24 ޖުލައި 2021 - 00:08

މީގެ ދެ ދުވަހެއް ކުރިން މާލޭގެ ހުކުރު މިސްކިތަށް އަރައި "މެޑިޓޭޓް" ކުރި މީހާ އަކީ ސައްހަ ވިސާގައި ރާއްޖެ އައިސް އުޅޭ ޗައިނާ މީހެއް ކަމަށާއި އޭނާ މިސްކިތަށް އެރީ އަޅުކަމެއް ކުރުމުގެ ގޮތުން ނޫން ކަމަށް ބުނެފި އެވެ.
ބިދޭސީ އަންހެނަކު އެ މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް ޣައިރު ދީނުގެ އަޅުކަމެއް ކުރަނީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކޮށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
އެ އަންހެން މީހާއާ ގުޅޭ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ މީހާ މިސްކިތަށް އެރީ މާލެ ތެރޭގައި ހިނގަމުން ގޮސް ވަރުބަލި ފިލުވައިލުމުގެ ގޮތުންކަމަށް އެ މީހާ ފުލުހުންނަށް ބަޔާން ދީފައިވެ އެވެ. އެތަނުގައި އިނީ އަޅުކަމެއް ކުރަން ނޫން ކަމަށާއި މެޑިޓޭޓްކުރުމަކީ އާދައަކަށް ހަދާފައިވާ ކަމަށް ވުމުން އެ ވަގުތު ވެސް މެޑިޓޭޓްކުރީ ކަމަށް އެ މީހާ ވަނީ ބުނެފަ އެވެ.
އަންހެން މީހާ މިސްކިތުގައި އިންއިރު، އޭނާގެ ކުރިމަތީގައި އެއްޗެއް އޮތްތަން ފެނެ އެވެ. ޔޯގާ ކަސްރަތު ކުރާއިރުގަ އާއި ބައެއް ދީންތަކުގެ މީހުން އެމީހުންގެ އަޅުކަމުގައި ވެސް އެގޮތަށް ތިބެ އެވެ.
މިސްކިތުގައި އެއްވެސް މީހަކު ނެތް ވަގުތެއްގައި އެތަނަށް އަރައި މެޑިޓޭޝަންގައި އޭނާ އިނުމުން ބަޔަކު އެކަން ފުލުހުންނަށް ވެސް ރިޕޯޓްކުރި އެވެ. އެކަމަކު ފުލުހުން ބުނެފައިވަނީ އެތަނަށް ފުލުހުން ދިޔައިރު އެކަހަލަ ކަމެއް އެތަނުގައި ހިނގާކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.