އޯޕެކް ޕްލަސްގެ ނިންމުމާ އެކު ތެލުގެ އަގު ދަށަށް
އޯޕެކް ޕްލަސްގެ ނިންމުމާ އެކު ތެލުގެ އަގު ދަށަށް

ތެޔޮ އުފައްދާ މިންވަރު، އަންނަ އޮގަސްޓް މަހުން ފެށިގެން، އިތުރު ކުރުމަށް، އޯޕެކް ޕަލްސް (އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓް ކަންޓްރީޒް އާއި ބައިވެރިން) ގައުމުތަކުން އެއްބަސްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށަށް ދާން ފަށައިފި އެވެ.

މިމަހުގެ 18 ވަނަ ދުވަހު ބޭއްވި އޯޕެކް ޕްލަސްގެ ބައްދަލުވުމުގައި ނިންމީ، އަންނަ އޮގަސްޓް މަހުން ފެށިގެން، ކޮންމެ މަހަކު ވެސް، 400،000 ފީފާ އިތުރަށް ބާޒާރަށް ނެރުމަށެވެ. އެއަށް ފަހު، މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ދާއިރު، ދުނިޔޭގެ ތެލުގެ ބާޒާރުގެ ހާލަތު ހުރި ގޮތް ވަޒަން ކުރުމަށް ފަހު، ތެޔޮ އުފައްދާ މިންވަރަށް ބަދަލެއް ގެންނަން ފެންނަ ނަމަ، އެ ބަދަލަކާ މެދު ފަހުން މަޝްވަރާ ކުރާނީ އެވެ.

އޭގެ އިތުރުން، ގައުމުތަކުން ތެޔޮ އުފެއްދުމަށް ދޫކޮށްފައިވާ ކޯޓާ، އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި އަލުން މުރާޖައާ ކުރުމަށް ވެސް އޯޕެކް ޕްލަސް އިން ވަނީ ނިންމައިފަ އެވެ.

އޯޕެކް ޕްލަސްގެ ނިންމުމާ ގުޅިގެން، އިއްޔެ ދުނިޔޭގެ ތެލުގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ، ކުރިން ހުރި އަގުގެ ހަ ޕަސެންޓަށް ވުރެ މަތީ މިންވަރެއް ދަށްވެފަ އެވެ. ހަތްދިހަ ޑޮލަރުގައި ހުރި ތެޔޮ ފީފާއެއްގެ އަގު އިއްޔެ ވަނީ، 66.96 ޑޮލަރަށް ތިރިވެފަ އެވެ.

މިއީ ތެޔޮ އުފައްދާ ގައުމުތައް މާ ހިތްހަމަޖެހޭ ކަމަކަށް ނުވިޔަސް، ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމުން، ތެލުގެ އަގުން އުނިވި ބައި ފޫބެއްދޭނެ ކަމަށް އެ ގައުމުތަކުން ދެކެ އެވެ. އެ ގޮތުން އެމިރޭޓްސް އިން މިހާރު ތެޔޮ އުފައްދަމުން އަންނަނީ ދުވާލަކު 3.16 މިލިއަން ފީފާ އެވެ. ނަމަވެސް އޯޕެކް ޕްލަސް އިން އެންމެ ފަހުން ނިންމި ނިންމުމާ ގުޅިގެން، ދުވާލަކު 3.5 މިލިއަން ފީފާ ތެޔޮ އުފެއްދުމުގެ ހުއްދަ ޔޫއޭއީ އަށް އޮންނާނެ އެވެ. ހަމަ އެ ނިސްބަތުން، އޯޕެކް ޕްލަސްގެ ހުރިހާ ގައުމަކުން ވެސް، ތެޔޮ އުފައްދާ މިންވަރު އިތުރު ކުރާނެ އެވެ.

އޯޕެކް ޕްލަސްގައި ހިމެނޭ 23 ގައުމުން، ތެޔޮ އުފައްދާ މިންވަރު މިދިޔަ އަހަރުގެ ތެރޭގައި ވަކި ވަރަކަށް މަދުކޮށްލީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މުޅި ދުނިޔެ އަށް ފެތުރެމުން ދާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދީ ގޮތުން ކުރިމަތިވި ހީނަރުކަމުގެ ސަބަބުންނެވެ. ނަމަވެސް ކޮވިޑްގެ ހާލަތުގެ މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅުވާން ފަށާފައިވާތީ، އޯޕެކް ޕްލަސްގެ ގައުމުތަކުން މިހާރު ނިންމާފައިވަނީ، ތެޔޮ އުފައްދާ މިންވަރު، އަންނަ އޮގަސްޓް މަހުން ފެށިގެން އިތުރު ކުރާށެވެ.

ކޮވިޑާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުތައް ވަރަށް ބޮޑަށް މަދުވުމާ ގުޅިގެން، ތެލުގެ ބާޒާރުގައި އޮތް ޑިމާންޑް ދަށްވުމުން، ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުން ދުވާލަކަށް 9.7 ބިލިއަން ފީފާ ތެޔޮ މަދުކޮށްލަން އޯޕެކުން ނިންމީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެއަށް ފަހު، 2022 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން، އިހު އޮތް މިންވަރަށް ބާޒާރަށް ތެޔޮ ނެރެން ފެށުމަށެވެ.

އޯޕެކް ޕްލަސްގެ ގައުމުތަކުން މި އަހަރުގެ މެއި މަހުން ފެށިގެން ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަން ފަށައިފަ އެވެ. މެއި މަހުގެ ތެރޭގައި އޮތް އޯޕެކް ޕްލަސްގެ ބައްދަލުވުމަށް ސައޫދީ އަރަބިއްޔާ އިން ހުށަހެޅީ، ތެޔޮ އުފައްދާ މިންވަރު މަދުކުރަން ނިންމާފައިވާ ނިންމުން، 2022 ވަނަ އަހަރުގެ ނިޔަލަށް ދަމަހައްޓާށެވެ.
ނަމަވެސް އެކަމަށް ޔޫއޭއީ އިން ދެކޮޅު ހެދުމުން، ދެ ގައުމުގެ މެދުގައި އަރައިރުމެއް ވެސް އުފެދުނެވެ.

ސައޫދީ އާއި ޔޫއޭއީ އަކީ ވެސް މެދުއިރުމަތީގެ އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ދެ ގައުމަށް ވާތީ، ތެލުގެ މައްސަލައިގައި ދެ ގައުމުގެ ވާދަވެރިކަން ވެސް އެހާމެ ބޮޑެވެ.