު އަންނަނީ ސޮއިކުރަމުންނެވެ.