ޓްރޭނިން ކޭމްޕާއި އުމުރާގެ އަޅުކަމަށް މާޒިޔާ ސައުދީއަށް
ޓްރޭނިން ކޭމްޕާއި އުމުރާގެ އަޅުކަމަށް މާޒިޔާ ސައުދީއަށް

އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓްރޭނިން ކޭމްޕުގެ އިތުރުން އުމުރާގެ އަޅުކަން އަދާކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޓީމު ސައުދީ އަރަބިއާއަށް ފުރައިފި އެވެ.

މާޒިޔާގެ ޓްރޭނިން ކޭމްޕް ހަމަޖައްސައިދިނީ، އެފްއޭއެމް އާއި ސައުދީ އަރަބިޔާގެ ފުޓްބޯޅަ ފެޑްރޭޝަން ގުޅިގެންނެވެ. މާޒިޔާ އަށް ފުރި ޓީމުގައި، ލޯކަލް އަދި ބިދޭސީ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ އިތުރުން ޓީމުގެ އޮފިޝަލުން ވެސް ހިމެނެ އެވެ.

ޓްރޭނިން ކޭމްޕުގައި މާޒިޔާއިން ސައުދީ އަށް ފުރީ، މާލޭގައި ވެސް ދެ ހަފުތާ ވަންދެން ޓްރޭނިން ކުރިއަށް ގެންދިއުމަށް ފަހު އެވެ. ފުރަތަމަ ހަފުތާގައި މާޒިޔާގެ ޓްރޭނިން ކުރިއަށް ގެންދިޔައީ އެސިސްޓެންޓު ކޯޗު އަހްމަދު ޝުޒައިރުގެ ބެލުމުގެ ދަށުންނެވެ. އެއީ ހެޑު ކޯޗް ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ކަރަންޓީންގައި ހުރުމުންނެވެ.

ސައުދީގައި ޓްރޭނިން ކުރިއަށް ގެންދާނީ ޖިއްދާގަ އެވެ. ޓްރޭނިން ކޭމްޕު ނިންމުމަށް ފަހު މާޒިޔާއިން އެނބުރި ރާއްޖެ އަންނާނީ އަންނަ މަހު 14 ގަ އެވެ. އޭއެފްސީ ކަޕުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހު 18 ގަ އެވެ.

މިދިޔަ އަހަރު ވެސް އޭއެފްސީ ކަޕަށް ތައްޔާރު ވުމަށް އެފްއޭއެމުން ވަނީ މާޒިޔާ އަށް ޓްރޭނިން ކޭމްޕެއް ސައުދީގެ ޖިއްދާ އިން ހަމަޖައްސައި ދީފަ އެވެ. އޭރު އޭފްސީ ކަޕުގައި ވާދަކުރި ޓީސީ އަށް ވެސް އެ ފުރުސަތު އެފްއޭއެމުން ހަމަޖައްސައި ދިނެވެ. ޓްރޭނިން ކޭމްޕުގައި ސައުދީ އަށް ގޮސް މާޒިޔާ އާއި ޓީސީގެ ކުޅުންތެރިން އޭރު ވަނީ އުމުރާގެ އަޅުކަން ވެސް އަދާކޮށްފަ އެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޒޯން ނުވަތަ ގުރޫޕު ޑީގެ މެޗުތައް ކުޅެން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 15-24 އަށެވެ. ފުރަތަމަ ކުޅޭނީ ރާއްޖޭގެ ކްލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީގެ ޕްލޭ އޮފް މެޗެވެ. ގުރޫޕު ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭނީ އެއް ފަހަރު އެވެ. ގުރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ 18، 21 އަދި 24 ގަ އެވެ. ކޮންމެ މެޗު ޑޭއެއްގައި ދެ މެޗު ކުޅޭނެ އެވެ.

ގުރޫޕް ސުޓޭޖުން އޮޓޮމެޓިކް ޖާގަ ހޯދާފައި ވަނީ، މާޒިޔާގެ އިތުރުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން، އަދި ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސް އެވެ.

- އޯގަސްޓް 18

މާޒިޔާ - ބޮށުންދަރާ ކިންގްސް

އޭޓީކޭ މޯހަން ބަގާން - ބެންގަލޫރު އެފްސީ ނުވަތަ އީގަލްސް

- އޯގަސްޓް 21

އޭޓީކޭ މޯހަން ބަގާން - މާޒިޔާ

ބޮށުންދަރާ ކިންގްސް - ބެންގަލޫރު އެފްސީ ނުވަތަ އީގަލްސް

- އޯގަސްޓް 24

އޭޓީކޭ މޯހަން ބަގާން - ބޮށުންދަރާ ކިންގްސް

މާޒިޔާ - ބެންގަލޫރު އެފްސީ ނުވަތަ އީގަލްސް

އޭއެފްސީ ކަޕު ބާއްވަން ތިން ވަނަ ފަހަރަށް ރާއްޖެއިން ބިޑު ކާމިޔާބު ކުރީ ބަންގުލަދޭޝްއާ ވާދަ ކޮށްގެންނެވެ. އޭއެފްސީން ރާއްޖެއަށް ބިޑު އެވޯޑު ކުރީ، ރާއްޖެ އަށް ބިޑު އެވޯޑު ކުރާނެ ކަމާ މެދު އިންޑިއާގެ އެންމެ ބޮޑު ނޫސް "ޓައިމްސް އޮފް އިންޑިއާ" އިން ސުވާލު އުފައްދާފައި ވަނިކޮށެވެ.

"އޭއެފްސީން އަމަލު ކުރާނެ ގޮތެއް ދެން އަހަރެމެން ބަލަން ޖެހޭނީ. މެއި މަހު ދިވެހި ރާއްޖޭގައި ބާއްވަން މަސައްކަތްކޮށް އެކަން ވީގޮތުން އެ ގައުމުގައި މުބާރާތް ބާއްވާނެ ކަމަށް ބުނަން އުނދަގޫ،" އޭއެފްސީ ކަޕުގެ ބިޑިން ޕްރޮސަސް ގާތުން ބަލަމުންދާ ފަރާތަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން މި މަހު 6 ގައި ޝާއިކުރި ޚަބަރެއްގައި ވެއެވެ.

މެއި މަހު ރާއްޖޭގައި ބާއްވަން މަސައްކަތްކުރި ގުރޫޕް ސްޓޭޖު ފަސް ކުރަން އޭއެފްސީން ނިންމީ ރާއްޖޭގައި ކޮވިޑްގެ ހާލަތު އޭރު އޮތް ގޮތުންނާއި އޭއެފްސީ ކަޕް ޕްލޭއޮފްގައި ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅެން އައި އިންޑިއާގެ ބެންގަލޫރު އެފްސީން ކޮވިޑްގެ ޕްރޮޓޮކޯލް މުގުރާލައި އެ ޓީމުގެ ބައެއް ކުޅުންތެރިން ހޮޓަލުން ބޭރަށް ނުކުތް މައްސަލަ ފެންމަތި ވުމުންނެވެ.

ބެންގަލޫރު އަމަލުކުރި ގޮތުން ރާއްޖޭގައި މުބާރާތް ނުބޭއްވޭނެ ކަމަށާއި، އެ ޓީމު ރާއްޖެއިން ފުރުވާލަން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އެފްއޭއެމްއަށް އެންގުމުން، އެފްއޭއެމުން އެ މައްސަލަ އޭއެފްސީގެ ސަމާލުކަމަށް ގެނަ އެވެ.