26 ޖުލައި 2021 - 21:16

މިދިޔަ އަޟްހާ އީދުގެ ބަންދާ ދިމާކޮށް، ކޮވިޑް ވެކްސިން ފުރިހަމަކުރި މީހުންނަށް ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް އެޗްޕީއޭގެ އުސޫލަށް ގެނައި ބަދަލާ އެކު، ގިނަ ބަޔަކު ޗުއްޓީ އަށް ރަށްރަށަށް ދަތުރުކުރި ނަމަވެސް މިދިޔަ ތިން ހަފުތާގައި ކޮވިޑް ޕޮޒިޓިވިޓީ ރޭޓް އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވެކްސިން ފުރިހަމަކުރިތާ 14 ދުވަސްވެފައިވާ ނަމަ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު މޮނިޓަރިންގައި ނެތް ކޮންމެ ރަށަކަށް ވެސް ދެވޭ ގޮތަށް އުސޫލަށް ބަދަލު ގެނައީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެއާ އެކު ވެކްސިން ފުރިހަމަކޮށްގެން ރަށްރަށަށް ގޮސް ކަރަންޓީނުގައި ތިބި މީހުން ވެސް ދޫކޮށްލަން އެންގި އެެވެ. އަދި ވެކްސިން ފުރިހަމަކުރި މީހުންނާ އެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުދިންނަށް ވެސް ކަރަންޓީނުވާން ނުޖެހޭ ގޮތަށް ގެނައި ބަދަލުގެ ބޭނުން ހިފައި މާލެ އިން އެތައް ބަޔަކު ރަށްރަށަށް ދަތުރުކުރި އެވެ. މިއީ ބޮޑު އީދާއި މިނިވަން ދުވަހާ ދިމާކޮށް ލިބުނު ބޮޑު ޗުއްޓީއެއް ކަމުން ރަށްރަށުން ވެސް ގިނަ ބަޔަކު މާލެ އަށް އައިސްފައި ވެ އެވެ.
އެކަމަކު އެ ދިން ލުއިތަކާ އެކު ވެސް ކޮވިޑްގެ ކޭސްތައް އިތުރުވެފައިނުވާކަން އެޗްޕީއޭ އިން ކޮންމެ ދުވަހަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ ތިން ހަފުތާ އަށް ބަލާއިރު، ކޮވިިޑް ޕޮޒިޓިވިޓީ ރޭޓް އުޅެނީ 1.5 އާއި 2.7 އާ ދެމެދުގަ އެވެ. އެ މުއްދަތުގައި ބައްޔަށް ޓެސްޓްކުރި 146،091 ސާމްޕަލުން ޕޮޒިޓިވްވެފައި ވަނީ 2،952 ސާމްޕަލެވެ.
މި މަހުގެ މިހާތަނަށް 146،000 އަށް ވުރެ ގިނަ ސާމްޕަލް ޓެސްޓްކުރިއިރު މިއީ ރިކޯޑެކެވެ. މިދިޔަ މަސް ނިމުނުއިރު ޓެސްޓު ކޮށްފައި ވަނީ 142،000 ސާމްޕަލެވެ. އޭގެ ތެރެއިން 9،404 ސާމްޕަލް ޕޮޒިޓިވްވި އެވެ. އެހެންވެ، މިދިޔަ ޖޫން މަސް ނިމުނުއިރު ޕޮޒިޓިވިޓީ ރޭޓް ހުރީ 6.6 ގަ އެވެ.
ޕޮޒިޓިވިޓީ ރޭޓް ޖޫން މަހު، ހަޔަކަށް ވެއްޓިފައި ވަނީ މެއި މަހު އެ އަދަދު އެވްރެޖްކޮށް 23 ޕަސެންޓުގަ ހުރެފަ އެވެ.
ކޮވިޑް ބަލިން ދިފާއުވުމަށް ވެކްސިން ފުރިހަމަކުރި މީހުންނަށް ލުއިދީފައި ވަނީ ބޮޑު ބަންދަކާ ވެސް ދިމާކޮށެވެ. ސްކޫލުތައް ބަންދާއި އީދު ބަންދު އަދި މިނިވަން ދުވަހާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކާ އެކު ދިގު ޗުއްޓީއެއް ލިބުމުން ގިނަ ބަޔަކު ރަށްރަށަށް ގޮސް، އީދުގެ ކުޅިވަރުތަކުގައި ވެސް ބައިވެރިވި އެވެ. އެކަމަކު މިހާތަނަށް އެޗްޕީއޭ އިން ހިއްސާކުރަމުންދާ ކޮވިޑް ޓެސްޓްތަކުގެ ނަތީޖާތަކަށް ބަލާއިރު މި ދިން ލުއިތަކާ އެކު ކޮވިޑް މާ ބޮޑަކަށް ނުފެތުރެ އެވެ.
ބަލިން ދިފާއުވުމަށް މިހާތަނަށް 260،991 މީހަކު ވެކްސިން ފުރިހަމަކޮށްފައިވާއިރު 321،350 މީހުންނަކީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވި ގޮތުގައި ގޮތުގައި ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުންނަށް އަންނަ މަހުގެ ނިޔަލަށް ވެކްސިން ދޭނެ އެވެ. އެއީ އެންމެންނަށް ކޮވިޑް ވެކްސިން ދިނުމަށް ސަރުކާރުން ފަށާ ބޮޑު ޕްރޮގްރާމެއްގެ ތެރެއިންނެވެ.