ކޮވިޑު-19: 7،000އެއްހާ ސާމްޕަލުން ޕޮޒިޓިވްވީ 80 މީހުން
ކޮވިޑު-19: 7،000އެއްހާ ސާމްޕަލުން ޕޮޒިޓިވްވީ 80 މީހުން

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑު-19 އަށް ޓެސްޓުކުރި 6،900 އަށްވުރެ ގިނަ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 80 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އެޖެންސީން ބުނީ އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް 6،928 ސާމްޕަލް ޓެސްޓުކުރި ކަމަށެވެ. އޭގެ ތެރެއިން، މާލެ ސަރަހައްދުން 16 މީހަކާއި ރަށްރަށުން 56 އަދި ރިސޯޓުތަކުން އަށް މީހަކަށް ބަލި ޖެހިފައި ވެ އެވެ.

އެ ބަލިން މުޅިން އަލަށް 142 މީހަކު ރަނގަޅުވެފައި ވެ އެވެ. އެހެންވެ، ކޮވިޑުގެ އެކްޓިވް ކޭސް މިހާރު އުޅެނީ 2،516 ގަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެނީ 23 މީހަކަށެވެ.

ކޮވިޑަށް ޓެސްޓުކުރާ މީހުންގެ އަދަދު ރިކޯޑު މިންވަރަކަށް އިތުރުވެފައިވަނީ، ބަލީގެ ހާލަތު ރަނގަޅުވުމާއެކު ދަތުރުކުރުމުގައި ދިން ލުއިތަކުގެ ސަބަބުންނެވެ. އެގޮތުން، ވެކްސިންގެ ދެ ޑޯޒު ޖެހިތާ 14 ދުވަސްވެފައިވާނަމަ، ޕީސީއާރު ނެގެޓިން ނަތީޖާއަކާއެކު ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ އެވެ.

އެ ލުއިތަކުގެ ސަބަބުން ސްކޫލު ބަންދާއި އީދު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ވަނީ ދަތުރުކުރަން ފަށައިފަ އެވެ.