27 ޖުލައި 2021 - 18:27

މާލީ މައުލޫމާތު ހާމަކުރުމުގައި މިދިޔަ އަހަރުތަކުގައި ރާއްޖެއިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު(އައިއެމްއެފް) އިން ބުނެފި އެވެ.
އައިއެމްއިން އާންމުކޮށްފައިވާ "ފިސްކަލް ޓްރާންސްޕޭރެންސީ ރިޕޯޓު" ގައި ބުނެފައިވާ ގޮތުން މާލީ މައުލޫމާތުތައް ދެފުށްފެންނަ ގޮތަކަށް އާންމުކުރުމުގައި މާލީ މުއާމަލާތްތައް ފޯކާސްޓު ކުރުމާއި ބަޖެޓު އެކުލަވާލުމުގެ މަސައްކަތްތައް "އެޑްވާންސްޑް" ލެވެލް ކަމަށް ކަނޑައަޅާފަ އެވެ. މިއީ މާލީ މައުލޫމާތު ހާމަކުރުމުގެ އެންމެ މަތީ ދަރަޖަ އެވެ. މީގެ އިތުރުން ކޮވިޑްގެ ހާލަތުގައި ކޮންމެ ހަފްތާއަކު މާލީ މުއާމަލާތްތައް އާންމުކުރުމުގެ ސަބަބުން ޕާފޯމެންސް ރިޕޯޓުތައް އާންމު ކުރުމަށް ވެސް އައިއެމްއެފް އިން ވަނީ އެންމެ ރަނގަޅު ދަރަޖަ ދީފަ އެވެ.
އައިއެމްއެފް އިން ބުނީ މާލީ މައުލޫމާތުތައް ހިމެނޭ ރިޕޯޓުތކުގައި އާންމުގޮތެއްގައި ހިމެނިފައިވަނީ ސަރުކާރުގެ އާންމު ހަރަދުތަކާއި ބަޖެޓާ ގުޅޭ މައުލޫމާތުތައް ކަމަށެވެ. އެހެން ނަމަވެސް ކޮންމެ އަހަރެއްގެ ފައިނޭޝަލް ސްޓޭޓްމެންޓްގެ ސައްހަކަމާ މެދު އެ އިދާރާއިން ވަނީ ސުވާލު އުފައްދައިފަ އެވެ. އެހެން ކަމުން އިންޓަނޭޝނަލް ރިޕޯޓިން ސްޓޭންޑާޑްތަކާ އެއްގޮތަށް އެ މައުލޫމާތުތައް އާންމު ކުރުމަށް އެއިދާރާއިން ވަނީ އެދިފަ އެވެ.
ގަވައިދުން ބަޖެޓާ ގުޅޭ މާލީ މައުލޫމާތުތައް ހާމަކުރުމުގެ ސަބަބުން ދެފުށްފެންނަ ނިޒާމެއް ގާއިމް ކުރަން އެހީތެރިވެ އެވެ. އެހެން ނަމަވެސް މާލީ ގޮތުން ހާސިލުކުރަން ބޭނުންވާ ޓާޖެޓުތައް އެންމެ ފުރިހަމައަށް ފެންނަން ނެތް ކަމަށް އައިއެމްއެފް އިން ބުނެފައިވެ އެވެ. އެގޮތުން މެދުރާސްތާ މާލީ ސްޓްރެޓެޖީތަކާއި ބަޖެޓް ފްރޭމްވޯކްތައް ފުރިހަމައަށް ތައްޔާރުކުރަން ޖެހޭ ކަަމަށް ބުނެފައިވެ އެވެ.
އައިއެމްއެފް އިން ބުނީ މާލީ މައުލޫމާތުތައް މެނޭޖުރުމާއި އެނަލައިޒް ކުރުމުގައި މިހާރަށްވުރެ ރަނގަޅު ނިޒާމެއް ބޭނުންވާ ކަމަށެވެ. އެގޮތުން އާމްދަނީ ޓޫރިޒަމް ދާއިރާއަށް ބަރޯސާވާ ވަރު ކުޑަކުރުމާއި އާމްދަނީ މެނޭޖްކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އެއިދާރާއިން ބުނެފައިވެ އެވެ.