17 ޖުލައި 2021 - 21:13

ފުލުހުންގެ އިދާރާއަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް 48 މިލިއަން ޑޮލަރު (740 މިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓެއް އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.
އާންމު ބިޑަކަށް ނުގޮސް، ކުންފުނިތަކުން ޕްރޮޕޯސަލް ހޯދައިގެން ކަނޑައެޅި ކުންފުންޏަކަށް ދިން މި ޕްރޮޖެކްޓަށް ފައިނޭންސްކުރަން ހަމަޖައްސާފައިވަނީ އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރުން ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ. މަޝްރޫއުގެ 85 ޕަސެންޓް އެގްޒިމް ބޭންކުން އަދި ބާކީ 15 ޕަސެންޓް ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި އެ ކުންފުނީގެ ޗެއާމަން ބުޕޭޝް ނާގަރާޖަން އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ، އެ އެއްބަސްވުމުގެ ދަށުން 61 ޕޮލިސް ފެސިލިޓީ އާއި އިމާރާތް ހަދާނެ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާ އެ ރަށުގައި މިހާރު ވެސް ފުލުހުން ބޭނުންކުރާ ދެ އިމާރާތެއް އިތުރަށް ތަރައްގީކުރުމާއި އަތޮޅު ތެރޭގެ ރަށްރަށުގައި 23 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން އަށް އަތޮޅެއްގައި ޕޮލިސް ސްޓޭޝަނާއި މާލެއާ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ޕޮލިސް ސްޓޭޝަނަކާއެކު ހަތަރު އެކޮމޮޑޭޝަން ބްލޮކް އިމާރާތެވެ.
ފުލުހުން ބުނީ އެ މަޝްރޫއުގެ ސަބަބުން ލާމަރުކަޒީ އުސޫލުން ރައްޔިތުން ބޭނުންވާ ފަދަ ޒަމާނީ ޑިމޮކްރެޓިކް ހިދުމަތެއް ދިނުމުގެ މަގު ތަނަވަސް ވެގެން ދާނެ ކަމަށެވެ. އޭގެ އިތުރުން، މީހުން ބަންދުކުރުމަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ވަސީލަތްތައް ގާއިމުވެ، އަސާސީ ގޮތުން ފުލުހުންގެ މަރުކަޒުތަކުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަވެގެން ދާނެ ކަމަށް ވެސް ބުންޏެވެ.
ޕީއެސްއައިޕީގެ ދަށުން މިހާތަނަށް ހިންގާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށްވުރެ ބޮޑު މި މަޝްރޫއަށް ކުރަންޖެހޭ ހަރަދު ނިސްބަތުން ކުޑަ ކަމަށް ވެބްސައިޓުގައި ބުނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، މިއަދު ހަވާލުކުރީ އުމްރާނީ ތަރައްގީއަށް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވައި، ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ދަށުން ހިދުމަތް ދިނުމަށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް އިންސާނީ ވަސީލަތާއި ގާނޫނާ ގަވާއިދުތަކާ ފުލުހުން ޒިންމާދާރުކުރުވޭނެ ޑިމޮކްރެޓިކް އުސޫލުތަކުގެ އިތުރުން އެކަށީގެންވާ އުމްރާނީ ވަސީލަތްތައް ކޮންމެހެން ބޭނުންތެރި ކަމަށެވެ.
އިންދިރާ ޕްރޮޖެކްޓުގެ ޗެއާމަން ބުޕޭޝް ވިދާޅުވީ ރާއްޖެއަކީ އެންމެންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ދިވެހި ސަރުކާރާއި ދިވެހި ފުލުހުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ފުރުސަތު ލިބުނީތީ އުފާ ކުރައްވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ދިވެހި ސަރުކާރުން ބޭނުންވާ ފެންވަރުގައި ކަނޑައެޅޭ ތަރީހުތަކަށް ނިންމައި ހަވާލުކުރާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.