ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝްގައި ބޭއްވުމުގެ ފުރުސަތު ކުޑަ، މުބާރާތް ނޭޕާލަށް!
ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝްގައި ބޭއްވުމުގެ ފުރުސަތު ކުޑަ، މުބާރާތް ނޭޕާލަށް!

ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް، ސާފު ޗެމްޕިއަންޝިޕް މި އަހަރު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖައްސާފައިވީ ނަމަވެސް އެ ގައުމުގައި މުބާރާތް ބޭއްވުމުގެ ފުރުސަތު ކުޑަވުމުން، މުބާރާތް ބާއްވަން ނޭޕާލުން ތައްޔާރަށް އޮތް ކަމަށް އެ ގައުމުން އިއުލާން ކޮށްފި އެވެ.

ބަންގްލަދޭޝްގައި ކޮވިޑް-19 ގެ ހާލަތު އޮތީ އަދިވެސް ގޯސްކޮށެވެ. އެހެންވެ އެ ގައުމުގައި މުބާރާތް ބޭއްވުމުގެ ހުއްދަ ސަރުކާރުން ދޭނެ ކަމަކަށް ނުބެލެވެ އެވެ. މުބާރާތް ބޭއްވޭނެ ކަމާމެދު ޔަގީންކަން ދޭނެ ގޮތެއް ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑްރޭޝަން (ބީއެއެފް) އަދިވެސް ހޯދިފައެއް ނުވެ އެވެ.

"އަހަންނަށް މި ވަގުތު ތި ސުވާލަށް ޖަވާބެއް ނުދެވޭނެ،" މުބާރާތް ބަންގުލަދޭޝްގައި ބޭއްވޭނެ ކަމާ މެދު އެއްވެސް ޔަގީން ކަމެއް ދެވިދާނެތޯ އެ ގައުމުގެ ޑެއިލީ ސްޓާ ނޫހުން ސުވާލު ކުރުމުން، ބީއެފްއެފް އާއި ސާފްގެ ވެސް ރައީސް ކާޒީ ސޮލާހުއްދީން ވިދާޅުވި އެވެ. "ސަބަބަކީ އެއްވެސް މީހަކު އަހަރެން ކައިރީ ނުވާނެއެކޭ ނުބުނޭ. އެންމެން ވެސް ބުނަނީ ހާލަތަށް ވާނެ ގޮތެއް ބަލަން މަޑު ކުރާށޭ. އެއްވެސް މީހަކަށް ނެތް ގެރެންޓީ ދެވޭކަށް. އެއީ މިވަގުތު އޮތް މައްސައަކީ."

ބަންގްލަދޭޝްގައި މުބާރާތް ބޭއްވޭނެ ކަމުގެ ޔަގީންކަން ނެތުމުން، ނޭޕާލުން މުބާރާތް ބާއްވަން ތައްޔާރު ވުމަށް އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ، ވަނީ އޯލް ނޭޕާލް ފުޓްބޯލް ފެޑްރޭޝަނަށާއި އެ ގައުމުގެ ސްޕޯޓްސް ކައުންސިލަށް ގޮވާލައްވައިފަ އެވެ.

"ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަހަރެން ގޮވާލަން މުބާރާތް ކާމިޔާބު ކުރަން ބުރަކޮށް މަސައްކަތް ކުރާށޭ،" އޯލީ ވިދާޅުވި އެވެ. "ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ގާބިލުކަން ނޭޕާލްގައި އެބަހުރި."

ސާފްގެ ހަތް ގައުމުގެ ތެރެއިން މުބާރާތުގައި ވާދަކުރާނީ ފަސް ގައުމުންނެވެ. ބޫޓާނުން ވަނީ ކޮވިޑްގެ ހާލަތު އޮތް ގޮތުން މުބާރާތުގައި ބައިވެރި ނުވާން ނިންމައިފަ އެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.

ސާފްގެ ޖެނަރަލް ސެކެޓްރީ ބަންގްލަދޭޝްގެ އަންވާރުލް ހައްގު ހިލާލް، އެ ގައުމުގެ ޖަގޯ ނިއުސް އަށް ކުރިން ވިދާޅުވި ގޮތުގައި ފަސް ޓީމު ވާދަކުރާ ނަމަ މުބާރާތު ގުރޫޕް ސްޓޭޖު ކުރިއަށް ގެންދާނީ ލީގު އުސޫލުންނެވެ. ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގަދަ ދެ ޓީމެވެ.

މުބާރާތް އެންމެ ފަހުން ވެސް ބޭއްވީ ބަންގްލަދޭޝްގަ އެވެ. ސެޕްޓެމްބަރު 2018 ގައި ޑާކާގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ އިން ހޯދީ އިންޑިއާ ބަލި ކުރުމަށް ފަހު އެވެ. ބަންގްލަދޭޝްގެ ގައުމީ ސްޓޭޑިއަމް ބަންގުބަންދު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދާތީ މިފަހަރުގެ މުބާރާތް ޑާކާގައި ނުބޭއްވޭނެ އެވެ. ބަންގްލަދޭޝްގެ އިރުއުތުރުގެ ސްޓޭޓް، ސެލެޓުގައި މުބާރާތް ބާއްވަން ބަންގްލަދޭޝް އިން ނިންމި އެވެ.

ބަންގްލަދޭޝްގެ ވިސްނުން ހުރީ މުބާރާތް އޮގަސްޓް ފަހު ކޮޅު ފަށައި ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ނިންމާލުމަށެވެ. ނަމަވެސް މުބާރާތް އެ ގައުމުގައި ބޭއްވޭނެ ކަމުގެ ޔަގީން ނެތުމުން މި އަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވިދާނެތޯ ވެސް ސުވާލު އުފެދެ އެވެ.

މުބާރާތް ނޭޕާލަށް ބަދަލު ކުރާނަމަ، އެކަން ވެގެންދާނީ 13 ވަނަ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ބިޑު އެވޯޑް ކުރާ ތިން ވަނަ ގައުމަށެވެ. އެންމެ ފުރަތަމަ ޕާކިސްތާންގައި ބާއްވަން އިއުލާން ކުރި މުބާރާތް ބަންގްލަދޭޝްގައި ބޭއްވުމަށް ފުރުސަތު ދިނީ އެ ގައުމުން އެދުނު ހާއްސަ އެދުމެއްގެ ދަށުންނެވެ. އެއީ އެ ގައުމުގެ ބާނީ ޝައިހް މުޖީބުއް ރަހްމާން (ބަންގުބަންދު) އުފަންވެ ވަޑައިގަތްތާ 100 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެންނެވެ.

ބަންގުބަންދަކީ އީސްޓް ޕާކިސްތާން މޫވްމެންޓް އުފައްދައި ބަންގްލަދޭޝް އުފެއްދުމުގެ ހިޔާލު އެންމެ އިސްކޮށް ގެންގުޅުއްވި ލީޑަރެވެ. ބަންގުލަދޭޝްގެ ފުރަތަމަ ރައީސްގެ މަގާމު އަދި ފަހުން ބޮޑުވަޒީރު ކަމުގެ މަގާމު އަދާކުރެއްވި ބަންގުބަންދު އުފަންވެ ވަޑައިގަތީ މާޗް 17، 1920 ގަ އެވެ. ބަންގުލަދޭޝްގެ ބޮޑުވަޒީރު ކަމުގައި ހުންނަވަނިކޮށް އެމަނިކުފާން އަވަހާރަކޮށްލީ 1975 ގަ އެވެ.