އަހަރެމެން ބޭނުމީ ސިޔާސީ ހައްލެއް: ތާލިބާން
އަހަރެމެން ބޭނުމީ ސިޔާސީ ހައްލެއް: ތާލިބާން

އަފްގާނިސްތާނުގައި މިހާރު ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތައް ހައްލު ކުރަން، ތާލިބާން ޖަމާއަތުން ބޭނުންވަނީ ސިޔާސީ ގޮތުން ކަމަށް، އެ ޖަމާއަތުގެ ވެރިޔާ ހައިބަތުﷲ އަޚުންޒާދާ ވިދާޅުވެއްޖެ އެވެ.

ތާލިބާނުން އިސްކަން ދެނީ ސިޔާސީ ހައްލަކަށް ކަމަށް ހައިބަތުﷲ ވިދާޅުވި އިރު، އަފްގާނިސްތާނު ސަރުކާރު ސިފައިންނަށް ދޭ ހަމަލާތައް އެ ޖަމާއަތުން ވަނީ ވަރުގަދަކޮށްފަ އެވެ. އަނެއްކޮޅުން، އަފްގާނިސްތާނުގެ ދާހިލީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން، އަފްގާނިސްތާނު ސަރުކާރުގެ މަންދޫބުންނާއި ތާލިބާން ޖަމާއަތުގެ ސިޔާސީ ވެރިންނާ ދެމެދު، ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ދާ މަޝްވަރާތައް، މިއަދު ވެސް ކުރިއަށް ދިޔަ އެވެ.

"އަސްކަރީ ގޮތުން ލިބެމުންދާ ކުރިއެރުންތަކާއި، އަހަރެމެންގެ ބާރުގެ ދަށަށް އަންނަ ތަންތަން ގިނަކަމުގައި ވިޔަސް، (އަފްގާނިސްތާނުގެ) އިސްލާމިކް އެމިރޭޓް އިން ބޭނުންވަނީ، ގައުމަށް ސިޔާސީ ހައްލެއް ހޯދަން. އިސްލާމީ ވެރިކަމުގެ ނިޒާމަކާއި ސުލްހަ އާއި އަމާންކަން ގާއިމުކުރެވޭނީ، އިސްލާމީ ވެރިކަމެއްގެ ފަރާތުން އެކަނި،" ތާލިބާންގެ ވެރިޔާ މިއަދު ނެރުއްވި ބަޔާނުގައިވެ އެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓޯގެ ސިފައިން އެ ގައުމުން ފައިބަން ނިންމުމާ ގުޅިގެން، އެ ގައުމަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ގޮތުން، ގަތަރު ސަރުކާރު މެދުވެރިވެގެން، ތާލިބާނުންނާއި އަފްގާނިސްތާނު ސަރުކާރުގެ މަންދޫބުންނާ ދެމެދު މަޝްވަރާތައް ކުރަމުން އަންނަތާ މަސްތަކެއް ވެއްޖެ އެވެ. ނަމަވެސް މާ ބޮޑު ކުރިއެރުމެއް ނުލިބެ އެވެ.

މި ދިޔަ ޖޫން މަސް ނިމުމާ އެކު އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފޭބުމާ ގުޅިގެން، ތާލިބާނުން ވަނީ ސަރުކާރު ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް ދީ، ގައުމުގެ ގާތްގަނޑަކަށް 85 ޕަސެންޓް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ތާލިބާނުންގެ ހަމަލާތައް ވަރުގަދަކުރުމާ ވިދިގެން، ސުލްހައިގެ ވާހަކަތައް މެދުކެނޑިފައި އޮންނަތާ ދުވަސްތަކެއް ވުމަށް ފަހު، ދެ ފަރާތުގެ މަންދޫބުން ބައިވެރިވެގެން އިއްޔެ އަލުން ވަނީ ވާހަކަތައް ފަށައިފަ އެވެ.

ތާލިބާނުންގެ ވެރިޔާ ވިދާޅުވި ގޮތުގައި އެ ޖަމާއަތުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ސުލްހަވެރި ގޮތުގައި މައްސަލަ ހައްލު ކުރާށެވެ. ނަމަވެސް ސަރުކާރުގެ މަންދޫބުން އެކަމަށް ހުރަސް އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެމެން އަބަދުވެސް މި ބުނަނީ، ބިދޭސީންނަށް ބަރޯސާ ވުމުގެ ބަދަލުގައި، އަހަރެމެންގެ މައްސަލަތައް އަހަރެމެން އަމިއްލަ އަށް ހައްލުކޮށް، ތަޅާފޮޅުންތަކުން އަހަރެމެންގެ ގައުމު ސަލާމަތް ކުރަން އުޅޭށޭ،" ތާލިބާނުންގެ ވެރިޔާގެ މެސެޖްގައިވެ އެވެ.