މަރުކަޒެއް ބަންދެއް ނުކުރަން، ބައެއް ހިދުމަތްތައް ރަނގަޅުކުރާތީ ވަގުތީ ގޮތުން މެދުކަނޑާލާފައިވޭ: އެންޑީއޭ
މަރުކަޒެއް ބަންދެއް ނުކުރަން، ބައެއް ހިދުމަތްތައް ރަނގަޅުކުރާތީ ވަގުތީ ގޮތުން މެދުކަނޑާލާފައިވޭ: އެންޑީއޭ

ފަރުވާދޭ އެއްވެސް މަރުކަޒެއް ބަންދުނުކުރާ ކަމަށާއި އެކަމަކު ސެންޓަރުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބައެއް ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް އުފައްދާފައިވާ ބައެއް މަރުކަޒުތައް ބަންދުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނީ ހިދުމަތްތަކަށް ބަދަލު ގެންނަން ފެސިލިޓީތައް މެޕުކުރުމާއި ފަރުވާ ޕްރޮގްރާމްތައް ހަރުދަނާކޮށް ތަރައްގީކުރުމުގެ މަސައްކަތްތަކެއް ހިނގަމުންދާ ކަމަށެވެ. އެހެންވެ، ބައެއް ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފައިވާ ކަމަށް ބުންޏެވެ.

އޭގެ ތެރެއިން އެއް ތަނަކީ ހދ. ހަނިމާދޫގައި ޑިޓޮކްސިފިކޭޝަން ސެންޓަރެވެ. އެންޑީއޭ އިން ބުނީ އެ ސެންޓަރުގައި ޑޮކްޓަރަކު ނެތުމުން ޑިޓޮކްސް ފަރުވާ ވަގުތީ ގޮތުން ހުއްޓިފައިވުމާއި ބައެއް ކަންތައްތައް ރަނގަޅުކުރަންޖެހޭ ކަމަށެވެ. އެކަމަކު، ކުރިއެކޭ އެއްގޮތަށް ކޮމިއުނިޓީ ފަރުވާ ދެ އެވެ.

ނަމަވެސް ފަރުވާދޭ އެއްވެސް މަރުކަޒެއް ބަންދުކުރަން ހަމަޖައްސާފައިނުވާ ކަމަށް އެ އެޖެންސީން ބުނެ އެވެ.

މާލެ ސަރަހައްދުގައި ޑިޓޮކްސިފިކޭޝަން ހިދުމަތަށް ބޭނުންވާ ގިނަ ބަޔަކު ތިބުމުން، އެ މީހުންނަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ޖުލައި 8 ވަނަ ދުވަހުން ފެށިގެން އަންނަނީ ޑިޓޮކްސް ފަރުވާ ދެމުންނެވެ.