ޒިލާގެ ކޯޗުކަމުގެ ދަށުން ކިންގްސް އިން ޓްރޭނިން ފަށައިފި
ޒިލާގެ ކޯޗުކަމުގެ ދަށުން ކިންގްސް އިން ޓްރޭނިން ފަށައިފި

ކިންގްސް ބާސްކެޓްބޯޅަ ކްލަބުގެ ކުރީގެ ކެޕްޓަން މުހައްމަދު ޒިލާލް (ޒިލާ) ގެ ކޯޗު ކަމުގެ ދަށުން އެ ކްލަބުން ޕްރެކްޓިސް ފަށައިފި އެވެ.

ޒިލާގެ ކޯޗުކަމުގެ ދަށުން ކިންގްސް އިން ޓްރޭނިން ފަށައިފި
ޒިލާގެ ކޯޗުކަމުގެ ދަށުން ކިންގްސް އިން ޓްރޭނިން ފަށައިފި

ޒިލާ، ކުޅުން ހުއްޓާލީ ނޭޕާލުގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސް އަށް ފަހު އެވެ. މިއީ ކުޅުން ހުއްޓާލި ފަހުން ކޯޗެއްގެ ގޮތުގައި ސީނިއާ ލެވަލްގައި އޭނާ ކުރާ ފުރަތަމަ މަސައްކަތެވެ. ޒިލާ ވަނީ ދާދިފަހުން ކިންގްސްގެ ޑައިރެކްޓާ އޮފް ބާސްކެޓްބޯލް މަގާމާ ހަވާލުވެފަ އެވެ.

ޒިލާގެ ކޯޗުކަމުގެ ދަށުން ކިންގްސް އިން ޓްރޭނިން ފަށައިފި
ޒިލާގެ ކޯޗުކަމުގެ ދަށުން ކިންގްސް އިން ޓްރޭނިން ފަށައިފި

""މިހާރު ނުކުޅަސް އަބަދުވެސް މި ކުޅިވަރަށް ހިދުމަތް ކުރުމުގައި ދެމިހުންނަން ބޭނުންވޭ. ބާސްކެޓްގެ ކޮންމެވެސް މަސައްކަތަކުން އަބަދުވެސް ފެންނާނެ،" އެ މަގާމާ ހަވާލުވުމަށް ފަހު ޒިލާ ބުނެފައިވެ އެވެ. "ކިންގްސްގައި ޑިވެލޮޕްމެންޓްގް ރަނގަޅު ޕްރޮޖެކްޓްތަކެއް ހުރީމަ ރަސްމީކޮށް މަގާމަކާ ހަވާލުވެގެން މަސައްކަތް މި ކުރަން ފެށީ."

މި އަހަރު މުބާރާތެއް ބާއްވާނެ ތާރީހެއް އަދި ނޭނގެ އެވެ. އެމްބީއޭއީން ނެރުނު ކަލަންޑަރުގެ ހަރަކާތްތައް ނުފެށެނީސް ކޮވިޑުގެ ބިރުވެރިކަން ބޮޑުވުމުން ކަލަންޑަރާ އެއްގޮތަށް މުބާރާތް ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތެވެ. ޖޫންގައި ބޭއްވި އެމްބީއޭ ކޮންގްރެސްގައި އިއުލާންކޮށްފައި ވަނީ ކަލަންޑަރަށް ނުބަލައި ބޭއްވެން އޮތް މުބާރާތެއް ބާއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކިންގްސްގެ ނައިބު ރައީސް، އިބްރާހިމް މުހައްމަދު ވިދާާޅުވީ، އެ ޓީމަކީ މުބާރާތް ފެށުމުގެ ވެސް މާ ކުރިން ކޮންމެ އަހަރަކު ވެސް ދުރާލާ ޕްރެކްޓިސް ފަށާ ކްލަބެއް ކަމަށެވެ. މުބާރާތެއް ބާއްވާނެ ދުވަހެއް އަދި މިހާތަނަށް އިިއުލާންކޮށްފައި ނުވި ނަމަވެސް ޓީމު ޕްރެކްޓިސް ފެށީ ކޮވިޑުގެ ހާލަތަށް ފަހު އަލުން ކުޅެން ނުކުންނައިރު ރަނގަޅު ފޯމެއްގައި ކުޅުންތެރިން ބޭތިއްބުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކުރީގެ ކެޕްޓަން ޒިލާގެ ބެލުމުގެ ދަށުން ޕްރެކްޓިސްތައް ފެށުމަކީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ލިބޭނެ ހިތްހަމަޖެހުމެއް،" އިބްރާހިމް ވިދާޅުވި އެވެ. "ޒިލާއާ އެކު ކުޅެން އެ ކުޅުންތެރިން އުންމީދު ކުރި. އެކަމަކު ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް އޭނާގެ ކޯޗު ކަމުގެދަށުން މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ވެސް އެ ކުޅުންތެރިންނަށް ރަނގަޅު ފުރުސަތަކަށް ވާނެ."

މި އަހަރު ވެސް އެ ޓީމަށް ކޯޗުކޮށް ދޭނީ ފިލިޕީންސްގެ ކޯޗު އެރިކް ސަމްސަން އެވެ. މުބާރާތް ފެށެން ކައިރިވުމުން އޭނާ މާލެ ގެންނާނެކަމަށް އިބްރާހިމް ވިދާޅުވި އެވެ.

އުމުރުފުރާ ލެވަލްގައި ކާމިޔާބު ހޯދާފައިވާ ތިން ކުޅުންތެރިން ކިންގްސް އިން ވަނީ ސޮއި ކުރުވައިފަ އެވެ. ގައުމީ 18 އަހަރުން ދަށުގެ ޓީމުގެ ކުރީގެ ވައިސް ކެޕްޓަން، ދޮވެމި އިބްރާހިމް ޝަފީގް އަދި ކުރިން ދެ ވަނަ ޑިވިޝަންގައި ވުލްވުސް އަށް ކުޅުނު މުހައްމަދު އައިކް ނީޝާމް ވެސް ވަނީ އެ ޓީމަށް ސޮއިކޮށްފަ އެވެ. އައިކުގެ ބައްޕަ، ނިޝާމް އަކީ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަނެވެ. ކާފަ އަކީ ދިވެހި ކުޅިވަރަށާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ރިނބިދޫ އަހްމަދު ނާސިރެވެ.

ކިންގްސް އަށް ދެން ސޮއި ކުރުވި އަނެއް ކުޅުންތެރިޔަކީ، ކުރީގެ ބާސްކެޓް ކުޅުންތެރިޔާ އައިޝާތު ނާޒިމާގެ ދަރިފުޅު، މުހައްމަދު ޖިދާދު (ދާދު) އެެވެ. އުމުރުން ނުވަ އަހަރުގައި ބާސްކެޓް ކުޅެން ފަށައި 2015 ގައި ދާދު ވަނީ ރާއްޖޭގެ ސީނިއާ ކްލަބު ލެވަލްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު ހަދައިފަ އެވެ. އޭރު ދެ ވަނަ ޑިވިޝަންގައި ކުޅުނު ރެޑް ލައިން ސިޓީ (އާރްއެލްސީ) އަށް ދާދު ކުޅުނު އިރު އޭނާގެ އުމުރަކީ 11 އަހަރެވެ.